ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
ރާއްޖޭން ބޭރަށްދާ ކޮންމެ މީހަކަށް ބީއެމްއެލް އިން މިހާރު ވިއްކަނީ 500 ޑޮލަރެވެ. އެކަމަކު މިއަދު ގެނައި ބަދަލާ އެކު އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް (ގިނަވެގެން 2،000 ޑޮލަރު) އަދި އާސަންދަ އަދި އެންސްޕާގެ އެހީ ނެތި ދާ މީހެއް ނަމަ 1،000 ޑޮލަރު ލިބޭނެއެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަންނަން ލިބޭނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.
އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެ އެވެ.
އެއްވެސް އެހީއެއް ނުލިބި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހަކު ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން އަދި މި ލިޔުމުގައި ބައްޔާއި ބަލީގެ ހިސްޓްރީ އެނގެން ނެތް ނަމަ އެކަން އެނގޭނެ ވަކި ލިޔުމެއް، ޑޮކްޓަރުގެ ނުވަތަ ފަރުވާގެ އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ބޭނުންވާނެ އެވެ.
ބަލި މީހުންނަށް ބޭންކުން ވިއްކާ ޑޮލަރުގެ ލިމިޓު ބޮޑުކުރިއިރު، ދިވެހި ރުފިޔާގެ އަގު ރިކޯޑު މިންވަރަކަށް ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް ގޮސްފައެވެ. ބޭންކްތަކުން ރަސްމީ ރޭޓު 15.42 ރުފިޔާއަށް ޑޮލަރު ގަންނަން ނުލިބޭތީ ޒަރޫރީ ބޭނުންތަކަށް ވެސް ފަރުދުންނާއި އަދި ވިޔަފާރިތަކުން ވެސް ޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ.
