ނަމާދަށް ފަރުވާތެރިވުން

 الله سُبْحَانَهُ وَتَعَالَى އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވެވި އަޅުކަމަކީ ނަމާދެވެ. ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއްގެ ގޮތުގައެވެ. އެ ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން  މުއުމިނުންގެ ވެސް ލޮލުގެ ފިނިކަމެވެ. ތަޤުވާވެރީންގެ މިޢުރާޖެވެ.  

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ. الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި مشركންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!"  

اِبْنُ حَجَر رَحِمَهُ الله ވިދާޅުވެފައިވެއެވެ. "މި އާޔަތަކީ ނަމާދަށް ފަރުވާތެރިނުވެ ނަމާދުއަޅާ މީހުން ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރީން ގެންނަވާ އާޔަތެވެ." ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތެވެ. އެ ދެމެދު ވަކިކުރާ އިމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (‏‏اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ) މާނައީ: "އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށްވަރުން ކާފިރުވެއްޖެއެވެ." އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ، وَالْكُفْرِ، تَرْكُ الصَّلَاةِ)  މާނައީ: "އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުމެވެ." ނަބިއްޔާ zގެ ޞަހާބީން، ނަމާދު ދޫކޮށްލުން ފިޔަވައި އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނޭކަމަކަށް ވިދާޅެއްނުވެއެވެ. 

الله سُبْحَانَهُ وَتَعَالَى ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައެވެ. އެއީ މަލާއިކަތުންނަށް ވެސް ކުއްތަންވެވަޑައިނުގެންނެވޭހައި ހިސާބެވެ. ހަތް އުޑުގެ ވެސް މައްޗަށެވެ. އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެންނެވެ. ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި  ވަޞިއްޔަތަކީ (اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ‏) މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު އަށް ބިރުވެތިވާށެވެ!"  

الله سُبْحَانَهُ وَتَعَالَى ވަނީ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައެވެ. ހަމަ އެ ފަދައިން އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ވަނީ އެ ކަމަށް ބާރުއަޅުއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ حَافَظَ عَلَيْهَا، كَانَتْ لَهُ نُوْرًا، وَبُرْهَانًا، وَنَـجَاةً مِنَ النَّارِ يَوْمَ الْقِيَامَةِ، وَمَنْ لَـمْ يُـحَافِظْ عَلَيْهَا لَـمْ تَكُنْ لَهُ نُوْرًا، وَلَا نَـجَاةً، وَلَا بُرْهَانًا، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ، وَفِرْعَوْنَ، وَهَامَانَ، وَأُبَيِّ بْنِ خَلَفٍ‏)  މާނައީ: "ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތެރިނުވާ މިހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއް ކަމުގައްޔާއި  އަދި ބުރުހާނެއްކަމުގައެއް ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ، ޤާރޫނާއި ފިރުއަޢުނާއި ހާމާނާއި އުބައްޔު ބުނު ޚަލަފާ އެކުގައެވެ." 

ނަމާދުއަޅާ މީހުންނަށް الله سُبْحَانَهُ وَتَعَالَى ވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވައިފައެވެ. "ފަހެ، އެބޭކަލުންނަށް ފަހު، އެހެން ބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފުސުގެ އެދުންތަކަށް ތަބަޢަވޫއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!" 

ޝަރުޢީ އެއްވެސް އުޛުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެކެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ބައިމީހުންނަށް އެ ނަމާދެއް ނުކުރެވެއެވެ. މިއީ އަހަރެމެން އެ ކަމަކާ މެދު ނުހަނު ސަމާލުކަންދީ ރައްކައުތެރިވާންޖެހޭނޭ ކަމެކެވެ. الله سُبْحَانَهُ وَتَعَالَى ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، އެއުރެންގެ ނަމާދާ މެދު غافلވެތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ." މި އާޔަތުގެ ތަފުސީރުގައި اِبْنُ عَبَّاس رَضِيَ اللهُ عَنْهُمَا ވިދާޅުވެފައި ވެއެވެ. "ޣާފިލުވެތިބެ ނަމާދުކުރާ މީހުންނޭ އޮތް ބަސްފުޅުގެ މުރާދަކީ ނަމާދު އޭގެ ވަގުތުން ފަސްކުރުމެވެ."[5] ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ނަމާދުތަކަށް ރައްކާތެރިވެ، ނަމާދުތައް އޭގެ ވަގުތުތަކުގައި އަދާކުރާ ބަޔަކުކަމުގައި ލައްވާދޭނވެ! އާމީން!

الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. عَبْدُ اللهِ بْنُ مَسْعُوْدٍ رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ކޮބައިތޯ ތިމަންކަލޭގެފާނު ނަބިއްޔާއަށް ސުވާލު ދެންނެވީމެވެ. އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلصَّلَاةُ عَلَى وَقْتِهَا‏) މާނައީ: "ކޮންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމެވެ."  

ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަމެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ. فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ…)  މާނައީ: "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ، ހަމަކަށަވަރުން އެ މީހަކު ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ، ހަމަކަށަވަރުން އެ މީހަކު ގެއްލި ހަލާކުވެއްޖެއެވެ." 

މުސްލިމް އަޚުންނޭވެ! ކޮންމެ ހުކުރު ދުވަހެއްގައި މިންބަރުމަތީ ހުރެ އިމާމު މީހާ މުޅި އުންމަތަށް ވެސް ގޮވައިލަނީ ނަމާދުތަކަށް ރައްކާތެރިވުމަށެވެ. ނަމާދުތަކަށް ފަރުވާތެރިވުމަށެވެ. މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި ނަމާދަށް އަވަސްވެގަތުމަށެވެ. ފަހެ الله سُبْحَانَهُ وَتَعَالَىގެ މި ނިދާއަށް އިޖާބަދޭށެވެ! ފަލާޙާއި ކާމިޔާބުގެ އަހުލުވެރިޔަކަށްވާން މަސައްކަތްކުރާށެވެ! 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *