ބޮޑު ތިން ބައްޔެއް ނުފެތުރޭ ފުރަތަމަ ގައުމަކަށް ދިވެހި ރާއްޖެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޢުލާން ކުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި، މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މި ތާރީޚީ ކާމިޔާބު ހޯދި ފުރަތަމަ ޤައުމުކަމުގައި ބަޔާންކުރައްވައި، ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ. މިއީ އާންމު ޞިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސްމެއެވެ.
ހަމަމިއާއެކު، މިއީ ސަރުކާރާއި، ޞިއްޙީ ދާއިރާގެ ޕްރައިވެޓް ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.
ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ ރާއްޖެ އިން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.