ކާބޯތަކެއްޗާއި، ދަނޑުވެރިކަމާ ބެހޭ އދ.ގެ ދިރާސާއެއް ބުނާގޮތުގައި، ކޮންމެ އަހަރަކު 1.3 ބިލިޔަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުކާލެވެއެވެ. އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައި ކުޅަ ދެބައެވެ.
އެއީ ފައިސާއަށް ބަލާއިރު 750 ބިލިޔަން ޑޮލަރެވެ. ދުނިޔޭގައި 870 މިލިޔަން މީހުން ބަނޑަށް ޖެހިފައިވާ އިރު، މިއީ ބޮޑުވެގެންވާ އިސްރާފެކެވެ. ފަޤީރު ޤައުމުތަކުގައި، މިލިޔަނުން މިލިޔަނުން މީހުން ބަނޑަށް ޖެހިގެން މަރުވަމުންދާ އިރު، ޔޫރަޕްގެ ޤައުމަކުން 19 ބިލިޔަން ޑޮލަރުގެ ކާބޯތަކެތި ގޮނޑަށް އުކާލައެވެ.
އަހަރެމެން ހޭދަކުރަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހަކީ، ޢާއްމު ގޮތެއްގައި އިސްރާފުކުރުން ބޮޑު މަހެކެވެ. ރަމަޟާންމަހު ރޯދަ ވީއްލުމަށްޓަކައި، ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. މީސްމީޑިއާ މެދުވެރިކޮށް، މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެނެއެވެ. މީގެތެރެއިން އެމީހުން ބޭނުންކުރަނީ، ވަރަށް މަދު އެތިކޮޅެކެވެ. ކެއުމަށް ތައްޔާރު ކުރާ ގިނަ އެއްޗެހި އުކާލެވެނީ ކުނިގޮނޑަށެވެ. މިއީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟ އިސްރާފު ކުރުމަކީ، މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. އިސްރާފު ކުރުމަކީ އެކަމުގެ ގެއްލުން ޞިއްޙީގޮތުންނާއި، މާލީގޮތުން މުޖުތަމަޢަށް ފޯރާނެ ކަމެކެވެ. ރޯދައަކީ، ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެކެވެ.
ރޯދައިން މި މަޤްޞަދު ޙާޞިލު ކުރެވޭނީ، އިސްރާފު ކުރުމާ ދުރުހެލިވެގެންނެވެ. ތިން އިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން، ރަމަޟާންމަހުގައި ޚަރަދުތައް ކުޑަވާން ޖެހޭނެއެވެ. ދުނިޔޭގެ އެތަންމިތާނގައި ކާއެތިކޮޅަކަށް ބޭނުންވެފައި ތިބި އެތައް މިލިޔަން މުސްލިމުންގެ ޙާލާމެދު ވިސްނާލައި، އިސްރާފު ކުރެވޭބައި އެމީހުންނަށްޓަކައި ހޭދަކުރަމާ ހިނގާށެވެ! ކީރިތިރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ބަލާށެވެ! އެކަލޭގެފާނު ރޯދަ ވީއްލަވާފައިވަނީ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ލިބިވަޑައި ނުގެންފިނަމަ، ފެންފޮދަކުންނެވެ. ކަދުރާއި ފެނަކީ، ހަށިގަނޑަށް ފައިދާހުރި ތަކެއްޗެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަމޫނާއަކަށް ބަލައިގެން، ކެއުމާއި ބުއިމުގެ ކަންތައްތައް އިސްރާފު ނުވާގޮތަކަށް ހަމަޖައްސާލެވިދާނެއެވެ. އަދި އެކަލޭގެފާނު ދެއްވާފައިވާ އިރުޝާދުގެ މަތިން، ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސިދާނެއެވެ.
އެކަލޭގެފާނު ޙަދީސެއްގެ މާނައިގައި ވެއެވެ. "އާދަމުގެދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައިކަން ބޮޑު ކަންވާރެއް ނުފުރައެވެ. އޭނާގެ ބުރަކަށި ކޮޅަށް ބެހެއްޓުމަށްޓަކައި، ސުވާކޮޅެއް ފުދެއެވެ. ފަހެ އޭނާގެ ނަފްސު އޭނާގެ މައްޗަށް ގަދަވެގެންފިނަމަ ކާއެއްޗެއްސަށް ތިންބައިކުޅަ އެއްބައި، ބޯއެއްޗެއްސަށް ތިންބައިކުޅަ އެއްބައި އަދި ނޭވާލުމަށް ތިންބައި ކުޅަ އެއްބައި ބަހައްޓާށެވެ!" މިބަސްފުޅުން އެކަލޭގެފާނު އަޅުގަނޑުމެންނަށް އެ އަންގަވަނީ ބަނޑުފުރާނުލުމަށެވެ. އަބަދުވެސް ތިންބައިކުޅަ އެއްބައި ހުހަށް ބެހެއްޓުމަށެވެ. މުސްލިމުން ކައިބޮއި އުޅެންވާނީ ދިރިހުރުމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެންނުވާނެއެވެ. މާތް ﷲ އަށް ކިޔަމަންގަތުން، ނަމޫނާ ކިޔަމަންގަތުމަކަށް ހެދޭނީ އޭރުންނެވެ. މާތް ﷲ ޙަރާމް ކުރެއްވި ހުރިހާ ކަންތައްތަކާ ދުރުހެލިވެގެންނެވެ. މާތް ﷲ އަށް އުރެދުމެއް ނެތި އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވެވޭތޯ މަސައްކަތްކޮށްގެންނެވެ.
މަޢުލޫމާތު: ހުކުރު ޚުޠުބާ
