އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ ހޯމަ ދުވަހުއެވެ. ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުޞަތުގައި ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.

އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަންދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ. އަދި ރައީސުލްޖހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ.

ޢުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެނެވެ. އެ މަގާމަށް ޖޭއެސްސީއިން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެ ބޭފުޅުންނާއި ޖޭއެސްސީއިން އިންޓަވިއު ކުރެއްވުމަށްފަހުގައި ރައީސްއަށް ޣަނީ އައްޔަންކުރެއްވުމަށް ވަނީ ލަފާފުޅު އަރުވާފައެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި އެއަށްފަހުގައި2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވެވިއެވެ. އަދި މިދިޔަ އަހަރު ޣަނީ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *