ޤާނޫނީ ވަކީލުކަމުގެ ހުވާ 9 ބޭފުޅަކު ކުރައްވައިފި

ޤާނޫނީ ވަކީލުކަމުގެ ހުވާ 9 ބޭފުޅަކު ކުރައްވައި ވަކީލުކަމުގެ ހުއްދަ ޙާޞިލުކުރައްވައިފިއެވެ. ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި މިކަމަށްޓަައި ބޭއްވި ރަސްމިއްޔާތުގައި ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ސަލީމެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ބާ ކައުންސިލުން މިއަހަރު ބޭއްވި ހަތަރުވަނަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މިރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި 9 ބޭފުޅުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ. ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހްމާން އަލްއުސްތާޛް މުހައްމަދު ސަލީމެވެ.

ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެއްވި 9 ބޭފުޅުން އެ ފަންނާ ގުޅިވަޑައިގެންނެވީ، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ (ކޮލިފައިންގ ލޯ ޑިގްރީ) ޙާޞިލުކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރައްވައި، އަދި ބާ އިމްތިޙާނު ކާމިޔާބުކުރައްވައިގެންނެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ޢިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އެކުލެވޭ އެއްޗެއްކަން ފާހަގަކުރައްވައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި މުޖުތަމަޢުގެ ލާބައަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޝަރުޢީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އަލަށް ހުވައިކުރެއްވި 9 ވަކީލުންނާއެކު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން މިހާތަނަށް ވަނީ 572 ފަރާތަކަށް ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި މިހާރު ތިއްބެވި ޖުމްލަ ވަކީލުންގެ ޢަދަދަކީ 1985އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *