އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބު ހޯދައިފި

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން އޭދަފުށީގައި ކުރިއަށް ދިޔަ ”އޭދަފުށި ކަޕް 2025“ ގެ ޗެމްޕިއަން ކަން މިއަހަރުވެސް ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިދިޔަ އަހަރުގެވެސް ޗެމްޕިއަން ވެލާއިން ތަށި ދިފާއުކުރީ މިއަދު ހަވީރު، އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއިން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އަހުމަދު ސުހައިލް (ބަންބުޗް) ހުރަސްކޮށްދިން ބޯޅައިން އަލީ ޒުބޭރު ވަނީ ވެލާއަށް ލީޑު ހޯދައިދީފައެވެ.

މިފްދާދު މެޗުގައި މޮޅަށް ކުޅެފައިވާ އިރު، ވެލާއިން ވަނީ ކައުންޓާގައި ލިބުނު ފުރުސަތެއްގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެޓީމަށް ލިބުނު ފުރުސަތުގައި ކީޕަރުވެސް ނައްޓާލުމަށްފަހު ދެވަނަ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދެވެ.

މެޗުގެ އިތުރުވަގުތުގައި އިރުމަތި އެފްސީއަށް ލިބުނު ޕެނަލްޓީއެއް އަލީ ނަސީމް ގޯލަކަށް ބަދަލުކުރި ނަމަވެސް، ވެލާއިން ވަނީ ފަހު މިނެޓުތަކުގައި ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި ޔަގީންކޮށްފައެވެ.

ފައިނަލް މެޗަށްފަހު ނިންމުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެލާގެ ކީޕަރު މިފްދާދު ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ އިރުމަތި އެފްސީގެ ޕްރިންސް ބޯޑޫއާއި ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އެއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ގޯލު ޖަހައިދީފައެވެ.

އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ މިފްދާދުއެވެ. އެންމެ މޮޅު ކޯޗަކީ ވެލާގެ ކޯޗު މުހައްމަދު އިހްސާން ސައީދު (ލިއުބީ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އިރުމަތި އެފްސީގެ އަބްދުﷲ ޖައުޝަންއަށް ލިބުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ އިމްތިޝާލް އަބްދުލް ރަހީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯޅަ އެކަޑެމީއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *