ލޯބިވެރިޔާ ވަކިވެގެން ކައިވެނި ރޫޅިގެން ނުނިދޭ ބައްޔަށް މުޖައްރިބު ފަރުވާ މިއޮތީ!

ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް އެންމެ ގިނަ ބައަކު ދިރިއުޅުންމަތިން ފޫހިވަނީ ލޯބިވެގެން އުޅުނު ލޯބިވެރިޔާ ވަކިވުމުން، ކައިވެނި ރޫޅުމުންނެވެ. ލިބޭ މާޔޫސްކަމުގައި އެއްބައަކު ރޮއި ކަރުނައަޅަނީއެވެ. އަނެއްބައަކު ޝައިޠާނާގެ ބަހަށް ހެއްލި ނުބައި މަގުތަކުން ހިނގަން ފަށަނީއެވެ. ކެތްތެރިވެ ސާބިތުވެވެނީ މަދު މީހަކަށެވެ.

އެހެންވެ ސުވާލެއް ކޮށްލާނަމެވެ. ދުނިޔެއަށް އުފަންވަނީ މައިންބަފައިންގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވާ ޙާލުގައި ނޫންހެއްޔެވެ؟ އެންމެ މުހިންމު ރިޒުޤަކީ މައިމީހާގެ ގާތުން ބޯ ކިރު ނޫންހެއްޔެވެ؟ އެކަމަކު މައިމީހާ ނިޔާވުމުން ކިރުފޮދު ލިބޭހެއްޔެވެ؟ މައިމީހާ ނިޔާވީތީ ރިޒުޤް ނުލިބޭ ހެއްޔެވެ؟

އެހެންވީއިރު ތިބާ ބޮޑުވެ މީހަކަށްވެ ކައިވެނިކޮށްގެން ދިރިއުޅެނިކޮށް އެކަނިވެރިވާންޖެހުނިއްޔާ ރިޒުޤް ނުލިބިގެން މަރުވާންޖެހޭނެ ކަމަށް ޤަބޫލުކުރަންވީ ކީއްވެގެންހެއްޔެވެ؟ ދެން އޮތީ ގާތުގައި ދަރިން ތިބިކަމެވެ. ބަލަ ﷲ ތަޢާލާ އެކުދިން ދުނިޔެއަށް ފޮނުއްވެވީ ރިޒުޤާއިއެކުގައި ނޫންހެއްޔެވެ؟ ދެން އޮތީ ދަތިޙާލުގައި އުޅެންޖެހުމެވެ. ބަލަ އެއީ ކުރިމަތިކުރައްވަވާ އިމްތިޙާނެއް ނޫންހެއްޔެވެ؟

އިތުރު މިސާލެއް ބުނެލާނަމެވެ. ތިބާ އިމްތިޙާނެއް ހެދުމަށް ހޯލަށް ވަނުމުން ސުވާލުކަރުދާސް ދީފިއެވެ. ތިބާ ޖަވާބެއް ނުދެއެވެ. ހަމަ ރޮއި ކަރުނަ އަޅަނީއެވެ. ވަގުތު ހަމަވެގެން ކަރުދާސްގަނޑު ބަލައި އައިއިރު ކަރުދާސްގަނޑު އޮތީ ކަރުނައިން ފޯވެފައެވެ. ދެން ޤަބޫލުކުރަންވީތީ އެހައި ގިނައިން ތިބާ ރުއީތީ އިމްތިޙާނުން ފާސްކޮށްދޭނެ ކަމަށް ހެއްޔެވެ؟ އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟

އަހުރެންނާއި ބައްދަލުވި މީހުން މިހައިތަނަށް ކިޔައިދީފައިހުރި ވާހަކަތަކަށް ބަލައި ބުނަމެވެ. އެމީހާގެ ކުށެއް ނެތި ލޯބިވެރިޔާ ގެއްލިއްޖެނަމަ ބަދަލުގައި މާރަނގަޅު މީހަކު ވަނީ ދެއްވަވައިފައެވެ. އަދި ކައިވެންޏަށްފަހު ތިމާގެ ކުށެއް ނެތި އެކަނިވެރިވާންޖެހުމުން ﷲ ތަޢާލާއަށް ވަކީލުކުރިނަމަ، އިމްތިޙާނުގެ ދުވަސްކޮޅަކަށްފަހު ދެއްވަވާ އުފާވެރިކަން މާބޮޑެވެ!

ވީމާ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ކަންބޮޑުވެ މާޔޫސްވެ ނުނިދި ރޯންޖެހޭބަލި ނުޖެހޭށެވެ. ނިދަން އުނދަގޫވެއްޖެނަމަ ނިދިއަންނަންދެން ޛިކުރުކުރާށެވެ. ނަމާދުކުރާށެވެ. ޤުރްއާންކިޔަވާށެވެ. ދުޢާކުރާށެވެ! އެފަދަ އަޅަކު ﷲ ތަޢާލާ މާޔޫސް ނުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ

މީހުން ހަދާ ދިރާސާތަކަށް ބަރޯސާނުވާށެވެ. ތިމާ ދަންނަ އެކުވެރިންގެ ޙަޔާތަށް ބަލާށެވެ. ބައްދަލުވާ މީހުންނާއި ވާހަކަދައްކައި އޮޅުންފިލުވާށެވެ! މި ދެއްކި ވާހަކަތަކަކީ މުޖައްރިބް ފަރުވާކަން އެނގިގެންދާނެއެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *