ކޮންޕިއުޓަރުން ނުވަތަ ލެޕްޓޮޕެއްގައި ޓައިޕްކުރުމަށްވުރެ ފޮތެއްގައި ލިއުމަކީ މާފައިދާ ހުރި ކަމެކެވެ. އެއީ ފިލާވަޅު ހަނދާނުގައި ބެހެއްޓުމާއި ދަސްކުރުމަށްވެސް މާބޮޑަށް ފަސޭހަވާކަމެކެވެ. ޓީޗަރުން އަބަދުވެސް ދަރިވަރުން އަތުން ލިޔުމަށް ބާރުއަޅަނީ މި ސަބަބު ތަކާއިހުރެއެވެ.
މިކަމުގެ ހަގީގަތަކީ އަތުން ލިއުމުން ކުދިންގެ ސިކުނޑިއަށް އޭގެ އަސަރު ތަފާތުބޮޑަށް ކުރާކަމެވެ. ދަރިވަރުން އަތުން ބަސްތައް ލިޔާއިރު ސިކުނޑީގެ މަސައްކަތްތައް މާ ފުރިހަމަކޮށް މަސައްކަތް ކުރެއެވެ. ޚާއްސަކޮށް އަތުން ލިއުމުން ދަރިވަރުންގެ ހަނދާނާއި އުނގެނުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ކީބޯޑެއްގައި އިނގިލިތައް ހަރަކާތްތެރި ކުރުމާ އަޅާބަލާއިރު، ފޮތެއްގައި އަތުން ލިއުމުން މި ތަފާތު ބޮޑަށް ފާހަގަ ކުރެވޭނެއެވެ. ސަބަބަކީ އަތުން ލިޔާއިރު ސިކުނޑީގެ ބައިތައް ކަމުގައިވާ ސެންސަރީ-މޯޓަރ އަދި މެމޮރީ ރީޖަންސް އާއި ދެމެދު ވަރަށް ބޮޑަށް ގުޅުން އިތުރުވެގެންދެއެވެ.
އެންޓީއެންޔޫގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އޮޑްރީ ވެން ޑަރ މީރް އާއި ރޫޑް ވެން ޑަރ ވީލް ވަނީ ކުދިންގެ ލިއުމުގެ މިޒާޖު ދިރާސާކޮށްފައެވެ. އެގޮތުން ބައެއް ދަރިވަރުން ލަފުޒުތައް ޓައިޕް ކުރަމުން ދިޔައެވެ. އަނެއް ދަރިވަރުން އަތުން ލިއުމަށް ފުރުސަތު ދިނެވެ. އަތުލިޔުމުން ހަރަކާތްތެރިވާ ދަރިވަރުންގެ ހަނދާނުގައި ލިޔުނު އެއްޗިހި ގިނައިރުވާންދެން ހުއްޓެވެ. މިއީ ސިކުނޑިއަށް މައުލޫމާތު އެތެރެކުރުމާއި އަދި ހަރުލެއްވުމަށް އިތުރު ވަގުތު ލިބޭ ކަމުގެ ހެއްކެއްކަމުގައި އެމީހުން ފާހަގަ ކުރިއެވެ. މިއިން އެނގުނީ ގަލަމަކުން ނުވަތަ ފަންސޫރަކުންވިޔަސް އަތުން ލިޔާއިރު ސިކުނޑި މަސައްކަތް ކުރަނީ މުޅިން ތަފާތު ގޮތަކަށްކަމެވެ.
ވީމާ، އަތުލިއުމަކީ ކްލާސްރޫމްތަކުގައި އަދި މުތާލިޔާކުރާއިގައިވެސް ވަރަށް މުހިންމު ކަމެކެވެ.
