ރައީސް ޑރ. މުއިއްޒު ކަހަލަ އިޚްލާޞްތެރި ވެރިޔަކު އަދި ނުދެކެން: ގާސިމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކަހަލަ އިޚްލާޞްތެރި ވެރިޔަކު އަދި ދެކިވަަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ

ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.

މި ސަރުކާރު އައި ފަހުން ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ހުރެ ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އޭނާ ވެސް ހިންގެވި ކަމަށެވެ.

ގާސިމް ވިދާޅުވީ މިހާތަނަށް ވެރިކަން ކުރެއްވި ވެރިންނަށް ބައްލަވާއިރު ރައީސް ޑރ. މުއިއްޒު ކަހަލަ އިހުލާސްތެރި ތެދުވެރިވެ ވެރިޔަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ދޮށީ މީހެއް އަދި ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން އަމަލީ މަސައްކަތްތައް ކުރި އަދި ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ރައީސް ޑރ. މުއިއްޒު ކަހަަލަ އިހްލާސްތެރިކަމާއެކު ވެރިކަން ކުރެއްވި ވެރިޔަކު އަދި ދެކިވަޑައިނުގަންނަވާ ވާހަކަ. އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން އުފެދިފައިވާ ދުޢާތަކާއި ޝުކުރުތައް ރައީސްއަށް އަރިސްކުރަން،". ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެފަދައިން ވިދާޅުވުމުން، ރައީސަށް ހުޝާމަދު ކުރައްވާކަމަށް ބައެއް މީހުންނަށް ހީވާނެ ކަމަށާއި ނަމަވެސް އޭނާ އެ ވާހަަކަ ދައްކަވަނީ ކަން އޮތް ގޮތަށް އަދި ކަންތައްތައް ހިނގަމުންދާ ގޮތަށް ކަމަށެވެ.

ރާއްޖެ މިއަދު މިދެކޭ ތަރައްގީ ގެނައުމުގައި އުފުލާފައިވާ ބުރައަކީ ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކަތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެ ރަށުގައި ސޮއިކުރި މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރަށުގައި މިސްކިތް ބިނާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން އުފާވި ކަމަށެވެ. އަދި އެ ރަށު ކައުންސިލުން ހުށަހެޅި ހުށަހެޅުންތައް ރައީސް އަޑު އައްސަވާ ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން އެކަން ފާހަގަކުރައްވާ ގާސިމް ވަނީ ރައީސަށް ޝުކުރު އަދާ ކުރައްވާފައެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *