ކުރުވާހަކަ: އަގެއްނެތް ލޯބި

ކޮޓަރީގެ އަނދިރިކަމުގައި ރިފާ އިންނަތާ މީ ބާރަ ގަޑިއިރެވެ. ފެންބޮވައިގަނެގެން އޭނާގެ ކުޑަދޫ ނިކުންނަ ވަރުވެއްޖެއެވެ. ނަމަވެސް ފެންފޮދެއްބޯނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ގޮތްހުސްވުމާއި ކަންބޮޑުވުމުގެ ޚިޔާލުތަކުން އޭނާ ނޭވާއަށް ދަތިވާކަހަލައެވެ. ކުރިމަތީގައި ހުރި ޑްރެސިންޓޭބަލްގެ ލޯގަނޑު ކުދިކުދިވެ އޭނާގެ މޭ ތޮރުފާލާނެ ނަމައެވެ. ކޮޓަރީގެ ހަތަރު ފާރު ކައިރިވަމުން ބެދެމުން އައިސް ފިއްތާލާނެ ނަމައެވެ.

އޭނާ ވަރަށް ހިތްވަރުކޮށްފައި އެންމެފަހުން ތެދުވެ އެނދުގައި އޮތް މިލަފޭލި ނަގާ ފަންކާގައި އައްސާފައި ބޮލަށް މަހާލަން މަޅިގަނޑު ތައްޔާރު ކޮށްލިއެވެ. ގޮނޑިއަށް އަރާ މަޅިގަނޑު ކަރަށް މަހާލިވަގުތު ގޮނޑި ވެއްޓިއްޖެއެވެ. ނޭވާ ދަތިވެ މަރުގެ ރަހަ ރިފާގެ ކަރުބުޑުގައި ލާން ފަށައިފިއެވެ. ރިފާ ބިރުގަތެވެ. ކަރަށް މަޅިގަނޑު ނުލެވުނު ނަމައެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަނެވޭތޯ ބެލިއެވެ. މަޅިގަނޑު ނެއްޓޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަނިޔާވެރި ގޮތަކަށް ފުރާނަ ނިކުންނަނީކަން އޭނާއަށް ޔަގީން ވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

"ވަހީދާ. ވަހީދާ." ރިފާގެ ބައްޕަ ގާދިރު އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ދިޔައެވެ. އޭނާ ހުރީ ރިފާގެ ފައިގާ ހިފަހައްޓައިގެން ރިފާ ޖެހިފައިއިން މަޅިގަނޑަށް ލުއިދީގެންނެވެ. ވަހީދާ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

"އަވަހަށް ވަޅިއެއް ހިފައިގެން އާދޭ. މި މަޅިގަނޑު ބުރިކޮށްލާ." ގާދިރު ރޮމުން ރޮމުން ބުންޏެވެ. ވަހީދާ ދުވެފައިގޮސް ވަޅިހިފައިގެން އައެވެ. ވެއްޓިފައިވާ ގޮނޑިއަށް އަރާ އަވަހަށް ވާގަނޑު ބުރިކޮށްލިއެވެ. އަދި ވީހާވެސް އަވަހަކަށް ރިފާ ހޮސްޕިޓަލަށް ގެންދިޔައެވެ.

ރިފާއަށް ލޯހުޅުވާލެވުނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އޮއްވައެވެ. އެންމެ މުހިންމު ވަގުތު ބައްޕައާއި މަންމަ ކޮޓަރިއަށް ވަދެ އޭނާ ސަލާމަތް ކޮށްދިނީމައެވެ. ކުރެވުނު ކަންތަކުގެ މޮޔަކަން ހިތަށް އެރުމާއި ކުރިން ދިމާވި ނުރައްކާ ކަންކަން ހަނދާންވުމުން އޭނާއަށް ރޮވެން ފެށިއްޖެއެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިން އެތަނުގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

"ރިފާ އެއްވެސް ކަމެއް ސިއްރުނުކޮށް ބުނެދެންޖެހޭނީ. އެހެން ނޫނީ އަހަރެމެންނެއް ނުދާނަން." ފުލުހުންގެ މީހެއް ބުންޏެވެ.

"ރިފާއަށް މަދީ ކޮންއެއްޗެއް. ބުނީމާ ބުނިހާއެއްޗެއް ދިނިން. ގޭން ކާހިތްނުވީމާ ޕިއްޒާއާއި ސަބްމެރިން ގެނެސްދެން. ފޫހިވާތީ އައިޕެޑާއި ލެޕްޓޮޕް ދިނިން. އިންޓަނެޓް އެހުރީ އަބަދުވެސް ބޭނުުން ކުރެވޭގޮތަށް. ރިފާޔާއި މަންމަޔާއި ކޮންމެ ރެއަކު ދިމާވޭ. މައްސަލައެއް އުޅެންޏާ ބުނަން ވާނެއެއްނު." ރިފާގެ މަންމަ ރޮމުން ރޮމުން ބުުންޏެވެ.

"ރިފާއަށް ދެރަގޮތެއް ނުވާނެ. ދުނިޔޭގައި އުޅޭއިރު ވަރަށް ބޮޑެތި ކަންކަމާވެސް ދިމާވާނެ. އެކަމަކު ތިމާގެ ނަފުސު ރައްކާތެރި ކުރަން ވާނެ. މަރުވުމަކީ މައްސަލައިގެ ހައްލެއް ނޫން." ޑޮކްޓަރު ބުނުއްވިއެވެ.

ރިފާއަށް އިޙްސާސްވަމުން ދިޔައީ ނުބައި މީހަކަށްވުރެ ހެޔޮއެދޭ މީހުން ގިނަކަމެވެ. އޭނާއަށް އެފަދަ ނިކަމެތި ގޮތަކަށް ފުރާނަ ދުއްވާލަން އުޅެވުނީތީ ދެރަވާން ފަށައިފިއެވެ. އެންމެފަހުން އޭނާ ފުރާނަ ދުއްވާލަން މަސައްކަތްކުރި ސަބަބު ކިޔައިދޭން ނިންމިއެވެ.

ރިފާޔާއި އެއްކުލާހެއްގައި އުޅޭ އަރީޝްއަކީ ރިފާޔަށް ވަރަށް ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ބައެއްކުދިން ރިފާ މާމަޑުން އިންނާތީ މަލާމަތް ކުރާއިރު އަރީޝް ރިފާއަށް ހިތްވަރުދެއެވެ. ކުލާހުގައި ދެވޭ ސުވާލުތަކަށް ރިފާ ޖަވާބު ދޭއިރު އަޑުނީވޭތީ ކުލާސް ކުދިން ހީ ފުރައްސާރަކޮށް އަދި ދިމާކޮށް ހަދާއިއިރު އަރީޝް އެކުދިންނަށް އެއްޗިހި ކިޔައެވެ. އެހެންކަމުން އަރީޝްއަކީ ރިފާއަށް ވަރަށް ކަމުދާ ރައްޓެހި ކުއްޖަކަށް ވިއެވެ. އަރީޝްއަކީ ރިފާގެ ހީރޯއެވެ.

"ބުނަންތަ ވާހަކައެއް. ކަލޭމެން ރިފާއާއި ނުބެހި މަށާ ބެހޭ. މަޑުންތިބޭ ކުދިންނާ ބެހޭނީ ފިނޑިން." އަރީޝް ރިފާގެ އަތުގައި ހިފާ ކުލާސް ރޫމުން ބޭރަށް ނިކުތެވެ. އަރީޝްގެ ހިތްވަރަށް ރިފާގެ ހިތުގެ އަޑިން ތަޢުރީފް ކުރެވުނެވެ.

ރިފާގެ މަންމައާއި ބައްޕަ ދެ ދުވަހަކަށް ލަންކާއަށް ދިޔައީ ވިޔަފާރި ދަތުރެއްގައެވެ. ރިފާގެ ސްކޫލްގެ މުހިއްމު ސްޓަޑީ ވޯކްޝޮޕެއް އޮތުމުން އެހެން ދަތުރަކަށް ރިފާ ބަހައްޓާފައެވެ. ވިއްސާރަ ދުއްޕާން ދުވަހެކެވެ. މުޅިމާލޭގައި ވަނީ ފެންބޮޑުވެފައެވެ. ސްކޫލުގައި އޮތް ހަރަކާތްވެސް ވަނީ ކެންސަލްވެފައެެވެ. ރިފާ ގޭގައި ހުރީ އެކަނިމާއެކަނި ފޫހިވެފައެވެ. އޭނާ އަރީޝަށް ގުޅާގުޅާ ޚަބަރެއްވީ ވަރަށް ފަހުންނެވެ.

"މިއުޅެނީ ގޭގެ ކަމެއް ދިމާވެގެން." އެންމެ ފަހުން އަރީޝް ބުންޏެވެ.

"ގޭގައި މިއުޅެނީ އެކަނި. އާދެބަލަ އެއްޗެއް ކާން. ޕިއްޒާ ގެންނަންތަ؟" ރިފާ ބުންޏެވެ.

އަރީޝް އަންނާނެ ވާހަކަ ބުނުމުން ރިފާ ވަރަށް އުފާވިއެވެ. އޭނާ ގޭގައި އުޅޭ ބޭރު މީހާލައްވާ އައިސް ކުރީމް ގެނުވިއެވެ. އެއީ ބައްޕަ އޮފީހުގައި މަސައްކަތްކުރުވަން ގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހެކެވެ. ގޭގެ ބައެއް ކަންތައްތައްވެސް އޭނާލައްވާ ކުރުވައެވެ.

"ޕިއްޒާއަށް އޮޑަރުކޮށްފައިވާނެ. އެ ގެނައިމާ ގެއަށް ވައްދާތި." އަރީޝް އައުމުގެ ކުރިން ރިފާ ފެންވަރާ ތައްޔާރުވެލުމުގެ ގޮތުން އޭނާ ބުންޏެވެ.

ރިފާ ފެންވަރައިގެން ނިކުތެވެ. މުޅި ގޭތެރެ ވަނީ އަނދިރިވެފައެވެ. ގޭތެރޭގައިވަނީ ސަހަރާއެއްފަދަ ހިމޭންކަމެވެ. ކުއްލިއަކަށް އޭނާއަށް މީހަކު އުޅޭހެން ހީވެގެން ހަޅޭއް ލަވައިގަތެވެ. އެމީހަކު އައިސް ރިފާގެ އަނގަމަތީގައި އަތްއެޅިއެވެ. އޭނާ ގައިގާ އޮޅައިގެން ހުރި ތުވާލި ބިންމައްޗަށް ވެއްޓުނެވެ. އެ ވަރުގަދަ މީހާ އޭނާގެ އަނގަޔަށް ފޮތިގަނޑެއް ޖަހާ ދެ އަތް ދެފަރާތަށް ވާގޮތަށް ގެނެސް ބަނެވެ. ރިފާ ބިރުން ހަޅޭއްލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ނުބައި މީހާ އޭނާގެ ގައިގާ ފިރުމަން ފެށިއެވެ. ކުއްލިއަކަށް ގެއަށް ކަރަންޓް އައެވެ. ރިފާއަށް އޭނާގެ ކުރިމަތީގައި ހުރި ބަންގްލަދޭޝް މީހާފެނުނެވެ. އޭނާ ދިޔައީ ރިފާގެ ހަށިގަނޑު ފޮޓޯތައް ނަގަމުންނެވެ. ބިރުގެންފައިވާ ރިފާ ސިއްސައިގެން ދިޔައީ އެ ބަންގާޅު މީހާގެ ގައިގާ ބިއްލޫރި ވާސްއަކުން މީހަކު ޖެހުމުންނެވެ. އެ މީހާ ބިންމައްޗަށް ވެއްޓުނެވެ. އަރީޝް ދުވެފައި އައިސް ރިފާގެ އަނގަމަތީގާ އޮތް ފޮތިގަނޑު ނައްޓާލިއެވެ.

"އަރީޝް…. އެމީހާ..އެމީހާ އުޅުނީ.." ރިފާއަށް ވާހަކަ ދެއްކެނީ ވަރަށް އުނދަގުލުންނެވެ.

އަރީޝް އަވަސް އަވަހަށް ރިފާގެ އަތް މުހާލިއެވެ. އަދި އޭނާގެ ގައިގާ ތުވާލިއަޅާ ނިވާ ކޮށްދިނެވެ. ދެން ލަސްތަކެއް ނުކޮށް އެ ވެއްޓިފައި އޮތް ބަންގާޅު މީހާގެ އަތުގައި އޮތް ފޯނު ނެގިއެވެ.

"ރިފާ ޕޮލިހުންނަށް ގުޅާ. ދެން ކަލެއަކަށް މި ފޯނެއްވެސް ނުލިބޭނެ." އަރީޝްގެ ފައިން އެ ބަންގާޅު މީހާގެ ގައިގައި ޖެހިއެވެ.

"ޕޮލިހުންނަށް ނުގުޅާ. އަހަރެން މި ރަށުންވެސް ދަނީ." އެމީހާ ރޮމުން ރޮމުން ބުންޏެވެ.

"ޕޮލިހުންނަށް ގުޅައިފިނަމަ މަންމަމެން ރުޅި އައިސްފާނެ." ރިފާ ބިރުން ހުރެ ބުންޏެވެ.

އަރީޝް އެމީހާގެ ފޯނު ބިންމައްޗަށް ޖަހާ ކުދިކުދި ކޮށްލިއެވެ. އެ މީހާ ދުވަހަކުވެސް ނާންނާނެ ކަމަށް ބުނެ ގެއިން ދިޔައެވެ. ދިމާވި ބިރުވެރި ހާދިސާގެ ސަބަބުން އެ ދެމީހުންނަށް އެތައް އިރަކު ތިބެވުނެވެ. ރިފާ އެންމެ ބިރުގަތީ އޭނާގެ ފޮޓޯތައް އިންޓަނެޓަށް ލައިފާނެތީއެވެ. ނަމަވެސް އަރީޝް އޭނާއަށް ވަރަށް ވިސްނައިދިނެވެ. އެ ފޮޓޯތަކުގެ ބޭނުން ނުކުރެވޭ ވަރަށް ފޯނު ހަލާކުކޮށްލާ ރިފާ ހިތްހަމަ ޖައްސައިދިނެވެ. ހަވީރު އޭނާގެ މަންމަމެން އައުމުން އެއްވެސް ކަމެއް ވީ ވާހަކައެއް ނުބުނެއެވެ.

ރިފާއަށް އެރޭ ނިދަން އުޅެ އުޅެ ނިދޭގޮތެއް ނުވިއެވެ. ހިގައިދިޔަ ބިރުވެރި ހާދިސާ ހަނދާން ވަނީއެވެ. އެންމެ މުހިންމު ވަގުތު އަރީޝް ނައިނަމަ ރިފާގެ ފުރާނަވެސް ސަލާމަތް ނުކުރެވޭނެކަން އޭނާއަށް އެނގެއެވެ. އަރީޝްގެ ހެޔޮކަމުން ރިފާވަނީ އަރީޝަށް ދަރަނިވެރިވެފައެވެ. ޖެހިގެން އައި ދުވަހު ރިފާއައީ އަރީޝަށް ދިނުމަށްޓަކައި އަގުބޮޑު ސެންޓްފުޅިއެއް ހިފައިގެންނެވެ.

"މީ ކީއްކުރަން ކުރާކަމެއް." އަރީޝް ބުންޏެވެ.

"އަރީޝް އަކީ އަހަންނަށް ވަރަށް ކަމުދާ ކުއްޖެއް." ރިފާ ލަދުން ހުރެ ބުންޏެވެ.

"އެންމެ ރަނގަޅު. އެކަމަކު އަހަރެން ގެއްލުމުން ނުރޯތި. އަބަދަކު އަހަންނެއް ނުހުންނާނެ. ދިމާވާ ކަންކަމަށް ކެރިގެން ކުރިމަތިލާން ރިފާއަށް ކެރެންޖެހޭނެ." އަރީޝް ބުންޏެވެ.

ސްކޫލުން ގެއަށް އާދެވުމާއެކު ރިފާ އާއި އަރީޝްގެ ކަަމަކީ ފޯނުން ވާހަކަ ދެއްކުމެވެ. ކުރާކޮންމެ ކަމެއް ފޭސްބުކްގައި ފާޅުކޮށްލުމެވެ. ވައިބަރއާއި މެސެންޖަރއާއި ސްނެޕްޗެޓްއާއި، އިންސްޓަރގްރާމަށް ފޮޓޯ އެޅުމާއި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކުމެވެ. އެކުދިންގެ ލޯބީގެ ވާހަކައަކީ ސްކޫލުގައި މަޝްހޫރު ވާހަކައެކެވެ.

"ހިނގާބަލަ ކުރޮސްރޯޑަށް ދާން." އެއްދުވަހަކު ރިފާ ބުންޏެވެ.

"އެއީ ވަރަށް އަގުބޮޑު ތަނެއް. އަހަރެންނަކަށް ނުދެވޭނެ." އަރީޝް ރިފާގެ އަތުގައި ހިފާލިއެވެ. ރިފާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ.

"އަހަރެންގެ ސޭވިންގސް ހުންނާނެ. މެނޭޖް ކުރެވޭނެ. ހިނގާބަލަ." ރިފާ އާދޭސް ކުރިއެވެ.

ރިފާގެ މަންމަމެންގާތު ސްކޫލް ދަތުރެކޭ ބުނެ ކުރޮސްރޯޑަށް ދިޔައެވެ. މަންމައާއި ބައްޕައަކީ ވަޒީފާއަށްދާ ވަރަށް އަވަދިނެތި އުޅޭ ބައެއްކަމުން އެމީހުންނަކަށް ރިފާގެ އެދަތުރު އެއީ ސްކޫލް ދަތުރެއް ނޫންކަމެއް ނޭނގެއެވެ. ބައިވަރު ކަންކަމުގައި ޝާމިލުވާ ބިޒީ ދިރިއުޅުމެއް އުޅޭ ބައެއް ކަމަށްވާތީ މާބޮޑަކަށް ކަމުގެ ހަގީގަތެއްވެސް އެމީހުންނަކަށް ނުބެލެއެވެ. ރިފާއަކީ ބޭރަށްގޮސް އެހެން އުޅޭ ކުއްޖެއް ނޫންކަން އެމީހުންނަށް އެނގޭތީވެސް މެއެވެ.

ކުރޮސްރޯޑުގައި އެމީހުން ވަރަށް މަޖާކުރިއެވެ. އެކުގައި ކައިބޮއި ހެދިއެވެ. ފޮޓޯނަގާ އެކަކު އަނެކަކަށް ވައްތަރުޖައްސާ ހެދިއެވެ. އެކުގައި ބައިސްކަލު ދުއްވިއެވެ. ޕޫލަށް އެރުނެވެ.

"ރިފާ… ހާދަ މީރުވަހެއް ދުވައޭ." ފަނޑުއަލިކަމުގެތެރޭގައި އޭސީގެ އެންމެ ފިނީގައި ދެމީހުންގެ ނޭވާގެ އަޑުއިވޭ ހިސާބުގައި ރިފާއަށް ބަލަންހުރެގެން އަރީޝް ބުންޏެވެ. ރިފާ ލަދުންހުރެ ލޯ މަރާލިއެވެ. ވައިރޯޅިއަކަށްވެސް ގާތްނުވެވޭވަރަށް ރިފާ އަރީޝްއާއި ގާތްވެލިއެވެ. މިއީ އޭނާ ދުވަހަކުވެސް ތަޖުރިބާކުރި އިހުސާސެއް ނޫނެވެ.

"ހުރިހާއެއްޗެއް ލިބުނަސް އަރީޝްއާއި ނުލާ އުފަލެއްނުވޭ." މިއީ ރިފާއަށް ދުވަހަކުވެސް ނުލިބޭހާ ބޮޑު އުފަލެކެވެ. ދަތުރު ނިމުމާއިއެކު އަނެއްކާވެސް ކިޔެވުން ފެށުނީއެވެ. ސްކޫލުން ދިމާ ވުމުގެ އިތުރަށް ބޭރުތެރެއިން އެ ދެމީހުން ދިމާވަނީ މަދުފަހަރަކުއެވެ. ނަމަވެސް އެކުދިން ފޯނުން ވާހަކަ ދައްކައެވެ.

ދަތުރުގެ ހަނދާންތައް ރިފާގެ ހިތަކުން ފިލައިގެން ނުދިޔައެވެ. އޭނާ ބޭނުންވަނީ އަބަދު އަރީޝްއާއި އެކުގައި ވުމަށެވެ. ދެކުދިން ދިމާނުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންކަމުން އަރީޝް އެދުނީ ރިފާގެ ފޮޓޯ ފޮނުވުމަށެވެ. ރިފާ އެކަމާއި ދެކޮޅު ހެދިއެވެ. ނަމަވެސް އަރީޝްގެ އެތައް އާދޭހެއް ކުރަމުން ދިޔައެވެ. އެކި ގޮތްގޮތަށް ވާހަކަތައް ދައްކާ ވިސްނައިދިނެވެ.

"ނޫން. ލީކުވެއްޖެއްޔާ އަހަރެން ލަދުން މަރުވެދާނެ." ރިފާ އިންކާރު ކުރިއެވެ.

"ރިފާއަށް އެނގެންވާނެ އެބަންގާޅު މީހާގެ ފޯނުވެސް އަހަރެންދޯ ހަލާކުކޮށްލީ. އަސްލު ބޭނުންވަނީ ރިފާ ގާތު އަބަދު ހުންނަން. ފޮޓޯ އޮތީމަ ބަލާލުމުންވެސް އުފާވަނެދޯ." އަރީޝް ބުންޏެވެ.

"އެކަމަކު ބަލާފަ ޑިލީޓް ކޮށްލަންވާނެ." އެންމެ ފަހުން ބަލާލާފައި ޑިލީޓް ކޮށްލާނަމޭ ބުނެ ވައުދު ވުމުން ރިފާގެ ފޮޓޯޯޯ ފޮނުވިއެވެ.

އެއީ އެހެން މީހަކަށް ފެނިއްޖެނަމަ ލަދުގަންނާނެ ކަހަލަ ފޮޓޯއަކަށް ވާތީއެވެ. އެގޮތުގެ މަތީން އަރީޝް އެދޭކަހަލަ ހުއްދަނޫން ފޮޓޯތައް ރިފާ ފޮނުވިއެވެ.

އޭގެފަހުން އަރީޝްގެ ޚަބަރެއް ނުވެއެވެ. ރިފާ ފޮނުވާ މެސެޖަކަށް ޖަވާބެއް ނުލިބެއެވެ. ރިފާ ގުޅާގުޅާ ފޯނަކަށް ޖަވާބެއް ނުދެއެވެ. ސްކޫލަކުންވެސް އޭނާ އަރީޝްއެއް ނުދެކެއެވެ. ކުދިންގެ ގާތުގައި އަހާ އޮޅުންފިލުވުމުންވެސް އޭނާ ވީތަނެއް އެކަކަށްވެސް ނޭނގޭ ކަމަށް ބުންޏެވެ. ދުވަހެއް ދުވަހަކަށް ރިފާ ހާސްވަމުންދިޔައެވެ. އެމީހަކާ ނުލާ އުޅެން ދަތިވާ އަރީޝްގެ ޚަބަރެއް ނުވުމުން ބިރުގަންނަން ފަށައިފިއެވެ. ތިން ދުވަސްފަހުން އެއްރޭ ދަންވަރު އަރީޝް ގުޅިއެވެ.

"ދިހަހާސް ރުފިޔާ ނުދީފިނަމަ ފޮޓޯތައް ލީކު ކޮށްލާނަން." އަރީޝް ބުންޏެވެ.

"ތިހެން ނަހަދާ. ދިހަހާސް ރުފިޔާ  އަހަރެން ހޯދާނީ ކޮންތާކުން." ރިފާ ރޯން ފެށިއެވެ. މަންމަ މެންގާތުން ދިހަހާސް ރުފިޔާ ދޭން ބުނުމުން ބައިވަރު ސުވާލު ކުރާނެއެވެ. އޭނާ އަތުގައި އޮތް އެއްޗެއް ވިއްކާލައިގެންވެސް ދިހަހާސް ރުފިޔާ ނުހޯދޭނެއެވެ. އޭނާގެ ހިތް ކުދިކުދި ވެއްޖެއެވެ. އަރީޝް ފޯނު ކަނޑާލީއެވެ. އޭނާގެ އެއްވެސް އާދޭހެއް އަރީޝް އަޑެއްވެސް ނޭހިއެވެ. އަރީޝް އެހާބޮޑު ލަނޑެއް އޭނާއަށް ދިނީ އޭނާ ކޮންކުށެއް ކޮށްގެން ހެއްޔެވެ؟ އެހާ ލޯބިން އުޅެފައި އަނިޔާވެރިވީ ކީއްވެހެއްޔެވެ؟ އަރީޝް ބޭނުންވިނަމަ އޭނާގެ ފުރާނަވެސް ދިނީހެވެ. އެކަމަކު އެހާބޮޑު ނިކަމެތިކަމެއް ދިނީ ކީއްވެހެއްޔެވެ؟

"އެއީ ރިފާގެ ކުށެއް އޮވެގެންނެއް ނޫން. އެއީ އެހެން އުޅޭ ބައެއް. އެމީހުން ބޭނުންވާނީ ފައިސާ. ރިފާއަށް އެއީ ރާއްޖޭގައި ހިނގާކަމެއްކަން ނޭނގުނީމާ އަދި ނުވިސްނުނީ. ކިތަންމެ ގާތްމީހަކު ބުންޏަސް ތިމާގެ އަމިއްލަ ނަފުސުގެ ފޮޓޯ އެހެން މީހަަކަށް ނުފޮނުވާތި. ތިމާގެ ފޯނުގައި އެކަހަލަ ފޮޓޯ ނުވެސް ބަހައްޓާތި. ނޫނީ ފަހުން ތިކަހަލަ ދެރަގޮތްތައް ދިމާވެދާނެ. އެކަހަލަ ކަމެއް ދިމާވުމުން ފުލުހުންނަށް އަންގަން ޖެހިލުން ނުވާތި؟" ރިފާއަށް ހެޔޮއެދޭ އެންމެން ބުންޏެވެ. ނަމަވެސް ރިފާއަކަށް އެއްގޮތަކަށްވެސް އަރީޝް އޭނާއަށް އެހެން ހަދަންޖެހުނު ސަބަބެއް ނޭނގުނެވެ. އެހާ ލޯބިން އުޅެފައި އެހާބޮޑު ލަނޑެއް ދިނީ ކީއްވެގެން ކަމެއް ޚިޔާލަށް ގެންނަންވެސް ނޭނގުނެވެ.

ވަރަށް ގިނަ ފަރުވާތަކަކާއި އެކު ރިފާގެ ހާލަތު ރަނގަޅުވިއެވެ. މައިންބަފައިންނާއި ކުލާސްކުދިިންގެ އެހީއާއިއެކު އޭނާ މަޑުމަޑުން ހަމައަކަށް އެޅުނެވެ. ރައްޓެހިންގެ ފަރާތުން އެގުނުގޮތުގައި އަރީޝް ވަނީ ސްކޫލުން ވަކިވެފައެވެ. އޭނާ މާލޭގައިވެސް ނޫޅެއެވެ.

"ދެން އޭނާ ހޯދަން ނޫޅޭ." މަންމަ ރިފާގެ މަގަތުގައި އިށީންދެ އިނދެ ބުންޏެވެ. ހޮސްޕިޓަލުގައި އޮތް ހަފްތާގައި މަންމައާއި ބައްޕަ އަބަދުވެސް އުޅުނީ ރިފާ ގާތުގައެވެ.

ކުދިންގެ ސިކުނޑިތައް ދޮވެލާ މިފަދަ ކަންކަމުގައި ކުދިންގެ ދިރިއުޅުން ހަލާކުކޮށްލާ މީހުން ވަރަށް ގިނަކަން ރިފާ މިއަދު ހުރިހާ ކުދިންނަށް ކިޔައިދެއެވެ. އެފަދަ ކަމެއް ދިމާވުމުން ބިރުނުގަތުމަށާއި މައިން ބަފައިންނާއި ފުލުހުންގެ އެހީހޯދަން ހިތްވަރުލައިދޭ ޖަމާޢަތަކީ ރިފާ ހަދާފައިވާ ޖަމުޢިއްޔާއެވެ. ރިފާއަކީ މިއަދު މިފަދަަ ކުދިންނަށް އެހީވާ ހިތްވަރުގަދަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ހިތުގައި އަރީޝް އެހާބޮޑު ލަނޑެއް ދިނީތީ އެކަން ހިތަކުން ނުފިލައެވެ. ކޮންމެވެސް ދުވަހަކުން އަރީޝްއާއި ކުރިމަތިލާން އޭނާ ބޭނުމެވެ. ފާއިތުވެގެން ދިޔަ ކޮންމެ ދުވަހެއް އޭނާ ދިޔައީ އަރީޝް ފެނޭތޯ ބަލަމުންނެވެ. ސޯޝަލް މީޑިޔާގެ ހުރިހާ އެއްޗަކުން އަރީޝްގެ ޚަބަރެއްވޭތޯ ބަލަމުންނެވެ. ނަމަވެސް އަރީޝް ފެންނަގޮތެއް އޭނާއަކަށް ނުވިއެވެ.

އިރުއޮއްސި އަނދިރިވަނީއެވެ. ރިފާ އިނީ ބެލްކަނީގައި އިން އުނދޯޔެއްގައެވެ. އަތުގައި އޮތް ގަލަން އަނގަޔަށްލައިގެން ފުންވިސްނުމެއްގެ ތެރޭގައެވެ. އަރީޝްއާއި ނުލާ އޭނާގެ ހަޔާތްވެސް ވަނީ އޮއްސިފައެވެ. ކިތަންމެ ހިތްވަރު ކުރިއަސް އަރީޝްގެ ލޯބިލޯބި އާދަތައް ހިތަކުން ނުފޮހެވުނެވެ. އެހާބޮޑު ލަނޑެއް ދިނުމުންވެސް އޭނާއަކަށް އަރީޝްދެކެ ރުޅިއެއް ނާދެވެއެވެ. ފަސް އަހަރު ވެގެން ދިޔައިރު އޭނާ އިތުރު މީހަކާ ރައްޓެއްސެއް ނުވެއެވެ. އަރީޝްގެ ހަނދާންތަކުން އޭނާއަށް އުނދަގޫވެއެވެ. މީހުންނަށް އިތުބާރުުރަން އޭނާ ޖެހިލުންވެއެވެ.

"ބައްޕަގެ ވަރަށް ގާތް ޢާއިލާއެއްގެ ކުއްޖެއް ޑޮކްޓަރުކަން ކިޔަވައިގެން އަތުވެއްޖެ. އެމީހުން އެދެނީ ދަރިފުޅު އޭނާގެ ދަރިފުޅާ ކައިވެނި ކުރަން." ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ރިފާގެ ބުންޏެވެ.

"މަންމަމެންނަށް އަޅުގަނޑު ފޮނުވާނުލެވިގެން އުޅެންޏާ އަޅުގަނޑަށް އެންމެ ރަނގަޅު." ރިފާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

އޭނާއަށް އަރީޝްމަތީން ހަނދާން ނައްތައެއް ނުލެވުނެވެ. ކޮންމެ ތަނެއްގައި އޭނާ ހިމާޔަތްކޮށްދޭ ގޮތާއި އެކަނިވީމާ އޭނާގެ އޯގާތެރިކަން ހާމަކޮށްދޭގޮތްތައް އެހެންމީހުންނާއި މުޅިން ތަފާތެވެ. އަރީޝް އޭނާގެ ފޮޓޯތައް ލީކު ކޮށްލާފައި ނުވަނީ ކީއްވެތޯވެސް ބަލަން ބޭނުމެވެ. އަރީޝް އޭނާއަށް ގެއްލުނީ ކީއްވެތޯވެސް އަހާހިތްވެއެވެ. ނަމަވެސް އޭނާއަކަށް އެއިން އެއްވެސް ކަމެއް ނުކުރެވެއެވެ. މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރާމީހާގެ ހާލު މާދެރައޭ އޭނާގެ ހިތަށް އެރިއެވެ.

"ރިފާ. ވެދިޔަކަންތައް ހަނދާން ނައްތާލާ. އަރީޝް ރާއްޖޭގައި އުޅޭނަމަ މިހާރު ކޮންމެވެސް ގޮތަކުން ޚަބަރެއް ވާނެ." ރިފާގެ ރައްޓެހި ނުހާ ބުންޏެވެ.

"އާނ. އެކަމަކު ބައެއްގަޑިތަކުގައި އަހަރެން އޭނާދެކެ އިންތިހާއަށް ރުޅި އާދެވޭ. ސަބަބެއްނެތި އޭނާ އެހެން އެހެދީ ކީއްވެ؟" ރިފާ އަބަދުވެސް ބުނެއެވެ.

ރަހްމަތްތެރިންނާއި މައިންބަފައިންގެ ނަސޭހަތް އޭނާ ގަބޫލުކުރިއެވެ. ހިތުގައިއަޅަމުންދާ ރިހުންތައް ފޮރުވުމަށްފަހު ހަޔާތުގައި ކުރިއަށް ދާން އޭނާވެސް ބޭނުންވެއެވެ. އެހެންކަމުން އިތުރު ވަގުތު ބޭކާރުނުކޮށް މަންމަ އެދޭ މީހާއާއި ކައިވެނި ކުރަން އޭނާ އެއްބަސްވިއެވެ.

އަނޫޝްމެންގެ ގޭގެ ޓެރަސްއަކީ ބޮޑުތަނެކެވެ. ރީތި ކުލަތަކުގެ އަލިން ޓެރަސް ޒީނަތްތެރި ވެފައިވިޔަސް އެންމެ ރީތި ކަމެއް ގެނެސްދެނީ ފުރިހަމަ ހަނދުގެ ރިހި އަލިންނެވެ. ކާތަކެތިން ފުރިފައިވާ މޭޒުގެ ރަހަތަކަށް އިންސާފު ކުރަމުންދިޔަ ރިފާގެ އާއިލާއާއި އަނޫޝްގެ އާއިލާގެ އިސްމީހުން ތިބީ އަނޫޝްގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަނޫޝްއަކީ ފިިރިހެނެއްގެ ހުންނާނެ ރީތި ހުރިހާ ސިފައެއް ލިބިފައިވާ ރީތި މީހެކެވެ. ރިފާ ހުރީ އަނޫޝް ކަހަލަ ކިޔަވައިގެން ހުރި މީހަކު މިފަދަގޮތަކަށް ކައިވެނި ކުރަން އިންކާރު ކުރާނެކަމަށް ހިތުގެ އަޑިން އެދިއެދިއެވެ.

"އަހަރެންނަށް ރިފާގެ ހުރިހާ ކަމެއް އެނގޭ. އެކަމާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަރެން މިހުރީ ހުރިހާ ގޮތަކުންވެސް ރިފާއަށް އެހީވާން." ޑރ. އަނޫޝް ބުންޏެވެ. އޭނާގެ ތޫނު ބެލުން ރިފާގެ ލޮލަށް އަމާޒު ކުރެވިފައި ވެއެވެ.

"ކޮންކަހަލަ މޮޔައެއް." ރިފާ ހިތާހިތުން ކިޔާލިއެވެ.

ތަދުބީރު ކުރެވެމުން ދިޔަ ކައިވެންޏަކީ ތަގުދީރުވެސް އެދޭގޮތެވެ. ދެކޮޅުހަދަން ދައްކާނެ ވާހަކެއް ރިފާގެ ނެތެވެ. އޭނާ ލޯމަރާލާފައި އަނޫޝްގެ ހިމާޔަތަށް ދިޔައެވެ. އެއީ އޯގާތެރި ރަނގަޅު ފިރިއެކެވެ. ވިސްނުންތޫނު ހުޝިޔާރު ފިރިހެނެކެވެ. ރިފާ އުފާވާނެ ގޮތްތައް އޭނާ ވަރަށް އަވަހަށް ދަސްކުރިއެވެ.

ކައިވެނީގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ކުލަގަދަ ކޮންނެވެ. އެމީހުން ހަނީމޫނަށް ދިޔައީ ތުރުކީއަށެވެ. އަނޫޝް އަކީ ވަރަށް ހެޔޮ ފިރިއެކެވެ. އެންމެ ފަހަރަކުވެސް ރިފާ އެކަނިވާކަށް ފުރުސަތެއް ނުދެއެވެ. އެމީހުން އެކުގައި ވަރަށް ގިނަ ތަންތަނަށް ދިޔައެވެ. މީރު ކެއުންތައް ކެއެވެ. ރިފާ ބޭނުންވާ ވަރަށްގިނަ އެއްޗިހި ގަތެވެ. އަނޫޝް ހުންނަނީ ރިފާގެ ކޮންމެ ކަމަކަށް އާބަސް ބުނަން ތައްޔާރަށެވެ. ނަމަވެސް އެމީހުންގެ މެދުގައިވާ ދުރުމިން އަދިވެސް އޮތީ އެގޮތުގައެވެ. އަނޫޝް ރިފާއަށް ވަގުތުދިނެވެ. ރިފާ އަމިއްލައަށް އަނޫޝްގެ އަތުތެރެއަށް އަންނަންދެން އޭނާ ކެތްތެރިވިއެވެ.

ފިނިގަދަ ރެއެއްކަމުން ހަވީރުންފެށިގެން އެމީހުންތިބީ ހޮޓަލުގައެވެ. ކޮޓަރިތެރޭގައި އެމީހުން ތިބޭތާ މިހާރު އެތައް އިރެއްވެއްޖެއެވެ. މުޅިތަނަށް ވަނީ އާދަޔާ ޚިލާފް ހިމޭންކަމެއް ފެތުރިފައިވެއެވެ. އަނޫޝް ސޯފާގައި އޮތީ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ރިފާ އޮތީ މުޅިގައިގާ ބެޑްޝީޓް އަޅައިގެން ފުންވިސްނުމެއްގައެވެ. އަނޫޝް އެހާ ރަނގަޅުއިރުވެސް އެދެމެދުގައިވާ ދުރުކަން އޭނާއަށް އިހުސާސްވެއެވެ. އެކަން ރަނގަޅުކުރަން އޭނާ ބޭނުންވެއެވެ. އޭނާ ސިއްރުސިއްރުން އަނޫޝްއަށް ބަލާލިއެވެ. ފޮތުގެ ތެރެއަށް ގެއްލިފައި އޮތް އަނޫޝް ކިހާ މައުސޫމް ހެއްޔެވެ؟ ކުއްލިއަކަށް އަނޫޝްއަށް ގޯނާކޮށްލާހިތްވީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާ ތެދުވެގެން ގޮސް އަނޫޝްގެ އަތުގައި އޮތް ފޮތް އަތުލިއެވެ.

"ހިނގާ ބޭރަށް ނިކުމެލަން." ރިފާ ޅަ ގޮތަކަށް ބުނެލިއެވެ.

"މިގަދަ ފިނީގައި." އަނޫޝް އިންކާރުކުރަން ބޭނުންވިއެވެ. ނަމަވެސް ރިފާ ބޭނުންނަމަ ކިތަންމެ ގަދަ ފިންޏެއްގައިވެސް އަނޫޝް ދާނެއެެވެ. ރިފާ ބޭނުންވީ ބޭރަށް ނިކުމެލާ އެމީހުންގެ މެދުގައިވާ ދުރުމިން ކުޑަކުރެވޭތޯއެވެ. މަޑުހިނގުމެއްގައި ދެމީހުން ކުރިއަށް ދިޔައެވެ.

"އަނޫޝް. އަހަރެން އެންމެ ފުރަަތަމަ ދަތުރެއް ދިޔައީ އަރީޝާއެކު. އޭނާއަކީ ވަރަށް މަޖާ މީހެއް." ރިފާ މަޑުމަޑުން ބުންޏެވެ. އޭނާގެ ލޮލުން ކަރުނަ އައެވެ. އަނޫޝް އެއްޗެކޭ ނުބުނެ ރިފާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަމުން ދިޔައެވެ. އޭނާ މަޑުމަޑުން ރިފާގެ އަތުގައި ހިފާލިއެވެ.

"އޭނާ ހަނދާން ނުކުރޭ. އަނިޔާވެރިންނަށް އޭގެ އަދަބު ދުނިޔެ މަތީގައިވެސް ލިބޭނެ." ރިފާގެ ހުރިހާ ވާހަކައެއް ކިޔާނިމުމުން އަނޫޝް ރިފާގެނެސް ގަޔާ ކައިރިކޮށްލިއެވެ. ރިފާވެސް އަނޫޝްއާއި ވަރަށް ގާތްވެލިއެވެ. އެމީހުންނަށް ހޮޓަލަށް ދެވުނުއިރު ހުރީ ފިނިވެގެން ގަނޑުވާވަރުވެފައެވެ. ރިފާ ފުރިހަމަ މާނައިގައި އަނޫޝްގެ ހިމާޔަތަށް ދީލާލިއެވެ. އެކަމާ އޭނާ އުފާވިއެވެ.

"މާލެއަށް ދިއުމުގެ ކުރިން އިންޑިޔާއަށް ދާން ހިނގާ. މާމަ ވަރަށް ބަލިކަމަށް ބައްޕަ ބުނުއްވި." އަނޫޝް ބޭނުންވީ ރިފާގެ ރުހުމާއެކު އިންޑިޔާއަށް ދިއުމަށެވެ. ރިފާ އެކަމާ އެއްބަސް ވިއެވެ. އިންޑިޔާގައި ދެތިން ދުވަހު ތިބުމަށްފަހު އެމީހުން ދާނީ މާލެއަށެވެ. އިންޑިޔާއަށްގޮސް އަނޫޝް ހޮސްޕިޓަލުގައި ގިނަވަގުތު ހޭދަކުރެއެވެ. މި ލިބުނު ތިންދުވަހު މާމައާއިއެކު އޭނާ ވަގުތު ހޭދަކުރިއެވެ.  އާދައިގެމަތީން ހޮސްޕިޓަލުގައި ހުރެފައި ގެއަށް ދިއުމަށް ޓެކްސީއެއް ހޯދަން ރިފާ މަޑުކޮށްލިއެވެ. އަނޫޝް ހޮސްޕިޓަލުގައި ބަހައްޓާފައި އެކަނިދާން އޭނާ ހުރީ ބިރުންނެވެ.

ކުއްލިއަކަށް އޭނާ ވަރަށް ދެކެފަރިތަ މީހެއް ހޮސްޕިޓަލަށް ވަންނަނިކޮށް ފެނުނެވެ. އޭނާގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.  އެއީ އަރީޝްއެވެ. އޭނާ އިންތިހާއަށް ކުރިމަތިލާން ބޭނުންވެފައި ހުރި އަރީޝް ހޮސްޕިޓަލްގައި އެހުރީ އޭނާގެ ކުރިމަތީގައެވެ. އެއީ އަރީޝްކަން ޔަގީންކުރަން ފުރަތަމަ އުނދަގޫވެސްވިއެވެ. ހަމަނިދި ނުލިބި ގިނަ ދުވަސް ވުމުން މީހުންގެ ލޯކައިރި ކަޅުވެފައި ހުންނަގޮތަށް އޭނާގެ ދެލޯ ކައިރިވަނީ އަނދާފައެވެ. އޭނާގެ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑާއި މިލާ މޯޅިވެފައިވާ މޫނުން އަރީޝްގެ ނިކަމެތި ހާލުފެނުނެވެ. އޭނާ ޝައްކުގެ ނަޒަރަކުން އަރީޝަށް ބަލަމުންދިއެވެ.

"މިއަދު ތަންކޮޅެއް ލަސްވީ. ގުޅާނަން." އަރީޝް ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އަރީޝްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއިއެކު އެއީ އޭނާ ހޯދަމުންދާ އަރީޝްކަން އޭނާއަށް ޔަގީންވިއެވެ. އެ އަޑެއް އޭނާއަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އޭނާ އަރީޝްގެ ފަހަތުން ފާރަލަމުން ދިޔައެވެ. ކައުންޓަރު ކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެތަނުން ކުއްޖަކު ދިން ލިޔުމެއް ހިފައިގެން އޭނާ ހިނގަމުން ދިޔައެވެ. ދެން މަޑު ހިނގުމެއްގައި ހިނގަމުން ގޮސް އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ވޯޑަށް ވަނެވެ. އަރީޝް ގޮސް މަޑުކޮށްލީ ހޮސްޕިޓަލުގައި ބާއްވާފައި އޮތް އަންހެނެއް ގާތުގައެވެ. އެމީހާއަކީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ވަރަށް ބަލި މީހެކެވެ. އޭނާ ގޮސް އެ އަންހެންމީހާ ގާތުގައި އިށީނނެވެ.

"މަންމާ. މަންމަ ތިހާލުގައި އުޅޭތާ ޒަމާން ތަކެއް ވެއްޖެ. މިހާރު އަހަރެންވެސް ވަރުބަލިވެއްޖެ. އެކަމަކު މަންމައަށްޓަކައި މިދަރިފުޅު ހުރިހާ އުފަލެއް ޤުރުބާން ކުރަން. ކޮންމެވެސް އެއްޗެއް ބުނޭ." އަރީޝްގެ އަޑު ކުރެހިއްޖެއެވެ. އޭނާވަނީ ފެންކަޅިވެފައެވެ. އަރީޝް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ މަންމައާއެވެ.  އެ މަންމަގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭނާކުރި އެ މަސައްކަތް ވީ ބޭކާރެވެ. އޭނާގެ ދެލޮލުން ކަރުނަތައް ފޭބުންފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

ރިފާއަކަށް މި މަންޒަރު ބަލާކަށް މާގިނަ އިރަކު ނުހުރެވުނެވެ. މިއީ ހިތްދަތި މަންޒަރެކެވެ. ނަމަވެސް އަރީޝަށް ހަމްދަރުދީ ވުމުގެ މާނައެއްނެތްކަން އޭނާގެ ޒަމީރަށް ވިސްނައިދިނެވެ.  އަރީޝްއަކީ އަނިޔާވެރިއެކެވެ. ބޭވަފާތެރިއެކެވެ. އޭނާގެ ހަޔާތާއި ދިރިހުރުމާއި ކުޅެލި ކެހިވެރިއެކެވެ. އޭނާ ކުއްލިއަކަށް އަރީޝްގެ ކުރިމައްޗަށް އެރިއެވެ. އަދި އަރީޝްއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ރިފާ." އަރީޝަށް ބުނެވުނެވެ.

"އާނ. ރިފާ. ކަލޭ ބުލެކްމެއިލް ކުރި ރިފާ. އޭގެ ސަބަބުން ފުރާނަ ދުއްވާލަން މަސައްކަތް ކުރި ރިފާ. ކަލޭ މަންމައަށް ތިހާލު ޖެހުނީ ކަލޭގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އަހަރެން ރުއިވަރަށް ކަލޭ ރޯން ތިޖެހެނީ އޭގެ ބަދަލެއްގެ ގޮތުން." ރިފާ ހަޅޭއް ލަވައިގަތެވެ.

"ރިފާ. ކޮންމެ އެއްޗެއް ކިޔަސް މަންމައޭ ނުކިޔާ." އަރީޝް މަޑުމަޑުން ބުންޏެވެ.

"ކީއްވެ ނުކިޔަންވީ. ކަލޭ އަހަންނަށް އަނިޔާދިނީ އަހަރެން ކޮން ކުށެއް ކޮށްގެން. ކަލޭ ބޭނުންވީ އަހަރެން ބަރުބާދު ކޮށްލަން. މުޅިމާލެއަށް އަހަރެން ގިނަކޮށްލާ ފިލަން. ކަލެއަށް ފިލައިގެން އުޅެވިއްޖެތަ؟" ރިފާ ހަޅޭއްލަވަމުން ދިޔައެވެ.

"ރިފާ. މިތާނގައި އެއްޗިހި ނުކިޔާ. ހިނގާ ބޭރަށް ނިކުންނަން." އަރީޝް މަންމަގެ ކުރިމަތީގައި ޒުވާބެއް ހިނގާކަށް ބޭނުމެއް ނޫނެވެ.

"ކީއްވެ؟ ކަލޭ މަންމައަށް އެނގިދާނެތީ. މަންމަ ގާތުގައި މާ ހެޔޮއެދިގެން އުޅޭ ދަރިއަކީ މީހެއްގެ އަންހެން ދަރިއެއްގެ ހަޔާތް ބަރުބާދުކޮށްލާފައިވާ މީހެއްކަން އެނގޭނެތީ. ކަލޭ އަހަރެންްނަށް އަނިޔާވެރިވެގެން ފިލައިގެން އުޅެފީމު. އެކަމުން ކަލެއަށް ލިބުނީ ކޯންޗެއް؟" ރިފާ އަދިވެސް ރުޅި މަޑެއް ނުވެއެވެ. އޭނާގޮސް އަރީޝްގެ ގަމީހުގައި ހިފައިގަތެވެ. އަރީޝްއަކަށް ރިފާ ދުރަށް ޖައްސާކަށް ނުކެރުނެވެ. މީހުން އެދިމާއަށް ބަލަމުންދާއިރުވެސް އޭނާ ހުރީ މަޑުންނެވެ. އޭނާ ކަޅި ޖަހާނުލާ ރުޅި އައިސްފައިވާ ރިފާގެ މޫނަށް ބަލަން ހުއްޓެވެ.

"ރިފާ. މަޑުމައިތިވެބަލަ." ކުއްލިއަކަށް އަނޫޝް އެ ވޯޑަށް ވަދެގެން އައެވެ. ރިފާ އަރީޝްގެ ގަމީހުން ދޫކޮށްލިއެވެ. އޭނާގެ ރުޅި އަދިވެސް މަޑެއް ނުވެއެވެ. ނަމަވެސް ރިފާ އަރީޝްއާ ދުރަށް ޖެހުނެވެ.

"އަރީޝް. އެއްކަލަ އަރީޝް. މީ އެ އަނިޔާވެރި އަރީޝް. އަނޫޝް ބަލާބަލަ މިއަދު އޭނާއަށް ޖެހިފައިވާ ހާލު." ރިފާ ހޭން ފެށިއެވެ. އޭނާ ހީވަނީ ބުއްދި ފިލާފައިވާ ހެންނެވެ.

"ރިފާ. މިތާ އަޑުގަދަ ނުކުރޭ. މީހުންތައް އެބަލަނީ މިދިމާއަށް." އަނޫޝް ރިފާގެ ގައިގާ ހިފެހެއްޓިއެވެ. އަނޫޝް ދިޔައީ ރިފާ މައިތިރި ކުރެވޭތޯ ބަލަމުންނެވެ.

"ވަރިހަމަ. މިތާތިބި އެންމެންބެލިޔަސް ފަރުވާލެއްނެތް. މުޅި ދުނިޔެއަށްވެސް އެނގެންވާނެ މި އަރީޝްއަކީ ކިހާބޮޑު އަނިޔާވެރި ނުބައި ނުލަފާ މީހެއްކަން." ރިފާގެ އަޑު މަޑެއް ނުވެއެވެ. އަނޫޝް ރިފާގެ މޫނުމަތީގައި ޖެހިއެވެ. ރިފާއަށް އަނޫޝްގެ މޫނަށް ބަލާލެވުނެވެ. އަނޫޝް އޭނާގެ ގައިގާ ޖަހާފާނެކަމަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. މުޅިންވެސް އޯގާތެރި ފިރުމުންތަކުން އޭނާ އުފާކޮށްދިން އަތުން މިއަދު އޭނާގެ މޫނުމަތީގައި ވިހެލުމުން ވަރަށް އަސަރުކުރިއެވެ. އޭނާ ކޯތާފަތުގައި ކަނާއަތުން ފިރުމާލެވުނެވެ.

ރިފާ އަނޫޝްގާތު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާއަށް އަސަރުކޮށްފައިވާލެއް ބޮޑުކަމުން ވާހަކައެއް ނުދެއްކުނެވެ.  ރިފާގެ ދެލޮލުން ކަރުނަ ފޭއްދުނެވެ. އޭނާގެ ދެ ތުންފަތް ތުރުތުރު އަޅައެވެ. އަނޫޝް އޭނާގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. ރިފާއަށް ބާރަށް ރޮއިގަނެވިއްޖެއެވެ.

"މާފުކުރޭ ރިފާ. ރިފާ ތި ދައްކާ އަރީޝްއަކީ އަނިޔާވެރިއެއް ނޫން. އާނ. އެއީ އެހާ އަނިޔާވެރި ނުބައިމީހެއް ނޫން. އޭނާ އަހަރެން ދަންނަތާ ވަރަށް ދުވަސް ވެއްޖެ. އޭނާ މަންމަ ބަލިވެގެން މިކޮޅުގައި އުޅޭތާ ހަ އަހަރު ވެދާނެ. އެއީ ވަރަށް ރަނގަޅު މީހެއް." އަނޫޝް ބުންޏެވެ. ރިފާ ހުރީ އަނޫޝް ދައްކަމުންދާ ވާހަކައިން ހައިރާންވެފައެވެ. އޭނާ އަނޫޝްއާއި ދުރަށް ޖެހިލިއެވެ.

"ރިފާ. އަހަރެން އެހެން ހެދީ ރިފާ އަހަރެން ދެކެ ފޫހި ކުރުވަން. ރިފާއަކީ އަހަރެންނާ އެކަށީގެންވާ ވަރަށްވުރެ ތަޢުލީމީ، ޤާބިލް އަދި މުއްސަނދި ކުއްޖެއް. އަހަންނަށް ރިފާއަށް އަޅާލެވޭނެ ފެންވަރެއް ނެތް. މުސްކުޅި ބައްޕަ ރަށުގައި ހުރެގެން ކުރާމަސައްކަތުން މަންމަ ރަނގަޅުކުރާނެ ފެންވަރެއް އަހަރެންގެ ނެތް. އެހެންވެ ސްކޫލުން ކެނޑިގެން މަންމަ ގޮވައިގެން އިންޑިޔާއަށް އަންނަން ޖެހުނީ. ރާއްޖޭގައި ބައްޕަ ހުރެގެން މަސައްކަތްކޮށްގެން ފޮނުވާ ފައިސާއިން މަންމައަށް ފަރުވާ ކުރަމުން މިދަނީ. ރިފާއަށް މިވާހަކަތައް ކިޔައިދޭނޭ ހިތްވަރެއް އަހަރެންގެ ނެތް. އެހެންވެ ރިފާ އަހަރެންދެކެ ނަފުރަތު ކުރުވާނެ ގޮތެއް ހޯދީ. އެއީ ރިފާ ދިރިއުޅުމާއިގެން ކުރިއަށް ދާން. އަހަރެންގެ ހަނދާންތަކުން މިންޖުކުރުވަން." އަރީޝް ހުރީ ވަރަށް ދެރަވެފައެވެ.

"ދެން އަހަރެންގެ ފޮޓޯތައް ކޮބާ؟ މޮޅުވާހަކަތައް ދައްކާފައި އަރީޝްއަކަށް ފުއްދައެއް ނުލެވޭނެ." ރިފާ އަރީޝްއާއި ދިމާއަށް އައެވެ. ރިފާ އަދިވެސް ހުރީ ރުޅި އައިސްފައެވެ. އަނޫޝް އަނެއްކާވެސް ރިފާ ހިފެހެއްޓިއެވެ.

"މި އޮތީ އަހަރެންގެ ފޯނު. ރިފާގެ ދެލޮލުން ބަލާ. އެ ފޮޓޯ ލިބުމާއެކުހެން އަހަރެން އެ ޑިލީޓް ކުރިން. އަން." އަރީޝް ފޯނުގައި ހިފީ އަނޫޝް އެވެ. ފޯނުގައި ހުރީ އެމީހުންގެ މަޖާ ފޮޓޯތަކެވެ. ކުރޮސްރޯޑުގެ ދަތުރުގެ ފޮޓޯތަކެވެ. އެ ފޮޓޯތައް ފިޔަވާ އިތުރު ފޮޓޯއެއް އޭނާގެ ފޯނަކު ނެތެވެ. ސޯޝަލް މީޑިޔާގެ އެއްޗެއް އެ ފޯނަކަށް އަޅާފައެއް ނުވެއެވެ. ރިފާ ލަދުގަންނަން ޖެހޭކަހަލަ ފޮޓޯއެއް އަމުދުން ނެތެވެ.

"ރިފާ އަހަންނަށް މާފުކުރޭ." އަރީޝް ބުންޏެވެ. އޭނާ ވަނީ ވަރަށް ދެރަވެފައެވެ. އޭނާ އެންމެ ލޯބިވީ ރިފާ ދެކެއެވެ. އެނޫންކުއްޖަކާ އޭނާ އަދިވެސް ވާހަކައެއް ނުދައްކައެވެ. ރިފާއާއި ވަކިވީފަހުން އޭނާ ސޯޝަލް މީޑިޔާގެ ހުރިހާއެއްޗެއް ބޭނުންކުރުން ހުއްޓާލިއެވެ. އޭނާގެ ހުރިހާވެސް އުފަލަކީ ރިފާގެ ފޮޓޯތަކުން ލިބޭ އުފަލެވެ. އެކަމަކު އެވާހަކަތައް އޭނާ ރިފާގާތަކު ނުބުނާނެއެވެ.

ރިފާ ނިކުމެގެން ދިޔައީއެވެ. އޭނާ ވާންވީ އުފަލެއްކަމެއް ދެރައެއް ކަމެއް ނޭނގުނެވެ. އަރީޝްދެކެ އޭނާ އިންތިހާއަށް ލޯބިވިއެވެ. އޭނާއަށްޓަކައި ކޮންމެކަމެއްކުރަންވެސް ރިފާ ހުރީ ތައްޔާރަށެވެ. ދެން އަރީޝް އޭނާ ދޫކޮށްލީ ކީއްވެހެއްޔެވެ؟ ކިތަންމެ ނިކަމެތި ނަމަވެސް އޭނާ އަރީޝްއާއިއެކު މާ އުފާވާނެއެވެ. އަރީޝްކުރަމުންދާ ކޮންމެ ކަމެއްގެ އެއްކޮޅުގައި އޭނާ ހުންނާނެއެވެ. އަރީޝް އޭނާއަށް އިތުބާރު ނުކުރީ ކީއްވެހެއްޔެވެ؟

ނަމަވެސް އަރީޝްއަކަށް ދެން ފުރުސަތެއް ނެތެވެ. އަނޫޝް އަކީ އޭނާގެ ފިރިމީހާއެވެ. އަނޫޝް އޭނާއަށް ނުހަނު ހެވެވެ. ރިފާ ކަރުނަ ފޮހެލިއެވެ. މާދަން މާލެ ދާން ބޭނުންކަމަށް ބުނެ ހޮޓަލަށްވަދެ އޭނާ ނިދީއެވެ. އޭނާ ފުރައިގެން މާލެ ދިޔައީ ހަމަ ގައިމުވެސް އުފަލުންނެވެ. އޭނާ އަރީޝްއާއި ކުރިމަތި ލިއެވެ. ހަގީގަތް ހޯދިއެވެ. ފިނޑިއެއްހެން ފަހަތަކަށް ނުޖެހުނެވެ. ފިނޑިއަކަށްވީ އަރީޝްއެވެ. ހަޔާތުގައި ދިމާވިކަމަކުން އެމީހުންގެ ލޯބި އެއްފަރާތްކޮށް މަހުރޫމް ކުރީއެވެ. އެކަމަކު އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯތްބަކީ ތެދުވެރި ލޯތްބެއްކަން ރިފާ ގަބޫލުކުރިއެވެ. އަރީޝް އޭނާއަށްޓަކައި ލޯބި ގުރުބާން ކުރީއެވެ. އެކަމަކު އެއީ އަގެއްނެތް ލޯތްބެއް ކަމަށް ނިންމަން ރިފާއަށް އުނދަގުލެވެ. އިރު އޭގެ ރީތި އަލިކަމާއިގެން ދުނިޔެއަށް ބޯ ދިއްކޮށްލިއިރު އަނޫޝް ހުރީ ހުޅުމާލޭގައި ހުރި އޭނާގެ ޓެރަސްގައި އުދަރެހަށް ބަލާށެވެ. އަނޫޝް ރިފާގެ އަތުގައި ހިފާ ބާރުކޮށްލާ އެ ހަޔާތް އިތުރަށް ބަނަ ނުވާނެކަން ޔަގީންކަން ދެމުންނެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *