ސެންޓަކީ ތަފާތު ވައްތަރުގެ މީރުވަސްދުވާ ގުދުރަތީ މާއްދާތަކުން ނަގާ ތެލުންނާއި ކެމިކަލްއާއި އެއްކޮށްގެން ތައްޔާރުކުރާ ދިގު ތާރީޚެއް އޮތް އެއްޗެކެވެ. ސެންޓް ތައްޔާރު ކުރަމުން ދާއިރު ތިން ނޯޓަކަށް ބަހާލައިގެން ތައްޔާރު ކުރެއެވެ. އެއީ ހެޑް ނޯޓްސް، މިޑްލް ނޯޓްސް އަދި ބޭސް ނޯޓްސްއެވެ. ސެންޓް ވިއްކަން ހުންނައިރު ވަރަށް ރަނގަޅަށް މި ނޯޓްސްތަކުގެ ވަސްތައް ބަޔާންކޮށްފައި ހުރެއެވެ.
ރަނގަޅު ސެންޓެއް ޚިޔާރުކުރަން އެނގުމަކީ މީހާގެ މޫޑަށް ހެޔޮ އަސަރެއް ގެނެސްދޭ ކަމަކަށްވާއިރު އެމީހަކަށް ކަމުދާ ސެންޓެއް ޚިޔާރު ކުރަން އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީހަކަށް ކަމުދާ ސެންޓެއްގެ ވަސް އަނެއް މީހަކަށް ކަމުނުނުދާ ފަހަރު އާދެއެވެ. ނަމަވެސް ބާޒާރުގައި އެންމެ ގިނައިން ހިނގާ ސެންޓްގެ ވައްތަރުތައް އެނގުމުން ސެންޓް ގަތުމަށް ފަސޭހަ ވެގެން ދާނެއެވެ.
ޑޮލްޗޭ އެންޑް ގަބާނާ
މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑޮލްޗޭ ލިލީ އަކީ ފޮނި ވަހެއް އެކުލެވޭ ފިޔާތޮށި ކުލައިގެ ރީތި ފުޅިއެއްގައި ގަންނަން ލިބޭ ސެންޓެކެވެ. ފިޔާތޮށި ލިލީއާއި، ފިނިފެންމަލާއި، ޖުމްހޫރީމޭވާ، ލުނބޯ އާއި މަސްކް އަދި ކެލާވެސް ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ މި ސެންޓްގައި ވަރަށް ގިނައިރު ވަސް ހުރެއެވެ. މިސެންޓަކީ މަލުގެ ވަހާއި ތާޒާ ވަހަށް ލޯބިކުރާ ފަރާތްތަކަށް ބޭނުން ކުރެވިދާނެ ސެންޓެކެވެ.
އިޑޯލް
އިޑޯލް އަކީ މަލުގެ ވަސްތަކަށް ޚާއްސަ ވަހެއް ހުންނަ ސެންޓެކެވެ. ފިނިފެންމަލާއި ހުނވަނދުމަލުގެ ވަސްތައް ހިމެނޭ ތާޒާ ވަހެއް ހިމެނޭ މިސެންޓަކީ ފޮނިވަހެއް ހުންނަ ސެންޓެކެވެ. އޮފީސްތަކަށާއި ކޮންމެ ދުވަހަކު ބޭނުން ކުރަން ރަނގަޅު މިސެންޓަކީ އަންހެނުންގެ މެދުގައި ވަރަށް މަގުބޫލު މީރުވަހެއް ހުންނަ ސެންޓެކެވެ.
އެލީ ސާބު
އެލީ ސާބު ސެންޓަކީ އަންހެނުންނަށް ވަރަށް ކަމުދާ ސެންޓެކެވެ. މަޑުފޮނިވަހެއް ހުންނާ މި ސެންޓަކީ މަލުގެ ޚާއްސަ ވަސްތައް ހުންނަ ސެންޓެކެވެ. މި ސެންޓްގެ މައިގަނޑު ވަހަކީ އެފްރިކަން އޮރެންޖު މަލުގެ ވަހެވެ. ދެން ހުވަނދުމަލެވެ. ހުދުމާމުއި އާއި ފިނިފެންމަލާއި އަދި އިތުރު މީރު ވަސްތައްވެސް ހިމެނެއެވެ. މީގެ ބޮޑީ ސްޕްރޭއާއި ލޯޝަންއާއި ބޮޑީ ކްރީމް އަދި ޝަވަރޖެލްއިންވެސް ވަރަށް ހިތްގައިމު ވަހެއް ދުވައެވެ. މިވެސް ވަރަށްގިނައިރު ވަންދެން ވަސްހުންނަ ސެންޓެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
ކްލައުޑް
މާތަކުގެ މީރުވަހާއި މޭވާތަކުގެ މީރުވަހާއި އެކުވެގެން އަންނަ ފޮނިފޮނި ވަހެއް ހުންނަ ކުލައުޑް އަކީ ލެވެންޑަރ އާއި ކާއްޓާއި، ވެނީލާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް މީރުވަސްދުވާ ސެންޓެކެވެ. މި ސެންޓްގެ ވަހަކީ ދުވާލުގެ ވަގުތުތަކާއި ރޭގަނޑުގެ ހަފްލާކަށްވެސް މުނާސަބު ސެންޓެކެވެ.
މިސް ޑިއޯ
މިއީ ވަރަށް މަޝްހޫރު އަދި އަންހެނުންގެ މެދުގައި ވަރަށް މަގުބޫލު ސެންޓެކެވެ. ބްލަޑް އޮރެންޖާއި، މެންޑްރިންއާއި، ތާޒާ ލިލީގެ ވަސްތައް އެކުލެވިގެންވާ މިސެންޓަކީ ވަރަށް ތާޒާ ވަހެއް ހުންނަ ސެންޓެކެވެ. މަޑުމަޑު ފޮނިވަހެއް ހުންނަ މި ސެންޓަކީ ވަރަށް ގިނައިރު ވަސްހުންނަ ސެންޓެކެވެ.
