ވާހަކަ: ޝުޢައިބު (3 ވަނަބައި)

(20 މާރޗް 2025 ގެ ނޫހާއި ގުޅޭ)

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އެއްދުވަހަކު ބަލިމީހާ ޝުޢައިބު ގާތުގައި ސުރައްޔާއާއި ބެހޭގޮތުން ވާހަކަތައް އޮޅުންފިލުވަން ބޭނުން ކަމުގައި ބުންޏެވެ. އަދި ކުރިން ދުވަހެއްގައި އެދެމީހުން ދެއްކި ވާހަކަތައް އަޑުއެހި ވާހަކަވެސް ބުންޏެވެ. ނަމަވެސް ޝުޢައިބުގެ ކެތްތެރިކަމާއިމެދު އަޖައިބުވާ ކަމަށްބުނެ ޝުޢައިބުއަށް ވަރަށް ތަޢުރީފު ކުރިއެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ޝުޢައިބު ބުންޏެވެ.

" ކަލޭ އަޅުގަނޑުގެ މިދިރިއުޅުމުގެ ކަންކަމާއިމެދު ވަރަށް ޝައުގު ވެރިކަން ހުންނަކަން ފާހަގަ ކުރެވިއްޖެ. އެއީ ކީއްވެގެންކަން ބުނެދީފާނަންތަ؟"

ބަލިމީހާ ވާހަކަ ކުރިޔަށް ގެންދަމުން ބުންޏެވެ.

"  އަޅުގަނޑަށް ޝުޢައިބުގެ ތިޔަ ރިވެތި ސިފަތަކާއި މާތް އަޚުލާގަށް ވަރަށް ބޮޑަށް ގަޔާވެ ރުހެވިއްޖެ. ހަގީގަތުގަވެސް ކަލެޔަކީ ވަރަށް ތަފާތު މީހެއް. ވީމާ އަޅުގަނޑު ކަލެޔަށް އެހީތެރިވާން ބޭނުން. "

ޝުޢައިބު އޭނާގެ ގާތުގައި ބުންޏެވެ.

" އަޅުގަނޑަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން ގެންދާ މީހެއްކަން މިއަދު ކަލެޔަށް އެގިއްޖެއެއްނު. އަދި މިދިރިއުޅުން އަޅުގަނޑަށް ފުދޭ. "

އޭނާގެ އެދުމުގެ މަތީން ޝުޢައިބުގެ ދިރިއުޅުން އެދުވަހާ ހަމަޔަށް އައިގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. ޝުޢައިބުގެ ވާހަކަތައް ނިމުމުން އޭނާ ބުންޏެވެ.

" އެއްގޮތަކަށްވެސް މާޔޫސްވާނެ ކަމެއްނެތް. ފަހުން ވާނޭ ގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެ. "

މިވާހަކަތައް މިގޮތަށް ދައްކަމުން، އޭނާ ޝުޢައިބުއަށް ހިތްވަރު ދިނެވެ.

ޝުޢައިބު ފަރުވާކުރަމުން ގެންދިޔަ ބަލިމީހާގެ ފަރުވާއަށް ބަރާބަރު އަށް މަސް ފުރިގެން ހިނގައްޖެއެވެ. އެއްދުވަހު ޝުޢައިބު އޭނާގެ ގާތުގައި އެހިއެވެ.

" މިހާރު އެއްވެސް ކަހަލަ އުނދަގުލެއް ވޭތަ؟"

ޖަވާބުގައި އޭނާ ބުންޏެވެ.

" އަޅުގަނޑުގެ ގައިގައި މިހާރު ބަލީގެ އެއްވެސް އަލާމާތެއް ހުރިހެނެއް ހިޔެއްނުވޭ. މިހާރު އެއްކޮށް ފަސޭހަ ވެއްޖެހެން ހީވަނީ. "

އޭނާ އެހެން ބުނުމުން ޝުޢައިބު ބުންޏެވެ.

" އިތުރަށް ދެން ކަލެޔަށް ކޮށްދޭނޭ ފަރުވާއެއް ނެތް. ﷲ ގެ ހެޔޮ ރަޙުމަތުން ކަލޭ މިއަދު ތިޔަ ވަނީ ބަލިން އެކީ ފަސޭހަވެފަ. ވީމާ މިހާރު އެނބުރި ރަށަށް ދިޔަސް އެންމެ ރަނގަޅު. "

ޝުޢައިބުގެ މިވާހަކަތައް އިވުމުން އޭނާ އެކަމާއި އުފަލުން ރޮވުނެވެ. އަދި ފަރުވާއަށް ޚަރަދުވީ ކިހާ ފައިސާއެއްތޯ އާއި ޝުޢައިބުއަށް އޭނާ ކޮށްދޭންވީ ކޮންކަމެއެއްތޯ އޮޅުންފިލުވިއެވެ. ޖަވާބުގައި ޝުޢައިބު އޭނާގެ ގާތުގައި ބުނީ، ކަލެޔަށް ފެންނަ އަގެއް ދިނީމަ ރަނގަޅުވާނޭ ކަމަށާއި އިތުރަށް ކަމެއް ކޮށްދޭން ބޭނުންވާ ކަމުގައި ވާނަމަ އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅަށް ހެޔޮ ދުޢާ ކޮށް ދެއްވާށެވެ.

ޝުއަޢިބުގެ ވާހަކަތައް އަހަން ހުރެފައި އޭނާ ބުންޏެވެ.

" ކަލޭ އަޅުގަނޑަށް ތިޔަ ކޮށް ދިނީ ވަރަށްބޮޑު ހެޔޮ ކަމެއް. އަޅުގަނޑުގެ ބައްޔާއިމެދު އެތައް ބޭސްވެރިންނެއް ރަނގަޅުނުވާނޭ ކަމަށް ބުނެ، އުންމީދު ކަނޑާލާފައި ވަނިކޮށް ކަލޭގެ މިންނެތް މަސައްކަތުން މިއަދު އަޅުގަނޑު މިވަނީ އެކީ ބަލިން ފަސޭހަ ވެފައި. އެހެން ކަމުން ކަލެޔަށް ޝުކުރު އަދާކުރާނޭ ގޮތެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ކަލެޔާއި ކުޑަކުޑަ ދަރިފުޅަށް ލިބޭނެ. އަދި މުޅި އުމުރުގައިވެސް އަޅުގަނޑު ޝުޢައިބުގެ މަތީން ހަނދާން ކުރާނަން. ހަގީގަތުގައިވެސް ކަލެޔަކީ ވަރަށް ކުޅަދާނަ ބޭސްވެރިއެއް ކަމާއިމެދު އަޅުގަނޑު ހެކިވަން. ޝުޢައިބު، ކަލޭ ތިޔަ މަސައްކަތުގައި ކުރިޔަށް ދިއުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަލެޔަށް އެހީތެރި ވެދޭނަން. އަދި އެއްދުވަހަކުން އެނބުރި އައިސް ކަލެޔާއި ބައްދަލުވެސް ކުރާނަން. "

މިހެން ބުނެފައި ފުދޭވަރެއްގެ ގިނަ އަދަދެއްގެ ފައިސާ އޭނާ ޝުޢައިބުއަށް ދިނެވެ.

ޖެހިގެން އައި ދުވަހު ބަލިމީހާ އޭނާގެ އަމިއްލަ ޝަހަރަށް ދިއުމަށްޓަކައި، ދަތުރަށް ތައްޔާރުވިއެވެ. އަދި ތައްޔާރުވެ ނިމުމަށްފަހު ޝުޢައިބުއާއި ބައްދަލުކޮށް އަޅުގަނޑު ދެން މިފުރައިގެން ދަނީ ކަމުގައި ބުނެ، ޝުޢައިބުއާއި ދަރިފުޅަށް އެކިކަހަލަ ހަދިޔާދީ، ސަލާން ކުރުމަށްފަހު އޭނާ ޝުޢައިބުއަށް އަލްވަދާއު ކިޔައިފިއެވެ.

އެވަގުތު ޝުޢައިބުގެ ހިތަށް އެރިޔެވެ. "ދުނިޔެއަކީ ހާދަ ގިނަ ފިލާވަޅުތަކެއް އިންސާނުންނަށް ބުނެދޭ ތަނެއް ނޫން ހެއްޔެވެ. ގެއަށް އަންނަ މެހެމާނުންނަކީ ތާއަބަދަށް ގޭގައި ތިބޭނޭ ބައެއްވެސްނޫނެވެ. ދެތިން ދުވަހު މަޑުކޮށްލުމަށްފަހު އެމީހުން ފުރައިގެން ދާނީއެވެ. ނިކަން ދެކެބަލާށެވެ. އެބަލިމީހާވެސް އޭނާ އައި ބޭނުން ފުދުމުން އޭނާގެ ވަޒަނަށް އެނބުރި އެދިޔައީއެވެ. ވީމާ ސުރައްޔާ އޭނާގެ ހަޔާތުން ވަކިވެ ދިޔުމުން އަޖައިބު ވާންވީ ވަކީން ކީއްވެ ހެއްޔެވެ. ދުނިޔޭގެ ހަޔާތަކީވެސް ހަމަ މީގެ މިސާލެއްކަން ކަށަވަރެވެ. އަހަރެމެން ކިތަންމެ ބޭނުންވީ ކަމުގައި ވިޔަސް އަބަދު ދުނިޔޭގައިވެސް ނުތިބެވޭނެކަން ދަންނަން ޖެހެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަޖަލު ހަމަވުމުން އެނބުރި ދާންޖެހޭނެ މީހެކެވެ. ބުއްދިވެރި ގޮތަކީ ދަތުރުގެ ކޮއްތު ހަމަކޮށްގެން އާޚިރަތުގެ ގޮވެއްޗަށް ދިއުމަށް ތައްޔާރުވެ ހުރުމެވެ. ބަލާ އަންނާނޭ ވަގުތެއް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ. " މިހެން ހިތަށް އަރާފައި ފުން ނޭވާއެއްލާ، ދެފަރާތަށް ބޯހޫރާލުމަށް ފަހު ދަރިފުޅު ސާރާ ގޮވައިގެން ގޭގެތެރެއަށް ވަނެވެ.

ބޭސްފަރުވާއަށް ޝުޢައިބުގެ ގާތަށް އައިމީހާ އެނބުރި ދިޔަފަހުން ދެމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޝުޢައިބުގެ މަސައްކަތަކީ ތަފާތު އެކި ބަލިތަކުގައި ފަރުވާ ހޯދުމަށް އޭނާގެ ގާތަށް އަންނަ މީހުނަށް ފަރުވާ ކުރުމުގެ އިތުރުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ސާރާގެ މުސްތަގުބަލަށްޓަކައި، އެދަރިފުޅަކީ ހަރުދަނާ ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރުމެވެ. މިގޮތުން ކައިރީ ހިސާބެއްގައި ހުރި ދީނީ ޢިލްމު އުންގަންނައިދޭ އެންމެ ރަނގަޅު މަދަރުސާއަށް ވެއްދިއެވެ. އަދި ސާރާއަށް ދީނީ ޢިލްމު އުނގެނުމަށް މަދަރުސާގެ އިތުރުން ޝުޢައިބުވެސް ދިޔައީ އޭނާއަށް އެނގިފައިވާ މިންވަރަކުން ޢިލްމު އުނގަންނައި ދެމުންނެވެ.

އެއްރޭ މަޣުރިބު ނަމާދު ކޮށް ނިމިގެން ޝުޢައިބު ދަރިފުޅާއިއެކު ޤުރުއާން ކިޔަވަން އިނެވެ. އަދި ދަރިފުޅު ކިޔަވަން އިން ވަގުތު އޭނާގެ މޫނުމަތިން އާދަޔާ ޚިލާފު މާޔޫސް ކަމެއް ޝުޢައިބުއަށް ފާހަގަ ކުރެވުނެވެ. ސާރާ ކިޔަވާ ނިމުމުން ޝުޢައިބު ވަރަށް ލޯބިން އޯގާތެރިކަމާއި އެކު ސާރާއާއި ސުވާލު ކުރިއެވެ.

" ދަރިފުޅާ! ދަރިފުޅު މިރޭ ކަމަކާ މާބޮޑަށް ދެރަވެފަ ހުރިހެން ބައްޕައަށް އެބަ ފާހަގަ ކުރެވޭ. ވީގޮތެއް ބައްޕަ ގާތު ބުނެފާނަންތަ. "

ބައްޕަގެ މިވާހަކަ އަހަން އިނދެ ސާރާ އިސްދަށަށް ޖަހާލިއެވެ. އަދި ވަރަށް ދެރަވެ އިނުމަށްފަހު ބައްޕަގެ ގާތުގައި ބުންޏެވެ.

" ބައްޕާ! އަހަރެންގެ މަންމަ އަހަރެންނާއި ބައްޕައާއި ވަކިން އެހެންތާކު އުޅެނީ ކީއްވެ؟ އަހަރެންނާއި އެކު މަދަރުސާގައި ކިޔަވަމުންދާ އެހެން ކުދީން އެކުދީންގެ މަންމައާއި ބައްޕައާއި އެކު އުޅެމުން އަންނަތަން ފެނޭ. އެކަމަކު އަހަރެންގެ ހުރިހާވެސް ކަމެއް ކޮށްދީ ހަދަނީ ބައްޕަ. "

" ބައްޕާ! އަހަރެންވެސް މަންމައާއި ބައްޕައާއި އެކު ވަރަށް ލޯބިން އުޅެން ބޭނުން. އެކަމަކު އަހަރެންގެ މަންމަ އަހަރެންގެ ގާތުގައި ނެތީމަ އެކަމާ ވަރަށް ދެރަވޭ. މަންމަ ގޭގައި ނޫޅޭތީ ބައްޕަވެސް ވަރަށް ދެރަވާކަން އެނގޭ. ބައްޕަ ވަރަށް ގިނައިން ރޯތަން ވެސް ދެކެން. "

" ބައްޕާ! މަންމަ އަހަރެންނާއި ވަކިވިހެން ތިލޯބިވާ ބައްޕަ ގެއްލޭކަށް އަހަރެން ބޭނުމެއްނޫން. މަންމަ ގެއްލުނުހެން ބައްޕަ ގެއްލިދާނެތީ އަހަރެން ވަރަށް ބިރުގަނޭ. "

އެކުޑަކުޑަ މައުސޫމް ސާރާގެ ލޮލުން ހިފެއްޓުމެއްނެތި ކަރުނަ ހިލުނެވެ. އަދި ގިސްލާ ރޮވުނެވެ. ޝުޢައިބު އެކުޑަކުޑަ ދަރިފުޅު ގަޔާ ބޮނޑި ކޮށްލުމަށްފަހު ބުންޏެވެ.

" ބައްޕަގެ ލޯބިވާ ދަރިފުޅާ! އެކި ކުދީންނަށް ނަސީބު ލިބޭނީ އެކި މިންވަރަށް. ދަރިފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ  ދަރިފުޅުގެ މަންމަ މިވަގުތު ދަރިފުޅުގެ ގާތުގައި ނެތުމަކީވެސް ދަރިފުޅުގެ ނަސީބުކަމަށް. ދަރިފުޅާ، ދެރަނުވޭ! މިބައްޕަ ދުވަހަކުވެސް ދަރިފުޅު ދޫކޮށްލާފައެއް ނުދާނަން. ބައްޕަގެ ހުރިހާވެސް އުފަލަކީ ބައްޕަގެ ތިޔަ ދަރިފުޅު ސާރާ. އަދި ބައްޕަގެ އުންމީދަކީ ދަރިފުޅު ކިޔަވާ މޮޅުކުއްޖަކަށް ވެގެން ބައްޕަ ފަޚުރުވެރިވާ ފަދަ ހެޔޮލަފާ ދަރިޔަކަށް ވުން. އަބަދުވެސް ކޮންމެ ނަމާދަކަށްފަހު މަންމައާއި ބައްޕައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރޭ! "

ކެތްތެރި ކަމާއިއެކު އެހިތުގައިހުރި ހިތާމަ ތައް ސިއްރު ކުރުމަށް ފަހު ޝުއަޢިބު ސާރާއަށް މިގޮތަށް ނަސޭހަތް ދިނެވެ.

އެރޭ ނިދަން އޮށޯވެ އޮވެ، ސާރާ ދެއްކި ވާހަކަ ތަކާއި ދޭތެރޭ ޝުޢައިބު ވަރަށް ވިސްނިއެވެ. ސުރައްޔާ އޭނާ އާއި ސާރާ އާއި ދޭތެރޭ ކަންކުރި ގޮތް ހިތަށްއަރާ ވަރަށް ހިތުގައި ޖެހުނެވެ. އަދި ބޭއިޚުތިޔާރުގައި އޭނާގެ ކުރީގެ މާޒީގެ ތެރެއަށް ގެނބެމުން ދިޔައެވެ.

އެންމެ ޒުވާން އުމުރުގައި ލޯބިވާ މަންމައާއި ބައްޕަ މިފަނާކުރުވަނިވި ދުނިޔެއާއި ވަކިވީއެވެ. އަޅާލާނެ މީހެއްގެ ގޮތުގައިހުރީ ގޮތުގައި  ހަމައެކަނި ބައްޕަ ފަރާތުގެ ބޮޑުބޭބެ އެވެ. އެކަނި ދިރިއުޅެން ޖެހުމުގެ ސަބަބުން ބޮޑުބޭބެގެ އެހީތެރިކަމާއިއެކު އާމްދަނީއެއް ހޯދޭނޭ ގޮތަކާއިމެދު ވިސްނަންޖެހުނެވެ. އޭނާގެ އެދުމާއިއެކު ދަނޑުވެރި ކަމުގައި ރެޔާއި ދުވާލު މަސައްކަތް ކުރި ހަނދާން ހިތުގައި އާލާވަމުން ގެންދިޔައެވެ. ގިނަ ދުވަސް ތަކެއްނުވެ އޭނާއަށް އަޅާލުމާއި އޯގާތެރިކަން ދޭންހުރި އެބޭބެވެސް މިދުނިޔެއާއި ވަކިވީއެވެ. އުމުރުގެ ދުވަސްތައް އެކަނިވެރިކަމާއި މާޔޫސް ކަމުގައި ވޭތުކުރަން ޖެހުނެވެ. އޭރު ވިސްނުނީ އެ އެކަނިވެރިކަމާއި ފަޅުކަން ފިލުވޭނީ އަމިއްލަ ދިރިއުޅުމެއް ފަށައިގެން ކަމަށެވެ. އެގޮތުން އެހިސާބުގައި ދިރި އުޅެމުން ދިޔަ ޒުވާން ރީތި އަންހެން ކުއްޖަކާއި ގުޅުމަށް ނިންމީއެވެ. އަދި އޭނާގެ ބައްޕައާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކިއެވެ. ބައްޕަގެ އެ އެދުމާއި ސުރައްޔާ ރުހި ގިނަ ދުވަސްތަކެއްނުވެ ދެމީހުން ކައިވެނި ކުރެވި ޝުޢައިބުގެ އަމިއްލަ ގެއަށް ސުރައްޔާ ބަދަލުކުރިއެވެ. ކައިވެނި ކޮށްގެން މިހޭދަކުރެވުނު ދުވަސްތަކުގެ ތެރޭގައި ސުރައްޔާގެ ފުށުން ފެންނަމުން ދިޔައީ އޭނާގެ ޒުވާން ހަށިގަނޑާއި، ގުދުރަތުން އޭނާއަށް ލިބިފައިވާ ރީތިކަމާއިމެދު ބޮޑާވެ އޭނާ ދުނިޔޭގެ އެކި ދަޅަތަކަށް ހެއްލެމުން ދިޔަތަނެވެ. ސުރައްޔާގެ ފަރާތުން ފެންނަމުން ދިޔަ މިނޭދެވޭ ކަންކަމުގެ ސަބަބުން ޝުޢައިބު އެކަމާއި ނުރުހި އެކި ގޮތްގޮތުން ނަސޭހަތް ދިނުމުންވެސް އޭނާގެ އުޅުމަށް ބަދަލެއް ނައެވެ. ޝުޢައިބުގެ އުމުރުގެ އެހާތަނަށްވެސް އޭނާ ގުޅިފައިވާ ހަމައެކަނި އަންހެނަކީ ސުރައްޔާ ކަމުން އޭނާގެ ހިތުގައި ސުރައްޔާ އާއި ދޭތެރޭ ވަރަށް ބޮޑަށް ލޯބި އުފެދުނެވެ. އެހެންކަމުން އެކައިވެނީގައި މައްސަލަތައްޖެހި ކައިވެނި ރޫޅެން އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް ޝުޢައިބުގެ ނިކަމެތިކަން އެކި ގޮތްގޮތަށް އޭނާއަށް ބުނެދީ ސުރައްޔާއަކީ ޝުޢައިބު އަށް އެކަށީގެންވާ މީހެއްނޫންކަން ދިޔައީ ބުނެދެމުންނެވެ. ސާރާ ލިބުމަށް ފަހުވެސް އޭނާގެ އެއުޅުމަށް ބަދަލެއް ނައެވެ. ވިޔާނުދާ މަގު ޚިޔާރު ކޮށް އޭނާ ދިޔައީ އަމިއްލަޔަށް ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. ކައިވެނީގެ ބޭރުން އެހެން މީހުނާއިއެކު ﷲ ޙަރާމް ކުރެއްވި އެތައްކަމެއް ދިޔައީ ކުރަމުންނެވެ. އެންމެ ފަހުން އިތުރަށް ޝުޢައިބު އޭނާއާއިއެކު ހަޔާތް ވޭތު ކޮށްފިނަމަ އޭނާއާއި ދަރިފުޅު ސާރާއަށް ފޫނުބެދޭނޭ ވަރުގެ ގެއްލުން ވެދާނޭ ކަމަށް ނިންމައި ސުރައްޔާ އޭނާގެ ހަޔާތުން އެއްފަރާތް ކުރީއެވެ. ސާރާއަށް ސުރައްޔާގެ ލޯބި އެންމެ ބޭނުންވި ވަގުތު އޭނާ ދުނިޔޭގެ ދަޅަޔަށް ހެއްލި ދަރިފުޅާއި ވަކިވެގެން ދިޔައީއެވެ. މިކަން ހިތަށްއަރާ ޝުޢައިބުގެ ދެލޯ ކަރުނައިން ފޯވިއެވެ. ނަމަވެސް ކުރާނޭ ކަމެއް ނެތް ކަމަށް ހިތަށް އަރުވާލުމަށްފަހު ﷲ އަށް ވަކީލު ކުރިއެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ނަމާދު ކޮށް ނިންމާލައިގެން މިސްކިތް ދޮށުގައި ރައްޓެއްސަކާއިއެކު ވާހަކަ ދައްކާލަން ޝުޢައިބު ހުއްޓެވެ. އެތަނުގައި އެހެން ހުއްޓާ މީހަކު އައިސް ބުންޏެވެ. " ޝުޢައިބު ހޯދަން މީހަކު ގޭދޮށުގައި އައިސް އެބަ ހުއްޓެވެ. " އެމީހާ އެހެން ބުނުމުން ރަހުމަތްތެރިޔާ ގާތުގައި އަދި ފަހުން ދިމާވާނޭ ކަމަށާއި، އެއައީ ބޭހެއް ހަދަން އައި މީހެއް ކަމަށް ވެދާނޭ ކަމަށް ބުނެ ޝުޢައިބު ގެއަށް ދިއުމަށް ހިނގައިގަތެވެ. އަދި ގެޔާއި އަރާހަމަވި ވަގުތު އޭނާއަށް ފެނުނީ އޭގެ ދުވަސްކޮޅެއް ކުރީން ޝުޢައިބުގެ ގާތަށް ބޭސް ފަރުވާ ކުރުމަށް އައިސް ހުރި މީހާއެވެ. ޝުޢައިބު ހުއްޓުން އަރައި އެވަގުތު އޭނާއާއި ސުވާލު ކުރިއެވެ.

" މިހާ ދުރަށް ދިގު ދަތުރެއް ކޮށްފައި ތިޔަ އައީ އަނެއްކާ ކޮން ވަނޑާމެއް؟ އަނެއްކާވެސް އިތުރު ބައްޔަކަށް ފަރުވާއެއް ހޯއްދަންވީތަ؟ ނޫނީ އިތުރު އެހެން މީހަކަށް ފަރުވާއެއް ހޯދަންތަ؟ "

އެއްފައްޗަކަށް ޝުޢައިބުގެ މިސުވާލު ތައް އޭނާއަށް އަމުނާލިއެވެ. އެވަގުތު އޭނާ ދެއަތަށް ބޯހޫރާލުމަށްފަހު ލާނެތް ގޮތަކަށް ހީލުމަށް ފަހު ސަމާސާ ކުރުމުގެ ރާގެއްގައި ބުންޏެވެ.

" އަޅުގަނޑަކަށް އެނގިފައެއް ނެތް މީގެކުރީން ހުރިހާ ދުވަހު ކަލެޔާއިއެކު މިގޭގައި އުޅުނު އިރުވެސް ކަލެޔަކީ ހަނދާން ބަލި މީހެއް ކަމެއް ކަމަކަށް. އެކަމަކު މިހާރު އެނގިއްޖެ ހަނދާނުގައި މައްސަލަ ތަކެއް އެބަ ހުރިކަން. އަޅުގަނޑު ބައްޔަށް ފަރުވާ ހޯދުމަށްފަހު، ފުރައިގެން ދަމުން ކަލޭ ގާތުގައި އަދި ވަރަށް އަވަހަށް ކަލެޔާ ބައްދަލު ކުރުމަށް އަންނާނޭ ވާހަކަ ނުބުނަންތަ؟ އަޅުގަނޑު އެހެން ބުނި ހަނދާން މިހާރު ނެތީދޯ؟ "

މިހެން ބުނުމަށްފަހު އޭނާ ހޭންފެށިއެވެ. ޖަވާބުގައި ޝުޢައިބު އޭނާގެ ގާތުގައި ބުންޏެވެ.

( ނުނިމޭ )

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ޢިބްރަތްތެރި ވާހަކައެއް. ހާދިސާތައް އަވަސް އަވަހަށް ގެނެސްދީފި ނަމަ އެހާހިތްގައިމުވާނެ

  2. އަލިފް- ޢައިން އަކީ ކޮން ބޭފުޅެއްބާ؟ އަމިއްލަ ނަން ބޭނުން ނުކުރަެްވަނީ ކީއްވެބާ؟ ރީތި މޮޅު ވާހަކައެއް

Leave a Reply to އީޝަލް ރައްދު ކެންސަލް

Your email address will not be published. Required fields are marked *