ނޭނގިގެން ކުރެވޭ ފާފަތަކާއި އެނގިގެން ކުރެވޭ ކުށްތަކުން ތައުބާ ވުމަކީ މުސްލިމުން އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. މި ދުނިޔޭގައި އުޅެމުންދާއިރު ﷲ އަށް ނުކިޔަމަންވެވޭ ކިތަންމެ ފަހަރެއް އާދެއެވެ. ދޮގުހެދުމާއި، ޣީބަ ބުނުމާއި، މީހުންނަށް އެއްޗިހި ކިޔުމާއި، ހަޑިހުތުރުބަހުން ވާހަކަދެއްކުމަކީވެސް ކުރަމުންދާ ކަންކަމެވެ. ޚިޔާނާތްތެރިވުމާއި، ރިބާކެއުމާއި، ހަރާމްތަކެތި ކައިބޮއި އުޅެނީ ކިތައް މީހުންހެއްޔެވެ؟ ތިމާގެ އަތުގައި އޮންނަ ފޯނުން ކުރެވެމުންދާ ފާހިޝްކަންތައްތަކާއި، ޒިނޭ ކުރުމަކީ އެއިން ފާފަ ލިބޭނެ ކަންކަމެވެ. ނަމަވެސް އިޚުލާސްތެރި ހިތަކުން ތައުބާވުމުން ﷲ އިންސާނާގެ ފާފަތައް ފުއްސަވައެވެ.
ތައުބާވުމަކީ ތިމާއަށް ކުރެވުނު ފާފައަށް ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލައި ދެން ފާފަ ނުކުރާނޭކަމަށް ޢަޒުމު ކަޑައަޅައި ފާފަ ފުއްސެއްވުންއެދި މާތް ﷲ އަށް ދުޢާ ކުރުމެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ ކުށެއް ކުރެވުމުން އަވަހަށް ތައުބާ ވުމެވެ. ދެން އެކުށަށް އަރައިނުގަނެ ތައުބާވުމުގައި ދެމިހުރުމަށެވެ. ކޮންމެ މީހަކުވެސް ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އިންސާނުންނަށް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފާފައެއް ކުރެވުމަކީ އެކަމާ ދެރަވެ ގޮތް ހުސްވާންވީ ކަމެއް ނޫނެވެ.
މުއުމިނުންނަކީ ހެނދުނާއި ހަވީރުވެސް ތައުބާވާ މީހުންނެވެ. އެހެނީ އޭނާ އާއި މަރު ބައްދަލު ކުރާނީ ހެނދުނު ކަމެއް ހަވީރުކަމެއް ނޭނގޭތީއެވެ. ނުވަތަ އޭނާގެ ފުރާނަ ހިއްޕަވާނީ ކިޔަމަންތެރިކަމުގެ ޙާލަތުގައިވަނިކޮށްކަން، ނުވަތަ އުރެދުމުގެ ޙާލަތުގައިވަނިކޮށް ކަން ނޭނގޭތީއެވެ. ހެނދުނާއި ހަވީރު ވޭތުވެގެން ދާއިރުވެސް ތައުބާ ނުވާ މީހާ އެވަނީ ނުރައްކަލުގެ ތެރޭގައެވެ. ތައުބާ ނުވެ ހުއްޓާ މަރު އައިސް ބައްދަލުކޮށް ފާފަވެރިންނާއެކު މަޙްޝަރު ކުރައްވާފާނެތީ އޭނާ ބިރުވެތިވާން ޖެހެއެވެ.
ކީރިތި ޤުރްއާނުގައި سورة الحجرات 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
﴿…وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ ﴾
މާނައީ:"އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
