ބޮޑުތަކުރުފާނު ވާހަކައާއި އަލިރަސްގެފާނު ވާހަކަ ނެރެފި

ލިޔުންތެރިޔާ މުޙައްމަދު ޖަމީލް ލިޔުއްވި، ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ ރޭ ނެރެފިއެވެ. މި ފޮތް އިފްތިތާހުކޮށް ނެރެދެއްވީ، ރޭ، އެމްއެންޔޫ އޮޑިޓޯރިއަމްގައި އޮތް ހަފްލާއެއްގައި ވިޔަފާރިވެރިޔާ މުޙައްމަދު އަލީ ޖަނާހާއި އޭނާގެ މަންމާފުޅެވެ. މުޙައްމަދު އަލީ ޖަނާހަކީ މި ފޮތް ވުޖޫދުކުރުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅެކެވެ.

މި ރަސްމިއްޔާތުގައި ފޮތް ލިޔުއްވި ލިޔުންތެރިޔާ މުޙައްމަދު ޖަމީލް ވަނީ ފޮތާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ދެއްވާފައެވެ.

މި ފޮތްތަކާ ގުޅޭގޮތުން ޖަމީލް ވިދާޅުވީ މިއީ މިހާރު ބޮޑުވަމުން އަންނަ ކުދީންނަށް ކިޔާލަން ފަސޭހަ އަތްމަތީ ގެންގުޅެން ފަސޭހަ ވާހަކަތަކަކަށް މި ބަޠަލުންގެ ވާހަކަ ހެދޭތޯ ކުރެއްވި މަސައްކަތެއް ކަމަށެވެ.

"މި ފޮތް އެކުލަވައިލުމުގެ އެންމެ މުހިއްމު މަޤްޞަދަކީ' މިއަދުގެ ޒުވާނުންނާއި، ކިޔަވާ ކުދިންނަށް ބޮޑުތަކުރުފާނުގެ ޖިހާދުގެ މި ރީތި ވާހަކައަށް ފަސޭހައިން ވާޞިލްވެވޭނެ ގޮތް މަގުފަހިކޮށްދެވޭތޯ ބެލުމެވެ. އަދި އެކުދިން ކިޔުމަށް ލޯބިކުރާނެ ފަދަ ވާހަކަ އަކަށް ހެދޭތޯ ބެލުމެވެ." ބޮޑުތަކުރުފާނު ވާހަކައިގެ މުޞައްނަފް ނޯޓް ގައި ޖަމީލު ލިޔުއްވާފައި ވެއެވެ.

ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ ނެރުމަށް ބޭއްވި ހަފްލާ ތެރެއިން — ސަން ފޮޓޯ

ޖަމީލް ވިދާޅުވީ އޭނާއަށް މި މަސައްކަތް ކުރައްވަން ހިތްވަރު ދެއްވީ ގައުމީ ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީ ކަމަށެވެ. އެގޮތުން ޑރ. ޝައުގީ އަކީ އިލްމީ ކަންކަމަށް ލޯބިކުރައްވާ ބޭފުޅަކަށްވުމާއި، ގައުމިއްޔަތު ކުރިއަރުވަން ސަރުކާރުން ފެށި މަސައްކަތާއެކީ، ފަރުދީ ފެންވަރުގައި ވެސް ކުރެވޭނެ ކަންކަން ހުންނާނެކަމަށް ޝައުގީ މަޝްވަރާ ދެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެގޮތުގެ މަތިން މިއީ، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ހިތްތަކުގައި ގައުމީ އަބްތާލުންނާ ބެހޭ ތަސައްވުރެއް އުފެދޭތޯ ބެލުމަށް ކުރި މަސައްކަތެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މަޙްމޫދު ޝައުގީ ވަނީ އޭނާއަށް ޖަމީލްގެ ލިޔުންތެރިކަމުގެ މަސައްކަތުގެ ތެރެއަށް ވަދެ އެހީތެރިކަން ފޯރުކޮށްދެއްވަން މެދުވެރިވި ގޮތް ވެސް ހިއްސާ ކުރައްްވައިފައެވެ. އަދި މި ފޮތަށް މަސައްކަތް ފެށުނު ގޮތް ވެސް ހިއްސާކުރައްވައިފައެވެ.

މި ފޮތް ލިޔުއްވި ޖަމީލަކީ ތަޖުރިބާކާރު ނޫސްވެރިޔެއް އަދި ލިޔުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން އަބވަހާރަވެގެންދިޔަ ގޮތުގެ މައްޗަށް "އޯކިޑް" ގެ ނަމުގައި ފޮތެއް ލިޔުއްވާފަ އެވެ. އޭނާގެ ދެވަނަ ފޮތަކީ، "އިންސާފު" ގެ ނަމުގައި ލިޔުއްވި ރައީސް ޑރ. މުޙއްމަދު ވަޙީދު ޙަސަން މަނިކުގެ ބައޮގްރަފީ އެވެ. ޖަމީލް ގެ ތިންވަނަ ފޮތަކީ، "ލާމަސީލު ދިވެހި ދަރިއެއް" ގެ ނަމުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ބައޮގްރަފީ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *