ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއެކު ޗައިނާއިން އަބަދުވެސް ދެމި އޮތް: ރައީސް

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއެކު ޗައިނާއިން އަބަދުވެސް ދެމި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވަައިފިއެވެ.

ޗައިނާގެ 76 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަން ޗައިނާގެ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާގެ ގައުމީ ދުވަހަކީ ހަަމައެކަނި ތާރީހެއް ނޫން ކަމަށާއި، ރައްޔިތެއް ބޭނުންވެގެން މަސައްކަތްކޮށްފިނަމަ އެ ރައްޔިތެއްގެ މަންޒިލު ބަދަލުކުރެވިދާނެ ކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެއް ކަމަށެވެ.

އަދި ޗައިނާއަކީ ދިވެހިރާއްޖެއަށް ދުރު ރަހުމަތްތެރިއް ނޫން ކަމަށާއި، ނަމަވެސް ރާއްޖެއާއި ޗައިނާގެ ގުޅުން ލިޔެވިފައިވަނީ އެއްބަސްވުންތަކާއި ބަދަލުކުރެވޭ ކަންކަމުގެ މަތީގައި އެކަނި ނޫންކަމަށާއި، އެއީ ހިއްސާވަނިވި ދަތުރާއި، އަގުކުރުންތަކާއި، ހަނދާންތަކުން ބަނދެވިފައިވާ ގުޅުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދިއުމުގައި ރާއްޖޭގެ ނާޒުކުކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށާއި، ހާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އުފުލުމާއި، ދުނިޔޭގެ އިގުތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ފަދަ ކަންކަމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކުން ވިލުންތެރިކަމާއި ދެމެހެއްޓެނެވިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަބަދުވެސް ޗައިނާގެ އެހީތެރިކަމާއި މަދަދު ލިބެމުންދާކން ފާހަގަކުރައްވަައި، ގިނަ ދައުލަތް އެކުލެވޭ ނިޒާމު ނަގަހައްޓައި، ތަރައްގީވަމުންދާ ގައުމުތަކުގެ ހައްގުތައް ދިފާއުކުރުމުގައި ޗައިނާއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ޗައިނާއާއެކު އޮންނަ ގުޅުން ބަދަހިކޮށް، ސިޔާސީ ގޮތުންނާއި ވިޔަފާރިއާއި ސަގާފަތާއި ތައުލީމު ފަދަ ދާއިރާތަކުން ޗައިނާއާ އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން މިރޭވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *