ކުޑަ އަންހެންކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެން ދިއުމުން ކުރިމަތިލާންޖެހުނު ހިތް ކުދިކުދި ވެގެންދާ އެތަކެއް ހާދިސާތަކެއް މައްޗަށް އުފައްދާފައިވާ "ކަނބުލޮ" ފިލްމުގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ. މި ޓްރެއިލާއިން ފެންނަނީ، މައުސޫމް އަންހެންކުއްޖަކަށް އަނިޔާވެރިކަމާއެކު ޖިންސީ ފުރައްސާރަ ކުރުމުން ކުރިމަތިލާންޖެހުނު ކެކުޅުމާއި، އެ ހާލަތުން އަރައިގަތުމަށް އޭނާ ކުރާ ހިތްވަރުގަދަ މަސައްކަތެވެ.
ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދި، ޔަޝްފާ ޢަބްދުލް ޣަނީގެ “ޔުކްތާ” ވާހަކައިގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މަޝްހޫރު ސްކްރީންޕްލޭ ލިޔުންތެރިޔާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ހުސެން މުނައްވަރު ޑައިރެކްޓްކުރާ މި ފިލްމަކީ މި ދެ ފަންނާނުންގެ ހަތަރުވަނަ މަސައްކަތެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ “ކަމަނަ” ފިލްމުގެ ވެސް ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދެވެ.
ޓްރެއިލާ ފެށެނީ އުފާވެރި މާހައުލަކުންނަމަވެސް، އެ އުފާވެރިކަން ވަރަށް އަވަހަށް ބިރުވެރިކަމާއި ހިތާމައަށް ބަދަލުވެގެންދެ އެވެ. ޝީލާ ނަޖީބުގެ ކެރެކްޓަރަށް އަނިޔާކުރާ މަންޒަރާއި، އިސްމާއީލް ރަޝީދުގެ (ކޮޕީ އިއްސެ) ރުޅިވެރި އަޑާއެކު ޓްރެއިލާގެ އަނދިރިކަން ގަދަވެގެންދެ އެވެ. ޚާއްސަކޮށް، އިއްސެގެ ކެރެކްޓަރު ރަހުމެއްނެތި ކަނބުލޮއާ ކުރިމަތިލާ މަންޒަރާއި، ބިރުން ތުރުތުރުއަޅަމުން “އަހަރެންނަކީ ކުޑަކުއްޖެއް” އޭ ބުނާ ބަސްކޮޅުން ހިތަށް ފުން އަސަރެއް ކުރުވައެވެ.
މީގެ އިތުރުން، ޓްރެއިލާގައި ކަނބުލޮގެ މަންމައެއް ފަދަ ޝަކީލާގެ ކެރެކްޓަރު “މާޔާއަށް ތި ހާލު ޖެއްސީ ކާކު؟” އޭ އަހާ ސުވާލަށް، އަހުމަދު ނިމާލްގެ ކެރެކްޓަރުން “އުމަރު ނޫނީ ކާކު؟” އޭ ބުނާ ނުރައްކާތެރި ޖަވާބުވެސް ހިމެނެ އެވެ. ކަނބުލޮ ވިހެއުމުގެ ވޭނުގައި ހަޅޭއްލަވާ މަންޒަރާއި، ޓްރެއިލާގެ އެންމެ ފަހު މަންޒަރުގައި، އޭނާ ހަލާކުވެފައިވާ ހާލު ރޮމުން “އަހަރެން ފާފައެއް ނުކުރާނަން” އޭ ބުނާ ބަސްކޮޅަކީ ޓްރެއިލާއިން ފެންނަ އެންމެ ހިތްދަތި އެއް މަންޒަރެވެ.
މި ފިލްމުގެ ތަރިންގެ ގޮތުގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުޙަހައްމަދު އަދި މަރިޔަމް ޝަކީލާ ހިމެނެ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. ޓިކެޓް ބުކް ކުރުމަށް 7458800 އަށް ގުޅާލެވޭނެ އެވެ.
