މުދައްރިސުންނަށްވުރެ އަބުރުވެރި ބަޔަކު ނުތިބޭނެ: ވަޒީރު

ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތެރިންކަމަށާއި، އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލު ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ފޮނުއްވި ވީޑިިޔޯ މެސެޖުގައި ވަޒީރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ރިވެތި އަހުލާގާއި ރަނގަޅު ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ.

އިތުރަށް ވަޒީރު ވިދާޅުވީ އެއްވެސް ގައުމެއްގައި، އެ ގައުމެއްގެ މުދައްރިސުންނަށްވުރެ އަބުރުވެރި އަދި ގަދަރުވެރި ބަޔަކު ނުތިބޭނެ ކަމަށެވެ.

"އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް،" ވަޒީރު ވިދާޅުވިއެވެ.

މި އަހަރު ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރީކާސްޓިން ޓީޗިން އޭޒް އަ ކޮލަބަރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިއާރަށް އަލިއަޅުވައިލައްވަމުން ޑރ.ޝަފީއު ވިދާޅުވީ ގުޅިގެން މަސައްކަތްކުރުމާއި، ފަންނުވެރިކަން އިތުރަށް ކުރެެއެރުވުމާއި، އުނގަންނައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީ އަބަދުވެސް މުދައްރިސުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭގެ އިތުރަށް ހުރިހާ މަސްލަހަތުވެރިންނާ ގުޅިގެން މުދައްރިސުންގެ ގުޅުްތައް އިތުރަށް ބަދަހިކޮށް، ޕްރިންސިޕަލުންނާ ގުޅިގެން މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، ފަންނީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *