ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ޖުލައި މަހުގެ 28 ދުވަހުގެ 12 ޖެހުމުން އެއްވެސް ޝަރުތަކާ ނުލައި ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ.
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެެދު ޙަމަލާ ބަދަލުކުރަން ފެށީ ޖުލައި މަހުގެ މެދުތެރޭގައި، ސަރަޙައްދީ ރޮނގު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ. ތައިލެންޑުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ކެމްބޮޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެ މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކުރަން ފަށާފައެވެ. ދެ ފަރާތުން ވެސް ޙަމަލާ ދިނުމަށް ވަރުގަދަ ހަތިޔާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި ވައިގެ ޙަމަލާތައް ވެސް ދަނީ ދެމުންނެވެ. މިއީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާމެދު އެތައް ޒަމާނެއް ވަންދެން ދެބަސްވަމުންދާ މި ދެ ޤައުމުގެ ދެމެދުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36އަށް އަރައިފައެވެ. އޭގެތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޙަމަލާތައް ބަދަލުކުރާތީ، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 300،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. އިމުގެ މައްސަލައިގައި ކެމްބޯޑިއާއި ތައިލެންޑުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 35 މީހުން މަރުވެ، 270،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ބުރާސްފަތި ދުވަހު ފެށި ހަމަލާތައް ދީފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތިން ގާތްގަނޑަކަށް 360 ކިލޯމީޓަރު ދުރުގައި އޮންނަ ކެމްބޯޑިޔާއާއި ތައިލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަ ޓާ މޯއަން ތޮމް ފައްޅި ހިމެނޭ ސަރަހައްދަށެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.
