މާތް ﷲ އާއި، އާޚިރަތްދުވަހަށް އީމާންވާ މީހާ، ބުނާހުށީ ހެޔޮ ބަހެވެ. އަހަރެމެން ބުނާ ބަސްތަކާއި، ކުރާ ޢަމަލުތައް އަބަދާއި އަބަދު ލިޔެވި ރައްކާކުރެވެއެވެ. އަދި ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެއެވެ. އެއީ އޭނާގެ ޢަމަލުތަކުގެ ފަތެވެ. އެ ދުވަހުން އެ ޢަމަލުތަކަށް ޖަވާބުދާރީވާންޖެހޭނޭކަން ތިޔަބައިމީހުން ދަންނާށެވެ! މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(ކުރާ ޢަމަލުތައް) ބަލަހައްޓަވާން އޭނާގެ ކައިރީގައި ޙާޒިރުވެ މަލާއިކަތަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ." މީގެ އިތުރަށް ދޫރައްކާތެރިކުރުމަށާއި، ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ) މާނައީ: "މާތް اللهއާއި އާޚިރަތްދުވަހަށް އީމާންވާމީހާ، ހެޔޮ ބަސް ބުނާހުށިކަމެވެ. ނޫން ނަމަ އޭނާ ހަނުހުންނަހުށިކަމެވެ." ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނުހަނު ބޮޑަށް މަނާކުރާ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިބާޔަށް އެ ކަމަކާ މެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލުކުރައްވާނޭ ކަމެއްކަމުގައިވިއެވެ." އެހެންކަމުން މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެކެވެ. އޭގެ ކުރީން އެ ވާހަކައެއްގެ ޙަޤީޤަތަކީ ކޮބައިތޯ ބަލާން ޖެހޭނެއެވެ. އެއީ ހަމަ ހިނގި ކަމެއްތޯއާއި ކިހިނެއް ހިނގިކަމެއްތޯ ބަލާން ޖެހެއެވެ. އިސްލާމް ދީނުގައި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ.
މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ޚަބަރަކީ ތެދެއްނޫނެވެ. އަދި އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނޭ ވާހަކައެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުންފިލުވާށެވެ! އޭގެ ތެދުދޮގު ބޮޑަށް އެނގޭނީ އެ މީހުންނަށެވެ. އެ ފަދަ ވާހަކަތައް ފަތުރާންވާނީ، އެ މީހުންގެ ލަފަޔާއި ރައުޔާ އެއް ގޮތަށެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި، އެއުރެންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެ ނަމަ (އެބަހީ: ހަނގުރާމައިގައި ނަޞުރުލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެއުރެންނަށް ލިބިއްޖެ ނަމަ) އެ ކަމެއް (އެންމެންގެ ތެރެޔަށް) ފަތުރައިލައެވެ. އަދި، ރަސޫލާގެ އަރިހަށާއި އެއުރެންގެ ތެރެއިން އަމުރުވެރީންގެ ގާތަށް އެ ކަމެއް ރައްދުކުޅަ ނަމަ، އޭގެ ތެރެއިން، އެ ފަދަ ކަންތަކުގެ ޙަޤީޤަތްތައް ހޯދައިގަންނަ މީހުންނަށް، އެ ކަމެއް އެނގުނީސްކަން ކަށަވަރެވެ. اللهގެ فَضْلُވަންތަކަމާއި، އެކަލާނގެ ރަޙުމަތް ނުވާ ނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ ޝައިޠާނާއަށް ތަބަޢަވެއްޖައީހެވެ."
ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިއުޅެއެވެ. އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދެއްނޫނެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެކެވެ. މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެކެވެ. އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. ވީއިރު ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ފަދަ ވާހަކަތައް ފަތުރައިނޫޅުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ.
މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލައެވެ. މީހުން ދައްކާ ވާހަކަ ފަތުރައިލުމުގެ ކުރީން އޭގެ ދޮގުތެދު ބެލުމަށް އަންގަވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް، ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށެވެ. އޭގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެތެރެއަށް ވައްޓައިލާބަޔަކަށް ނޫނެވެ. ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ، އިސްލާމް ދީނުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނޫންކަން، އިސްވެދިޔަ އާޔަތުގެ މާނައިން ވަރަށް ޞަރީޙަކޮށް ހާމަވެއެވެ. އަދިވެސް މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޞަދަޤާތެއްކުރުމަށް، ނުވަތަ ހެޔޮކަމެއްކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙައެއް އުފެއްދުމަށް އަމުރުކޮށްފި މީހަކު (ސިއްރު ގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، الله ރުހިވޮޑިގަތުން އެދިގެން އެ ކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެ މީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ."
އިސްލާމްދީން ވަނީ، ބަސްމޮށި އުޅޭންވީ ޞައްޙަ މިންގަނޑު ބަޔާންކުރައްވައިފައެވެ. ދައްކާންވީ ވާހަކައާއި ނުދައްކާންވީ ވާހަކަ އަންގަވައިފައެވެ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށެވެ. އެ ކަންކަން ހާމަކުރާ ބަޔަކަށްނޫނެވެ. މީސްތަކުންގެ ޢައިބުތައް ފޮރުވައިދޭ މީހުންނަށްހުރި ދަރުމަ ބަޔާންކުރައްވައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ) މާނައީ: "އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފި މީހާ ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވެސް، މާތް الله އެ މީހާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނެތެވެ."
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫނެވެ. މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބަޔެކެވެ. އެ ގޮތަށް ބަސްބުނެއުޅުމުން މާތް ﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެތެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللهއަށް تَقْوَىވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (އޭރުން) ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ إِصْلَاحُކޮށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. الله އަށާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيبލިބިއްޖެއެވެ."
- މިއަދުގެ ހުކުރު ޚުޠުބާއިން
- ޚުތުބާ ލިޔުއްވީ: އައްޝައިޚް އަޙްމަދު ފަހްމީ ދީދީ