ޒީލަން (5)

(30 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒީލަންއާއި ފަޒީންގެ ރަހްމަތްތެރިކަން ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފަހީމައްތަ ރޭގަޑު ނޫޅޭތީ ފަޒީން ކޭންބެއްލެވުމުގެ ކަންތައް ބަލަހައްޓަނީ ޒީލަންއެވެ. އެގޮތަށް އުޅޭއިރު ފަޒީން އެދިލެއްވުމުގެ މަތިން ޒީލަންވެސް ފަޒީންއާއެކު ކައެވެ. މިހެންތިބޭއިރު ތަފާތު ވާހަކަދައްކައެވެ.

އެއްރެއަކު ފަޒީނަށް ގެއަށް ދުރުވެވުނީ  އެގާރަވެސް ޖެހިފަހުންނެވެ. ސިޓިންރޫމްގައި ފަޒީންދުރުވަންދެން ޒީލަން ފިލާވަޅު ދަސްކުރަން އިނެވެ. ފަޒީންފެނުމާއެކު ކޭންބެއްލެވުން ތައްޔާރު ކުރަންވީތޯ އެހިއެވެ.

”ނޫން. އަހަރެން މިއައީ ޕާޓީއަކުން. އެކަމަކު ކޮފީއެއްވަރަށް ބޭނުން. ޓެރަސްއަށް ކޮފީތައްޓެއް ގެންދެވިދާނެތަ؟ ރޭގަނޑު ޓެރަސް ވަރަށް ހިތްގައިމުވާނެ.” އޭނާ މައްޗަށް އަރުއްވަމުން ބުނުއްވިއެވެ.

ޒީލަން ކޮފީ ތައްޔާރުކޮށްގެން މައްޗަށްދިޔައެވެ. މޭޒުމަތީ ކޮފީތަށި ބެހެއްޓުމަށްފަހު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާއަށް ވަރަށް ރީތިކޮށް ކަނޑުފެނެއެވެ. ކަނޑުގައި ދުއްވާފައިދާ އުޅަނދުފަހަރުގެ އަލިތައް މަޑުމަޑުން ދާމަންޒަރު އޭނާއަށް ވަރަށް ރީއްޗެވެ. އިރުއިރުކޮޅާއި ބީހިލާ މަޑުވައިރޯޅިން މުޅިހަށިގަޑަށް މަޑުފިންޏެއްގެ އަރާމު އިހުސާސްކުރުވައެވެ. ޓެރަސްގެ ދެކުނުފަރާތުގައި މުށިގަނޑުތަކުގައި އިންދާފައިވާ ބަގީޗާ ގަސް ތަކުގައި ފޮޅިފައިވާ މާތަކުން ދޭތެރެދޭތެރެއިން މީރުވަސް މުޅިތަނަށް ފެތުރެއެވެ. ނަމަވެސް މިހިތްގައިމު ގުދުރަތީ މަންޒަރަށްވުރެ ޒީލަންގެ ޚިޔާލުގޮސްހުރީ ޝައީމާއިމެދުގައެވެ. ޝައީމާއެކު އޭނާގެ ދިރިއުޅުން ހޭދަކުރާނެ ގޮތަކާއި މެދުއެވެ. އެދެމީހުން ކޮލެޖްގެ ލައިބްރަރީން ބައްދަލުކުރެއެވެ. ބައެއްފަހަރު  ޒީލަންގެއަށް ލައިދޭންވެސް އާދެއެވެ. ޝައީމުގެ އަޅާލާ މިންވަރުން ޒީލަންވެސް ޝައީމުދެކެ ލޯބިވާކަން އިހުސާސް ކުރެވެއެވެ. ކޮންމެދުވަހަކުވެސް ކުލާސް ނިމުމުން ޝައީމު އޭނާ ބަލާއަންނަންދެން ބޭރުގައި މަޑުކޮށްގެންހުރެއެވެ. ޝައީމާއިބައްދަލުވުމުން މިހާރު އޭނާ ހިތްހަމަޖެހެއެވެ.

”ލަސްވެއްޖެދޯ! ކުޑަކަމަކު ރައްޓެއްސަކު ގުޅީމަ ލަސްވީ.” ޒީލަން ޚިޔާލަށްގެއްލިފައި އިންވަރުން ފަޒީން ދުރުވިކަންވެސް ނޭނގުނެވެ.

ޒީލަންއަވަސްއަވަހަށް ތެދުވިއެވެ.

”ނޫން އަޅުގަނޑަކަށްލަހެއްނުވޭ.” ޒީލަން އިސްދަށަށް ޖެހިއެވެ. ފަޒީން އެހާ ގާތްކޮށް ވާހަކަ ދައްކާއިރުވެސް އޭނާ ލަދުގަނެއެވެ. އިޙުތިރާމް ކުރެވެއެވެ.

” ޒީލަން ކޮޅަށްތިހުރީ ކީއްވެ.” ޒީލަން ކޮޅަށްހުރުމުން ފަޒީނު ބުނުއްވިއެވެ.

ޒީލަން އިށީނެވެ. ދެމީހުން މިހާރަކަށް އައިސް ވަރަށް ގިނަވާހަކަ ދައްކައެވެ. ނަމަވެސް މިހަމަހިމޭން ހިތްގައިމުރޭ އެދެމެދުގައިވަނީ ފަޅުކަމެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މުޅިތަނަށްވެސް ވަނީ ހިމޭންކަން ވެރިވެފައެވެ. މިހާދަންވަގުތަކު މިހާދުވަސް ވީއިރުވެސް އެދެމީހުންނެއް ބައްދަލެއް ނުވެއެވެ. މިފަދަ ގުދުރަތީ ހިތްގައިމު ތަނެއްގައި އަންހެނަކާއި ފިރިހެނަކު އެކަނި އެއްކޮށް ތިބުމަކީ ޒީލަން އެދޭ ގޮތެއްނޫނެވެ. ނަމަވެސް ފަޒީނަކީ ގޯސް ފިރިހެނަކަށް ވާނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ޒީލަން އެގޭގައި އުޅޭތާ ދެއަހަރުވީ އިރުވެސް އެފަދަކަމެއް ފެނިފައެއް ނުވެއެވެ.

މިލަ ހަނދުވަރެއްދޭ މިހިތްގައިމުރޭ ޒީލަން ފެންނަނީ ފަތްމިންޏެއް ފަދައިންނެވެ.  ހަނދުވަރުގެއަލިން ޒީލަންގެ މޫނު ނުހަނު ސާފުކޮށް ފަޒީނަށް ފެނިލައްވައެވެ. އޭނާ އެދޮންމޫނަށް ސިއްރު ސިއްރުން ބައްލަވައެވެ. އޭނާ ފުން ވިސްނުމެއްގައި އިސްޖަހާލައިގެން އިންއިރު އޭނާގެ މައުސޫމުކަމާއި ނިޔަނެތިކަން ފާޅުވެއެވެ. އެޖާދުވީ މޫނު ލަދުގެންފައިވީއިރު ބަޔާންކުރަން ނޭނގޭ އަސަރުތަކެއް ވެއެވެ. އެއީކޮންފަދަ ރީތިކުއްޖެއް ހެއްޔެވެ؟ އެބަލާލުމާއި ހީނލުމުގައިވަނީ ކޮންފަދަ ތޫނު ކަމެއް ހެއްޔެވެ. އެއީހާދަ ފުރިހަމަ ކުއްޖެކެވެ. ފަޒީނުގެ ހަޔާތުގައި ދުވަހަކުވެސް މިހާ ފުރިހަމަ ކުއްޖެއް ދިމާވެފައެއް ނުވެއެވެ. އަންހެންކުއްޖަކު މިހާ ފުރިހަމަ ވެދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަބަދުވެސް މަސައްކަތަށް މުޅިއުމުރު ޚާއްސަކުރެވިފައިވާ ފަޒީނަށް ފުރަތަމަ ފަހަރަށް އަންހެންކުއްޖެއްެގެ ސަބަބުން އާދަޔާ ޚިލާފު އަސަރެއް ކުރިއެވެ.

”ޒީލަން ކިތައް އަހަރުތަ؟” އެންމެފަހުން ފަޒީން އެދެމެދުގައިވާ ހިމޭންކަން ފޫ ދުއްވާލިއެވެ.

”ނަވާރަ އަހަރު.” އޭނާ އަދިވެސް ހުރީ އިސްޖަހާލައިގެންނެވެ.

ޔާރައްބީ އެއީ އެންމެ ނަވާރަ އަހަރުގެ ކުއްޖެކެވެ. އޭނާއާއި ދޭތެރޭ މިފަދަގޮތަކަށް ވިސްނަން ހެޔޮވެސް ނުވާނެއެވެ. އެއީ އަހަރެންގެ ދަރިއެއްވަރު ކުއްޖެކެވެ. އަހަރެން މިފަދަގޮތަކަށް ވިސްނާކަން އެގިއްޖެނަމަ އޭނާ ހީކުރާނީ ކީކޭހެއްޔެވެ؟ ފަޒީން މިޚިޔާލުތަކުން ދުރުވެވޭތޯ މަސައްކަތް ކުރިއެވެ.

”ޒީލަން ކޯސް ނިމުމުން ދެން ކުރާނީ ކޮންކަމެއް؟”  އޭނާ  އެއްސެވިއެވެ.

”ކޮންމެވެސް ރަނގަޅުވަޒީފާއަކަށް ދެވޭތޯބަލާނީ. ދެން އަވަސް މުއްދަތެއްގައި ރަނގަޅު ޔުނިވަރސިޓީއަކުން ކިޔެވުމަށް ފުރުސަތު ލިބޭތޯ ބަލާނީ. އޭރުން މިއަށްވުރެ މައްޗަށް ކިޔަވަން ލާރި ލިބޭނެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މާސްޓަރސް ވެސް ހެދޭނެ.” ޒީލަންގެ އުންމީދު ފޮންޏެވެ. އަމިއްލަ ނަފްސަށް އިތުބާރު އޮވެއެވެ. ދިރިއުޅުމުގެ މާގިނަ ތަޖްރިބާތަކެއް ނެތްނަމަވެސް ވިސްނުން ރަނގަޅެވެ.

ދެމީހުން އެތައް ވާހަކައެއް ދެއްކިއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ވާހަކަތައް ކިޔައިދިންއިރު ހީވަނީ އެއީ އެތައް ދުވަހެއްވީ ރަހުމަތްތެރި ބައެއް ހެންނެވެ. ނަމަވެސް ޒީލަންއަށް ކުރަން ނުކެރޭ ސުވާލެއް އެބައޮތެވެ. އެއީ އޭނާ އެތައް ދުވަހައެއް ވަންދެން ބަލަން ބޭނުންވެފައިވާ ކަމެކެވެ.

”ފަޒީން ކައިވެނި ބައްލަވައި ނުގެން ތިހުންނަވަނީ ކީއްވެތޯ؟ އެންމެފަހުން ޒީލަން ނުކުރެވިގެން އުޅޭ ސުވާލު ކުރިއެވެ.

”އަދިވަގުތު ނުޖެހެނީ ކަންނޭގެ.” އޭނާ  ހިނިތުންވެލާފައި ބުނުއްވިއެވެ.

”މީހުން ބުނޭ ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކޭ. ދުނިޔޭގެ އެންމެންނަށް ދިރިއުޅުމެއް ފަށަން ވަގުތު ލިބިފައިވާއިރު ފަޒީނަށް ނުލިބުނީ ކޮންމެވެސް ކަމެއް ވީމާކަން ޔަގީން.” ޒީލަން ވަރަށް ވިސްނުންތެރި ކަމާއެކު ނަންގަތެވެ.

”އަސްލު ވީގޮތަކީ އަހަރެންނަކީ އާއިލާގެ ހުރިހަމައެކަނިމީހާ. އެހެންކަމުން ބައްޕަގެ ވިޔަފާރި ބަލަހައްޓަން ޖެހުނީ. އަދި އަމިއްލަ ކަމެއްގެ ގޮތުން ގާނޫނީ މަސައްކަތުގެ ތެރޭގައި ވަރަށް އަވަދި ނެތި އުޅެންޖެހުމުން އެކަމަށް ވިސްނާނެ ފުރުސަތު ނުލިބުނީ.  އެންމެ ބޮޑު ސަބަބަކީ ކަމުދާ ކަހަލަ ކުއްޖަކު އަދިވެސް ދިމާނުވުން؟” ފަޒީން ވަރަށް ސީރިއަސްކޮށް ޒީލަންއަށް ބަލާލެއްވިއެވެ.

ޒީލަން އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެކަމަކު އެހާ ގިނަ ތަންތަނުގައި އުޅުއްވާއިރު ކަމުދާ ކުއްޖަކު ނުފެނުނީ ކީއްވެބާއެވެ. އޭނާ އަށް ކަމުދާނީ ވަރަށްރީތި ވަރަށް މޮޅު މުއްސަނދި ކުދިންކަންނޭނގެއެވެ. އެކުއްޖަކު ހަމަޔަގީނުންވެސް ވަރަށް ފުރިހަމަ ކުއްޖަކަށް ވާނެކަން ޔަގީނެވެ. ޒީލަން އެކުއްޖަކު ހުންނާނެ ސިފަތައް ހިތަށް ގެނެެވޭތޯ ބެލިއެވެ.

”އެކަމަކު ކަމުދާކުއްޖަކު ފެނުނުތާ ދުވަސްކޮޅެއްވެއްޖެ.” ޒީލަން އެވިސްނުމުގައި އިންދާ ފަޒީނު ބުނުއްވިއެވެ.

”ހަމަ ރަނގަޅަށްތޯ؟ އެކުއްޖާއަށް އެކަން އެނގޭނެތޯ. އަޅުގަނޑަކަށް ނުދައްކަވާނަންތޯ؟ ޒީލަން އެއީ ކޮންކުއްޖެއްކަން ބަލަން ބޭނުމެވެ.

”އެއީ ކޮންކަހަލަ ކުއްޖެއް ކަމެއް ނޭނގޭތީ އަދި މިހުރީ؟ ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ. ޒީލަން އެއްވެސް ކުއްޖަކާ ރައްޓެއްސެއްނުވަންތަ؟” އޭނާ އަށް މިއީ ވަރަށް މުހިންމު ސުވާލެކެވެ.

”ނޫން ކުއްޖަކާއި ރައްޓެހިވެގެންއުޅޭތާ ދުވަސްކޮޅެއްވެއްޖެ. ކުރިން އަޅުގަނޑު ފިރިހެނުންދެކެ  ވަރަށް ފޫހިވޭ. ނަމަވެސް އޭނާ ރަނގަޅުކަމުން މިހާރު އޭނާ ދެކެ ލޯބިވޭ. އޭނާ ވަރަށް ގިނަދުވަހު އަޅުގަނޑަށް އުނދަގޫ ކުރިފަހުން ރައްޓެހިވީ. ޒީލަން ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ޒީލަންގެ މިޖަވާބުން ފަޒީން މާޔޫސްވިއެވެ. އެރީތި އަންހެން ކުއްޖާ އަކީ އޭނާ ހަޔާތުގައިވެސް ދިމާވި އެންމެ އޯގާތެރި އަންހެންކުއްޖާއެވެ. ނަމަވެސް އެކުއްޖާގެ ހިތްވަނީ އެހެން މީހަކަށް ހަދިޔާ ކޮށްފައެވެ.

”އެއީރަށުކުއްޖެއްތަ؟” އެނަސީބުވެރިއަކީ ކާކުތޯ ބައްލަވަން ބޭނުންވެލެއްވިއެވެ.

”ނޫން މާލޭ ކުއްޖެއް. ކޮލެޖުން ދިމާވީ. މިހާރުއުޅެނީ ”ސިކަލް” ކިޔާ އިމާރާތްކުރާ ސާމާނު އެތެރެ ކުރާއޮފީހެއްގައި މާކެޓިން މެނޭޖަރަކަށް.” ޒީލަން އޮޅުންފިލުވައިދިނެވެ.

”ސިކަލް” އަކީ އޭނާގެ އޮފީހެކެވެ. އެއީ އޭނާގެ ކުންފުންޏެކެވެ. މާކެޓިން މެނޭޖަރެއްވިއްޔާ އޭނާ އަށް އެނގޭނެއެވެ.

”ކޮންނަމެއްކިޔަނީ”؟

”ޝައީމު.”

އޭނާ ވަރަށް ރަނގަޅަށް ޝައީމު ދެނެލައްވައެވެ. އެއީމަސައްކަތަށް ވަރަށް ރަނގަޅު ހީވާގި މީހެކެވެ. ކުރިއަށް ދިއުމަށްޓަކައި ވަރަށް ހިތްވަރު ކުރާ މީހެކެވެ. ނަމަވެސް އޮފީހުގެ ކޮންމެވެސް ކުއްޖަކާއި ރައްޓެހިވެގެން އުޅޭވާހަކަ އޮތީ އިވިލައްވާފައެވެ.

”އޭނާ ޒީލަންދެކެ ލޯބިވޭތަ؟” އޭނާގެ ކަންތައް އިތުރަށް އޮޅުންފިލުވަން ބޭނުމެވެ. ޒީލަން ބޭވަފާތެރިއެއްގެ ސަބަބުން އެއްވެސް ހިތާމައެއް ލިބުމަކީ އޭނާ އަށް އެދެވޭނެ ކަމެއް ނޫނެވެ.

”އޭނާ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ. ވަރަށް އަޅާލާ. އެހެންވެގެން ކަންނޭނގެ އަބަދުވެސް ފިރިހެނުންނާމެދު ދެކޭގޮތް ބަދަލުވީ. ކުރިންއަޅުގަނޑު ފިރިހެނުންދެކެ ވަރަށް ފޫހިވޭ.” ޒީލަންވަރަށް އުފަލުންހުރެ ވާހަކަދެއްކިއެވެ.

ޒީލަންއުފަލުން ހުރިތަންފެނިލެއްވުމުން އޭނާއަކަށް އެވާހަކައެއް ބުނުއްވާކަށް ކެރިއެއްނުލެއްވިއެވެ. އެހެންނޫނަސް މީހަކުއަދި އަޅުވާވެސް ކިޔާފާނެއެވެ. އެއްވެސްކަމެއް ޔަގީންނުވަނީސް އެއްވެސް ވާހަކައެއް ދެއްކުމަކީ އޭނާގެ ގޮތެއްނޫނެވެ.

ޝައީމުގިނަވަގުތު އޮފީހުގައި އުޅެންޖެހުމާއި ޒީލަން ކިޔެވުމުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ދެމީހުން ވަރަށް މަދުން ނޫނީ ބައްދަލެއް ނުކުރެއެވެ. ނަމަވެސް ވަރަށް ގިނަވަގުތު ފޯނުން ވާހަކަދައްކައެވެ. މާގިނައިންބައްދަލު ނުވިއަސް ޒީލަންއަށް ގުޅާމިންވަރާއި ބަހައްޓާ ގާތް ކަމަށްޓަކައި ޒީލަން ހިތުގެ އެންމެ ފުންމިނުން ޝައީމުދެކެ ލޯބިވެއެވެ.

ނަމަވެސް ފަޒީން ދަނީ ޝައީމުގެ ހަގީގަތް ހޯއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުންނެވެ. އެހެންކަމުން ފުރަތަމަވެސް އޮފީހަށް ދުރުވުމާއެކު އެކަމާއި އުޅުއްވިއެވެ.

”ނައީމު. ޝައީމުއަށް ހަވާލުކުރި ހުޅުމާލެއަށް ފޮނުވަންޖެހޭ އެއްޗިހި ފޮނުވައިފިތަ؟” ނައީމުއަކީ ހުރިހާމުވައްޒަފުންގެ ރިޕޯޓްތައް ބަލަހައްޓާ ފަޒީން ވަރަށް އިތުބާރު ކުރައްވާ އިސްމީހެކެވެ.

”އާދެ! މަސައްކަތާއި ބެހޭގޮތުން އޭނާގެ ފަރާތުން އެއްވެސް ޝަކުވާއެއް ނޯންނާނެ. މަސައްކަތަށް ވަރަށް ފަރުވާތެރިވާނެ.  އޭނާގެ އެސިސްޓެންޓަކަށް ޝަހުމާ އައިފަހުން އަދި މާރަނގަޅުހެން ހީވަނީ.” ނައީމު ޝައީމަށް ތައުރީފުކުރިއެވެ. ނައީމުގެ މިވާހަކައިން ފަޒީނަށް ހޯދަންބޭނުންވާ ކަންތައް ފައްޓަވަން ރަނގަޅު ދަނޑިވަޅެއް ލިބިލެއްވިއެވެ.

”އޭނާ އުޅެނީ ޝަހުމާއާއި ރައްޓެހިވެގެންނޫންތަ؟” މަޑުމަޑުން ނައީމު ވާހަކައިގެ ތެރެއަށް ވައްދަމުން ގެންދެވިއެވެ.

”އެދެމީހުން އުޅޭގޮތުން ހީވަނީ ރައްޓެހިވެގެން އުޅޭހެން. އެކަމަކު ޝަޢީމު ބުނަނީ އެއީ ރަށްޓެއްސެކޭ”. އެދެމީހުންނަކީ ވަޒީފާ މަސައްކަތުގެ ހައިސިއްޔަތަށްވުރެ ރަހްމަތް ތެރިކަން އުފެދިފައިވާ ދެމީހުންނެވެ. އެހެންކަމުން މިފަދަ ވާހަކައެއްދެއްކުމަކީ އޭނާޖެހިލުންވާ ކަމެއްނޫނެވެ. ފަޒީނަށް އެހިސާބުން ޝައީމާއި ޝަހުމާގެ އެދެމެދުގައި އެފަދަ ގުޅުމެއްނުވާކަން އެނގިލެއްވިއެވެ.

”އޮފީހުގައި އުޅޭ ޒަހީނާއާއިވެސް މީހުން އަޅުވާކިޔާ . މިހާރުގެ ޒުވާނުން އަންހެން  ކުދިން ގެންގުޅޭ އަދަދެއްނޭނގޭނެ.” ބޯހަލުވަމުން،  ނިކުންނަމުން ނައީމު ބުންޏެވެ. ފަޒީން ބޭނުންވެލައްވާ މައުލޫމާތު އެހާއަވަހަށް ލިބިލެއްވުމުން އުފާވެލެއްވިއެވެ. ނަމަވެސް އެކަށީގެންވާ ހެއްކަކާނުލާ ޒީލަން ގާތު އެވާހަކަ ދައްކަވައިފިނަމަ ޒީލަން ގަބޫލު ނުކުރާނެކަން އެނގިލެއްވިއެވެ. އެހެންކަމުން އެވާހަކަ ދެއްކެވުމުގެ ކުރިން ޝައީމުގެ ކަންތައް އިތުރަށް ބައްލަވަމުން ގެންދެވިއެވެ.

ޒީލަން ގެ ޓެސްޓްވެސް މިއަދު ނިމިއްޖެއެވެ. އެހެންކަމުން ފަހީމަށްތައާއެކު ބަދިގޭގައި އޭނާއަށް އެހީތެރިވެދިނެވެ.

”ޒީލަންގެ ކިޔެވުން ނިމެނީ ކޮންއިރަކުންތަ؟” ފަހީމާ ތަރުކާރީކޮށަން އިނދެފައި އަހާލިއެވެ.

”އަދި އެއްސެމިސްޓަރ އެބައޮތް”

”ނިމުމުން ދެން ކިހިނެއްހަދާނީ. އެހެންވަޒީފާއަކަށް ދާނީތަ؟” ޒީލަން ހިނގައިދާނެތީ އޭނާ ކަންބޮޑުވެއެވެ.

”އަދި ވިސްނާފައިއޮތީ އެގޮތަށް . އެކަމަކު މިގޭގެ މަސައްކަތުން ދާކަށް ބޭނުމެއްނުވޭ.”

” އެއީކީއްވެ؟” ފަހީމާ އޮޅުން ފިލުވަން ބޭނުންވިއެވެ.

” އަހަރެންނަށް މިކިޔަވައިދިނީ ފަޒީނު. އެހެންވީމާ ރަނގަޅު ވަޒީފާއެއް ލިބޭއިރަށް މިވަޒީފާދޫކޮށްލުމުން އަހަރެން ވާނީ ކޮންކަހަލަ މީހަކަށް؟

”އެވަގުތު ޒީލަންއަށް ސިޓީއެއްހިފައިގެން ޒުހޫރު އައެވެ.

”މިއޮތީ ޝައީމުކިޔާ މީހަކު ގެނައި އެއްޗެއް.”

”އޭނާ އެތެރެއަށް ނުވެއްދީ ކީއްވެ؟” ޒީލަން ސިޓީގައި ހިފަމުން ބުންޏެވެ.

”އޭނާގާތު ވަންނާށޭ ބުނީމާ މިސިޓީ ޒީލަންއަށް ދޭށޭބުނީ.”

ޒީލަން އަވަސްއަވަހަށް ސިޓީ ކަނޑާލިއެވެ. އޭނާގެ ނަޒަރުގޮސްހުއްޓުނީ އޭގައި ރަތްކުލައިގެ އަކުރުން ލިޔެފައިވާ އިބާރަތްކޮޅަށެވެ. ޒީލަންގެ އުފަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔާފައެވެ. އޭނާގެހިތް އުފަލުން ފުރުނުކަހަލައެވެ. އެރީތި މޫނު އުޖާލާކަމުން ވިދައިގަތެވެ. ޝައީމުވަނީ ޒީލަންގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެވެސް ރެސްޓޯރަންޓަކަށް ދިއުމަށް ދައުވަތުދީފައެވެ. އަދި އޭނާ ބަލާ އެރޭ ނުވައެއް ޖަހާއިރު އަންނާނެވާހަކަ އޮތެވެ. ޝައީމުގެ މި އުފާވެރި ހަދިޔާއިން އޭނާއަށް ލިބިފައިވަނީ އާދަޔާ ޚިލާފު އުފަލެކެވެ.

ފަޒީނު ވަނީ ވަރަށް ބޮޑަށް ރުޅިދުރުވެފައެވެ. ތަނުގެ ރައްކާތެރިކަމަށް ދެމީހުންބަހައްޓާފައި ހުންނައިރުވެސް އޭނާގެ އޮފީހެއްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ބައެއް ތަކެތި ނަގާފައި ވާތީއެވެ.

ކޮންބައެއްރޭގައި ދަންވަރު ޑިއުޓީގައި ތިބީ. އެމީހުން ކީކޭބުނީ.” ފަޒީނު އެކަންތައް ތަހުގީގު ކުރަމުންދެއެވެ.

”އެއީ މަނިކުއާއި ރަހީމު. އެމީހުން ބުނީ މީހަކު އުޅޭހެން ހީވެގެން ދިޔައިރު ފާރުމަތިން ފުންމާލައިގެން އެމީހަކު ދިޔައީކަމަށް އަދި ކުޑަދޮރު ހުރީ ހަލާކު ކޮށްލާފައިކަމަށް.”

”ބޭރުގައި ބަހައްޓާފައި ހުރި ކެމެރާ ބެލިންތަ؟”

އާދެ. އެއަކުން އެކަހަލަ އެއްވެސް ކަމެއްނެތް. އަޅުގަޑަށް ހީވަނީ އެތެޜޭގައިހުރި ކެމެރާއާއި ގުދަނުގައި ހުރި ކެމެރާ ބަލަނިކޮށް ފަހަރެއްގައި އެނގިދާނެހެން.” ނައީމު ލަފާދިނެވެ.

”އާނ. އެހެންވީއިރު އެދެތަނުގެ ޓޭޕްތައް ބެލޭނެ އިންތިޒާމް ހަމަޖައްސާ. އަހަރެން ތިއެއްޗެއް ބަލަން އެބަދަން.” ފަޒީނު ބޭނުންވެލެއްވީ ޚުދު އޭނާ އެއެއްޗިހި ބެއްލެވުމަށެވެ.

ނައީމު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެކަންތައް ހަމަޖެއްސެވުމަށްފަހު ފަޒީނަށް ނަންގަތެވެ. ފަޒީނު ފަހަރަކު ޓޭޕެއް ބައްލަވަމުން ގެންދެވިއެވެ. އެންމެ ފަހުން ގުދަނުގެ ޓޭޕްތައް ބައްލަވަން ފެއްޓެވިއެވެ. ހަމައެކަނި މަޑު އަލިކަމެއްހުރި ގުދަން ފިޔަވާ އިތުރު އެއްޗެއް ނުފެނެއެވެ. އެހެންކަމުން ބައެއްތަންތަން އޮޅަމުން ބައްލަވަމުންގެންދެވިއެވެ. ކުއްލިއަކަށް އޭނާއަށް ފެނިލެއްވީ ކޮންމެވެސް ދެމީހަކު އައިސް ސީދާ ކެމެރާގެ ކުރިމަތީގައިހުރި މޭޒެއްކައިރީ ހުއްޓުނުތަނެވެ. އެމޭޒަކީ ގުދަނަށް އެއްޗިހި ވައްދާއިރު ބައެއް ލިޔެކިޔުން ބޭނުންކުރަން ޖެހިދާނެކަމަށް  ބަހައްޓާފައިވާ މޭޒެކެވެ. އެދެމީހުން ވަރަށް ގައިގޯޅިވަމުންދެއެވެ. ވަރަށް އަލިމަޑުކަމުން ދެމީހުންގެ މޫނު ރަނގަޅަށް ސާފެއް ނުވެއެވެ. ނަމަވެސް ރަނގަޅަށް ބެލުމުން އެއީ ޝަހުމާ ކަން އެގެއެވެ. ފަޒީނު ވަރަށް ފަރުވާތެރި ކަމާއިއެކު ފިރިހެންމީހާ އަކީ ކާކުތޯ ބެއްލެވިއެވެ. އެއީ ޝައީމުކަން އެނގިލެއްވުމުން އޭނާ ވަރަށް ރުޅި ދުރުވެއްޖެއެވެ. އަދި ޒީލަންއަށް އޭނާގެ ޙަގީގަތް ނޭނގޭތީ ހިތާމަ ކުރެއްވިއެވެ. އެހެންކަމުން ފަޒީނު ޒީލަންއަށް މި ވީޑިއޯ ގެންގޮސް ދެއްކުމަށް ނިންމެވިއެވެ.

ޒީލަން ގޭގައި ހުރިހާ މަސައްކަތްތައް ނިންމާލުމަށްފަހު ބޭރަށް ދާން ތައްޔާރުވިއެވެ. މާލެއައިސްގެން މިވީދެއަހަރުދުވަހުގެ ތެރޭގައި މިހާރުގެ އަންހެންކުދިން ޒީނަތްތެރިވާ ގޮތްތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާ އަށް ލިބޭ ފައިސާގެ ކޮންމެވެސްވަރެއް ރީތިވުމަށް ބޭނުންވާ ސާމާނު ގަނެއެވެ. އޭނާ އާއި އެކު ކޮލެޖުގައި އުޅޭ ކުދިންވެސް އަބަދުވެސް ތިބެނީ ވަރަށް ރީތިކޮންނެވެ. އެހެންކަމުން ޒީލަންވެސް ރީތިކޮށް ހުރުމަށް ވަރަށް ފަރުވާ ބަހައްޓައެވެ. އެހެން ނަމަވެސް ހެދުންއެޅުމުގައި ހަމަހަމަ އުސޫލުތަކައެއް ގެންގުޅެއެވެ. ނަމަވެސް މިރޭ އޭނާ ލީ ޚާއްޞަ ހެދުމެކެވެ. މިއީ އޭނާ ގެ ވިހިވަނަ އުފަން ދުވަހެވެ. އޭނާ ލޯބިވެރިޔާ އާއެކު ފުރަތަމަފަހަރަށް ބޭރަށްދާ ފަހަރުވެސް މެއެވެ. ޒީލަން ލީ އަތްކުރު ހަށިގަނޑަށް ހިފަާފައިވާ ކަޅު ހެދުމެކެވެ. ކަކުލާއި ހިސާބަށް ދިގުމިން ހުރި މިހެދުމުގައި އުނަގަޑާއި ދިމާއިން ވަށައިގެންނާއި މޭމަތިން ވަރަށްރީތިކޮށް ރިހިކުލައިގެ އެސް ތަކަކުންޖަރީ ކޮށްފައިވެއެވެ. އެކަޅުކުލަ ގަދަ ދިގު ބުޅި އިސްތަށިގަނޑުވަނީ ހާމައަށް ދޫކޮށްލާފައެވެ.

ސިޓިންރޫމުގައި މައްޗަށް އަރަންހުރި ސިޑިއާއި ދިމާއަށް ދުރުވި ފަޒީނަށް ޒީލަން ތިރިއަށް ފައިބާ ތަން ފެނިލެއްވުމުން ހުއްޓެވުނެވެ. ޒީލަންގެ ރީތިކަމާއި ފުރިހަމަކަން ފެނިލެއްވުމުން ހައިރާން ވެލެއްވިއެވެ. އެއީ މީގެ ދެއަހަރެއްހާ ދުވަސްކުރިން މިގެއަށް އައި ޒީލަން ހެއްޔެވެ؟ އޭރު އޭނާ ހުރީ ވަރަށް އާދައިގެ ނިކަމެތި ކުއްޖެއްގެ ގޮތުގައެވެ. މިހާރު އޭނާ ދޮންވެފައި މާފުރިހަމަ ވެއްޖެއެވެ. އެޒުވާން ޒީލަން އެގޮތަށް ފެނުނު މީހަކު ދީވާނާ ވެދާނެއެވެ. އެ ބާރު ހެދުމުން ހަށިގަނޑުގެ ވަނާތައް ހާމައަށް ފާޅުވާއިރު ލާފައިވާ ކުރުހެދުމުން އޭނާ ގެ  ދޮންރީތި ކުޑަކަޅުވާ ފެނެއެވެ. ޒީލަން ކައިރިވަމުން އަންނަ ވަރަކަށް އެމޫނުގައިވާ އުޖާލާކަމާއި ނަލަކަން އޭނާ އިތުރަށް ފުރިހަމަ ކޮށްދެއެވެ. ތުންފަތުގައިވާ ހިނިތުންވުމާއި ފޮނިކަން ފަޒީނަށް އާދަޔާ ޚިލާފު އަސަރެއް ކުރުވިއެވެ.

”އަޅުގަނޑު މިދަނީ ޝައީމާއެކު ބޭރަށް ދާން. އަޅުގަނޑު ހީކުރީ ފަޒީން މިގަޑީގައި ގޭގައި ނުއުޅުއްވާނެކަމަށް.” ކޮންމެރެއަކުވެސް އެގަޑީގައި ބޭރުގައި އުޅުއްވާ ފަޒީނު ފެނުމުން އޭނާ ހައިރާންވިއެވެ.

”މިއައީ ވަރަށް މުހިންމު ކަމަކު.  އެކަމަކު މިހާރު އެކަން ކެންސަލުވެއްޖެ.” އެއުފާވެރި ޒީލަންއަށް މިވަގުތު އެ ވީޑިއޯ ދައްކައިފިނަމަ އޭނާ ހިތާމައިން ހަލާކުވެދާނެއެވެ.

ޒީލަން ބޭރަށް ނިކުތްއިރު ޝައީމު ހުރީބަލާ އައިހެވެ. ހުދުކުލައިގެ ޓީޝާޓެއްގައި އިންނައިރު ޝައީމު ވަރަށް ރީއްޗެެވެ. ޒީލަން އެރުމާއެކު އޭނާ ސައިކަލް ދުއްވާލިއެވެ.

”މީ އަހަރެމެން އޮފީހުގެ ބޮސްމެންގެދޯ. މިއޮއް ހުރިހާދުވަހު މިގެކައިރިއަށް އައިއިރުވެސް އަހަންނަކަށް ނޭގުނު”

”އެކަމަކު މިހާ މަޝްހޫރު މީހެއްގެ ގެއެއް ނޭނގުނު؟”

”ފަޒީނު ދަންނަމޭ. އެކަމަކު މިގެކަމެއް އަހަރެންނަކަށް ނޭނގުނު؟”

”ދެންމިއަދު ކިހިނެއްއެނގުނީ.”

”ކޮންމެވެސް އެއްޗެއްހަދަން ފައިލުބަލާލިއިރު ގޭގެނަން ބަލާލެވުނީ. ދެން ޒީލަން މިގޭގައުޅޭތީ ބޮޑަށް ބަލާލެވުނީ.”

”އެންމެފަހުން ދެމީހުންނަށްވެސް ވަޒީފާ މިލިބުނީ އެކެއްގެ އޮފީހުންނެއްނު.”

”އެގެ ޒީލަންއަށް؟ ކިހިނެއް؟”

”ކުރިންވެސް ކިޔައިދިނީމެއްނު.”

”އެގޭގެ މަސައްކަތް ކުރާ ވާހަކައެއްނު”

”އާން. ދެން އާދައިގެ ގޮތެއް”

”ފަޒީނު ރަނގަޅުތަ”

”އާން! ހުރިހާކަމެއްގައިވެސް އޭނާ ވަރަށް ރަނގަޅު.”

”އޭނާ އަށް އެނގޭނެތަ އަހަރެމެން ރަށްޓެހިވެގެން އުޅޭކަން”

”އާން. އޭނާބުނުއްވީ ޝައީމު އަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާމީހެކޯ. ވަރަށް ހިތްހަމަޖެހޭ މުވައްޒަފެކޯތިއީ.”

ދެމީހުން ވަރަށްބާރަށް މާލެވަށައިގެން ދުއްވިއެވެ. ޒީލަންއަށް މިހާއުފާވެރި ވަގުތުކޮޅެއް އޭނާގެ ބައިވެރިޔާއާއި އެކު އައިސްފައެއްނުވެއެވެ. އޭނާއަށް މިލިބިފައިވާ އުފަލަށްވުރެ އޭނާ ވަނީ ޝައީމުގެ ލޯބީގައި ދިވާނާ ވެފައެވެ. މިއުފާވެރިކަމާއި ލޯބި އަބަދަށްވެސް މިގޮތުގައި ލެއްވުމަށް އެދުނެވެ.

”ޒީލަންފައިބާ.” ސައިކަލުމަޑުކޮށްލަމުން ޝައީމު ބުންޏެވެ.

ޒީލަން ވަށައިގެން ހޯދާލިއެވެ. އޭނާއަށް މިތާ ކައިރި ހިސާބަކުންވެސް ރެސްޓޯރަންޓަކަށް ވާކަހަލަ ތަނެއްނުފެނުނެވެ. އޭނާ ހިސާބަކަށް ހައިރާންވިއެވެ.

”ޝައީމު ބުނީ ރެސްޓޯރަންޓަކަށް ދާވާހަކައެއްނު. މިހިސާބަކުވެސް އެއްވެސް ރެސްޓޯރެންޓެއްނެތެއްނު.” ޒީލަން ހާސްވިއެވެ.

” އޯ ޒީލަން ހާސްނުވޭ. މަށާއިއެކު އާދެބަލަ. އޭނާ ޒީލަންގެ އަތުގައި ހިފާލިއެވެ. އިތުރުސުވާލެއް ކުރުމެއްނެތި އޭނާ  އެތެރެއަށްވަނެވެ. އަނދިރިގޯޅިގަޑަކުން ވަންނަމުންގޮސް ދޮރާއި ހަމަވިތަނާ ޒީލަންގެ މޫނުގައި އަތް އެޅިއެވެ.

”މަޑުމަޑުން އެތެރެއަށްވަދޭ.” ޝައީމު އަނެއްއަތުން ޒީލަންގެ އަތުގައި ހިފައިގެން އެތެރެއަށްވަނެވެ. އެތެރެއަށް ވަދެވުމުން އޭނާގެ އަތްނަގައިފިއެވެ. ޒީލަންވަށައިގެންބަލާލިއެވެ. މުޅިތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އެއްވެސް އަޑެއްބަޑެއްނީވޭ މިހާސް ކަމުގައިހުންނަން ޒީލަން ބިރުގަނެއެވެ.

”ޝައީމު.” ޒީލަން އަވަސްއަވަހަށް ގޮވާލިއެވެ.

ނަމަވެސް ހަމަ އެސިކުންތުތެރޭގައި މުޅިތަނަށް ހޮޅިބުރީގެ އަލިކަން ފެތުރިގެންދިޔައެވެ. ހަމައެއާއި އެކު އޭނާ އާއެކު ކޮލެޖުގައި އުޅޭ އެންމެގާތްކުދިންގެ އަތްތިލަބަޑިގެ އަޑާއެކު އެކުދިން އޭނާގެ ގާތަށް އައެވެ.

”ސަޕްރައިޒް” އެންމެން އެއްފަހަރާ ބުންޏެވެ.

”މީކޮންކަމެއް.” އޭނާއަށްޓަކައި މީހަކު އެވަރުކަމެއް ކުރާނެކަމަށް ގަބޫލުކުރަންވެސް ދައްޗެވެ.

”ހެޕީ ބާރތުޑޭ ޒީލަން. މީއަހަރެން ޒީލަންގެ ވިހިވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ ކުޑަ ޕާޓީއެއް.” ޝައީމު ޒީލަންގެ އަތުގައި ހިފާލިއެވެ.

”ތިކަހަލަކަމެއް ކުރާނެ ކަމަކަށް އަހަރެން ހިއެއްނުކުރަން. ޝައީމު ހާދަރަނގަޅޭ.” އޭނާގެ ހިތުގައި ޝައީމުއާއި މެދު އުފެދިފައިވާ ލޯބި އިތުރުވެގެން ދިޔައެވެ.

”އޭތް! ދެންމާ ރޮމޭންޓިކް ވާނެކަމެއްނެތް. އަވަހަށް ކާންފަށަމާހިގާ.” އަޒުރާ ދިމާކޮށްލިއެވެ.

”އެއްކަލަ ކޭމާޓު. ކާއެއްޗެއްފެނިއްޖެއްޔާ މީނައަށް އެހެންދިމާއަކަށްނުވެސް ބެލޭނެ.” އެންމެން ހީނގަތެވެ. އަދި ކެއުމައިގެން މަޝްޣޫލުވިއެވެ.

”ޝައީމު ކުރީ ދުވަހަކު ޝަހުމާއާއިއެކު ދަނިކޮށް ދުށިން.” އަލްހެނާ އެމީހުން ދިޔައީ ކޮންތަނެއްތޯ ބަލަންބޭނުމެވެ. ޝަހުމާއަކީ އެގޭގައި އުޅޭ އަޒުނީނު ރައްޓެހިވެގެން އުޅޭ ކުއްޖެކެވެ. އަޒުނީނަކީ އޭނާގެ ރަހުމަތްތެރިއެއްކަމުން އެދެމެދުގައިވާ ގުޅުން އޮޅުންފިލުވަން ބޭނުމެވެ.

”އެއީ އޮފީސްނިންމާފައި ނިކުންނަނިކޮށް  ޝަހުމާ ގެއަށް ލާދޭށޭބުނީމަ.” ޝައީމު އޮޅުންފިލުވައިދިނެވެ.

”އަލްއަށް ކިހިނެއް ޝަހުމާ އެނގެނީ.” ޝައީމު އެހިއެވެ.

”އޭނާ އަހަރެމެން ގެއަށްދާނެ. ޒީލަންއަށްވެސް އެނގޭދޯއޭނާ. ކުރިންދުވަހަކު އަހަރެމެން ގެއަށްދިޔައިރު ދައްތައާއެކު ބޭރަށްދާންނިކުތެއްނު.” ޝަހުމާ އެގެއަށްދާކަން އޭނާ އެންމެންނަށް އަންގަން ބޭނުމެވެ. ޚާއްޞަކޮށް ޝައީމުއަށް އެއީ އަޒުނީނުގެ ލޯބިވެރިޔާކަން އެންގުމަށް ބޭނުމެވެ.

”އާން އޭނަދޯ. ކޮންމެވެސް ވަރަކަށް ވާހަކަދައްކަންދޯ.”  އޭނާ އަލްއަށްދޯދިނެވެ.

”ޒީލަން ކޭކުފަޅަމާދޯ. އަޒުރާއަށްލަސްވަނިއްޔޯ.” ޝައީމުއަވަހަށް މައުޟޫޢު ބަދަލުކޮށްލިއެވެ.

އާން. އަހަރެންވެސް އަވަހަށް ދާންޖެހޭނެ. މިހާރު އެހެރަ އެގާރަޖެހީ. އަލްވެސް ހުރީ ގެއަށްދާން ބޭނުންވެފައެވެ.

އެމީހުން ކޭކުފެޅިއެވެ. ހީނ ސަކަރާތްޖެހިއެވެ. ފޮޓޯނެގިއެވެ. އެންމެފަހުން އެގާރަގަޑިބައި ވުމުން އެންމެން ގެއަށްދާން ނިކުތެވެ.

“ޒީލަންއަށްވީ ހަދިޔާ އަދިނުދެމެއްނު.” ޝައީމު ކޮޓަރިތެރެއަށް ވަންނަމުން ބުންޏެވެ. އިރުކޮޅަކުން އޭނާ ބޭރަށް ނިކުތެވެ. އަތުގައި ބޮޑުޕާރުސަލަކާއި ކުޑަޕާރުސަލެއް އޮތެވެ.

”ޒީލަން ކުޑަޕާރުސަލް މިހާރު ކަނޑާލާ.”

”މިހާރު މާ ލަސްވެއްޖެނު. އަހަރެން ގެއަށް ދާންޖެހޭނެ.”

”ނޫން އަހަރެން ހުއްޓާ ކަޑާލަބަލަ.” އޭނާ އާދޭސް ކުރާކަހަލަ ރާގެއްގައި ބުންޏެވެ.

ޒީލަން ޕާރުސަލް ކަނޑާލިއެވެ. އެއީ ރިހިކުލައިގެ ރީތި ފަށެކެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *