ކުރުވާހަކަ: ލޯބީގައި ވާތީ ފަނާ

"ލޯބީގައި ވާތީ ފަނާ, އާދޭހެކޭ މީކުރާ, ވަކިވެ ނުދާށޭ ލޯބީގާ".. ސަމާ އަކީ ދިވެހި ލަވައަށް ލޯބިކުރާ ޒުވާން އަންހެން ކުއްޖެކެވެ. ބަދިގެ ތެރޭގައި މަސައްކަތް ކުރަމުން ދާއިރުގަޔާއި ގޯތި ތެރެ ކުނިކަހާއިރު ނުވަތަ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރާއިރުގައިވެސް ސަމާ ރޭޑިޔޯ އަޑު އަހައެވެ. މެންދުރު ގަޑީގައި އަންނަ ޗާލު ދިވެހި ލަވަތަކާއި އޭގެ ޅެންވެރިޔާ އަތުރާލައިފައިވާ ރީތި ލަފްޒުތަކެވެ. ލަވަކިޔުންތެރިޔާގެ ރަން އަޑުން ޅެމަށް އިންސާފުކުރަމުން ދާއިރު އެ ބަސްތަކުން ސަމާއަށް ނުހަނު އަސަރު ކުރެއެވެ. ނަވާރަ އަހަރުގެ ސަމާ އަކީ އަދި ލޯބީގެ ގޮތުން އެއްވެސް މީހަކާ ގުޅިފައިވާ އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް ވާހަކަ ތަކުންނާއި ލަވަތަކުން ލޯބީގެ އަސަރު ގަދަ ކަމަށް ލޯ ހުޅުވިފައިވެއެވެ. އެކުގައި އުޅޭ ހުރިހާ ކުދިން މީހުނާއި ރައްޓެހިވެ, ރުޅިވެ އަދި ކައިވެނި ކުރާއިރުވެސް ސަމާ އަށް ހުރެވެނީ ޚިޔާލީ ދުނިޔެއެއްގައެވެ. ލޯބީގައި ފަނާވާ ވަރު މީހެއް އަދި ސަމާގެ ހަޔާތަކަށް ނާދެއެވެ. ލޯބި ދަސްވަނީ މީހުންގެ ވާހަކަ ތަކުންނާއި ޅެންބައިތުންނެވެ.

ސަމާ ކުޑައިރު ބައްޕަ ވަނީ ނިޔާވެފައެވެ, އާއިލާގެ އެންމެ ހަގު ކުއްޖާކަމުން ސަމާގެ ދޮށްޓަށް ހުންނަ ހަތަރު ބޭބެއާއި ފަސް ދައްތަ ވަނީ ކައިވެނި ކޮށް ވަކި ދިރިއުޅުމެއް އުޅުމަށް ގެއިން ބަދަލުވެފައެވެ. ސަމާގެ ގޭގައި އުޅެމުންދަނީ ސަމާއާއި ސަމާގެ މަންމައެވެ. ޒަމާނަކީ ކޮންމެ އާއިލާއެއްގައިވެސް ދިހަ ބާރަ ކުދިން ތިބޭ ޒަމާނެވެ. އަންހެން ކުއްޖެއް ކަމުން ކިޔެވުމުގެ ފުރުސަތު ހަންޏެވެ. ނަމަވެސް އަލަށް އަންހެން ކުދިންނަށް ސްކޫލެއް މާލޭގައި ހުޅުވުމުން ސަމާއަށް ވަނީ ގުރޭޑު ހަތަކާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބިފައެވެ.

އެއް ދުވަހުގެ ހެދުނެވެ, ސަމާ އާދައިގެ މަތިން ދިޔައީ ރޭޑިޔޯ އަޑުއަހަމުން ގޭތެރޭގެ މަސައްކަތް ކުރަމުންނެވެ. ސަމާއަށް ސިހުމެއް ލިބުނީ މީހަކު ގޭގެ ގޯތިތެރޭގައި އުޅޭހެން ހީވެގެންނެވެ.

"އައްސަލާމް އަލައިކުމް" އެމީހަކު ގޮވާލިއެވެ.

"ވައަލައިކުމުއް ސަލާމް" ސަމާ އިސްއުފުލާ ބަލާލިއެވެ.

އެއީ ގޭގެ ގޯތިތެރޭގައި ގޭގެ ފެންޑާއާއި ދިމާއަށް މިސްރާބު ޖަހަމުން މަޑު މަޑު ހިނގުމެއްގައި އަންނަ ޒުވާން ފިރިހެނެކެވެ. މޫނުގައި ވަނީ ހިނިތުންވުމެކެވެ. ހަށިގަނޑު ވަރުގަދަ ހަމުގެ ކުލަ ކަޅު ޒުވާނެކެވެ. ބޯހުރީ ކުރުކޮށް ކޮށާ ޒަމާނީ ގޮތަށް އެއް ފަޅިއަށް މަގުފަޅާފަ ފުނާއަޅާފައެވެ. ލައިފާހުރީ ނޫ ކުލައިގެ ގޮޅި ޖެހި ގަމީހަކާއި ފައިކުރި ފުޅާ ހަރުވާޅެކެވެ. ބަލާބެލުމަށް ރީތި ޒުވާނެކެވެ. ފެޝަނަށް ލޯބިކުރާ ޒުވާނެކެވެ.

"ކަމަކުތޯ؟" ސަމާއަށް އަހާލެވުނެވެ.

"އާނ, މަންމަ ފޮނުވި ސިޓީއެއް ހިފައިގެން މިއައީ މިގޭ ހަސީނާއަށް ދޭން. ހަސީނާ ގޭގަ އެބައުޅޭތަ؟" އެޒުވާނާ ބުނެލިއެވެ.

"މަންމަ މިވަގުތު އޮތީ ނިދިފަ, ކުޑަކޮށް ބަލިވެ އުޅެނީ, ތި ސިޓީ ރައްދުކޮށްދޭނަން." ސަމާ އަތް ދިއްކޮށްލުމަށްފަހު ބުނެލިއެވެ.

ސިޓީ ދިއްކޮށްލުމަށްފަހު އެޒުވާނާ މިސްރާބުޖެހީ ގޭގެ ބޮޑު ދޮރާއްޓަށެވެ. ހިނގަމުން ގޮސް ފަހަތަށް އެނބުރި ބަލާލިއެވެ. އަދި ބުނެލިއެވެ. "ހާދަ ކަމުދާ…… ލަވައެކެވެ."

އެވަގުތު ރޭޑިޔޯއިން އަންނަމުން ދިޔައީ ޖޭމު ދޮންކަމަނަގެ ލަވައެއް ކަމުގައިވާ "ދިން މިހިތެއް އަނބުރާ ނުގެންދާނަން އިނގޭ. ހަދިޔާ ކޮށްފާ ތިޔަވަނީ."

ސަމާގެ މަންމަ ހޭލާނެއިރަކަށް ކެތް މަދުވެފައި އޭނާއަށް ހުރެވުނުވެ. ސިޓީގައި ވަނީ ކީކޭ ބާވައެވެ؟ އެއީ ކޮންޒުވާނެއް ހެއްޔެވެ؟ ސަމާގެ މަންމަ ހަސީނާ ސަމާއަށް ކިޔައިދިން ގޮތުގައި އެޒުވާނާއަކީ ނ. އަތޮޅަށް ނިސްބަތްވާ މީހެކެވެ. އެއީ ހަސީނާގެ ކުޑައިރުގެ ގާތް ރައްޓެއްސެއް ކަމަށްވާ ސުރައްޔާގެ ހަމަ އެކަނި ދަރިފުޅެވެ. މާލޭގައި ވިޔަފާރިއެއް ކުރަމުންދާ މުއްސަންޖެކެވެ. ސުރައްޔާ ހަސީނާއަށް ސިޓީ ފޮނުވީ ހަސީނާގެ ހާލު އަހުވާލު ބަލާލާށެވެ.

މަންމަގެ އެދުމުގެ މަތިން ސުރައްޔާގެ ފިރިހެން ދަރި ކަމަށްވާ އަޙްމަދު އަށް އެއްދުވަހަކު ހަވީރު ސަޔަށް ދައުވަތު ދެވުނެވެ. ސަޔަށް ދެވުނު ދައުވަތާއެކު ސަމާގެ ހިތުގެ ރަސްކަންކުރަން ވެސް ދައުވަތު ދެވުނުފަދައެވެ. އަޙްމަދުގެ ޚިޔާލުތައް ސަމާ ވަށާލައެވެ. ނިދީގައިވެސް އަދި ހޭލާހުންނަ އިރުވެސް ސިފަވަނީ އަޙްމަދުގެ ސޫރައެވެ. ދެޒުވާނުންގެ މެދުގައި ލޯބީގެ ގުޅުން އުފެދެން މާގިނަ ދުވަސް ތަކެއް ނުނަގައެވެ. ސިޓީ ބިޓީ ބަދަލުކުރުމާއި ގޭދޮށުގައި ސަމާ ފެނޭތޯ އަޙްމަދު ފޯރިމެރުމެވެ. އަވަށްޓެރިންގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ ނަމުގައި ގޭގެ ދޮރާށިން ބޭރަށް ނުކުމެވޭތޯ ސަމާ ބަލައެވެ.

މިގޮތަށް އަހަރު ދުވަސް ފައިތުވެގެން ގޮއްސިއެވެ. ސަމާއާއި އަޙްމަދުގެ ކައިވެނި ކުރެވުނީ އެހާމެ ފެންވަރުގައެވެ. ސަމާގެ އާއިލާއަކީ އާދައިގެ އާއިލާއެއް ނަމަވެސް އަޙްމަދުގެ ވިޔަފާރިން މަހަކު ލިބޭ ފައިދާއިންވެސް އެކައިވެނީގެ ޚަރަދުތައް ހަމަޖެހޭނެއެވެ. އިންޑިޔާ ލަންކާ ފަދަ ގައުމުތަކުން މުދާގެނެ މާލޭގައި ފަސް ފިހާރަ އަޙްމަދު ހިންގައެވެ.

ކައިވެންޏަށް ތިން އަހަރުވީ އިރު ސަމާއަށާއި އަޙްމަދަށް ދެ އަންހެންކުދިން ލިބިއްޖެއެވެ. އުފާވެރި ސާދާ ދިރިއުޅުމެކެވެ. އާއިލާ އުޅެމުން ދަނީ ސަމާގެ މަންމައާއިއެކު ސަމާގެ ގޭގައެވެ. މަންމަގެ އެހީތެރިކަމާއި ފިރިމީހާގެ އަޅާލުން ލިބިގެން ސަމާ އުޅެމުން ދިޔައީ އުންމީދީ ދިރިއުޅުމެކެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އަޙްމަދުގެ މަންމަ ބަލިވެގެން ސަމާގެ އާއިލާއިން އަޙްމަދުގެ ރަށަށް ބަދަލުވުމުންނެވެ. ސަމާގެ މަންމަ ހަސީނާ ސަމާގެ ބޭބެގެ ގެއަށް ބަދަލުކޮށް, ގެ ފަޅުކޮށް ދަތުރު ހަދައިގެން ސަމާ އަޙްމަދުގެ ރަށަށް ބަދަލުވީ ކުޑަ ދުވަސްކޮޅަކަށެވެ. ނަމަވެސް ކަންވީ މުޅިން ހީކުރި ގޮތާ ޚިލާފަށެވެ.

އަޙްމަދުގެ މަންމަ ސުރައްޔާ ވަނީ މާ ބޮޑަށް ބަލިވެ އެނދުމަތިކުރެވިފައެވެ. އާތްރައިޓިސް ހުރުމާއިއެކު އުމުރުން ދުވަސްވުމުން ހިނގާ ބިނގާ އުޅެންވަނީ ދަތިވެފައެވެ. ފަރުވާލެއް ނެތެވެ. ސަމާ ދިޔައީ އަމިއްލަ މަންމައެއް ކަމަށް ބަލައިގެން ސުރައްޔާގެ ހުރިހާ ކަމެއް ބަލަހައްޓަމުންނެވެ. އަޙްމަދުގެވެސް ރަށަށް ބަދަލުވެ ވިޔަފާރި ގާތް މީހަކާ ހަވާލުކުރިއެވެ. ރަށުގައި އުޅެމުން ގޮސް ހަމަސްފާއިތު ވެގެން ހިނގައްޖެއެވެ. ސަމާ އިނީ ތިން ވަނަ ދަރިފުޅަށް ބަލިވެއެވެ. ސުރައްޔާގެ ހުރިހާ ކަމެއް ކުރަމުން ދެ ކުދިން ބެލުމުގެ ޒިންމާވެސް ނަގައިގެން އަދި ގޭތެރޭ ހުރިހާ ކަމެއްވެސް ސަމާ ކުރަމުން ދިޔައީ ޝަކުވާއެއް ނެތިއެވެ. ލޯބިވާ އާއިލާއަށްޓަކައެވެ. ލޯބިވާ ފިރިމީހާއަށްޓަކައެވެ.

ނަމަވެސް, އަޙްމަދުގެ އުޅުން ބަދަލުވާން ފަށައިފިއެވެ. ރަށު ތެރެއިން އެހެން އަންހެން ކުދިން ގޮވައިގެން އުޅޭ ޚަބަރު ތުންތުން މަތިން ދައްކަން ފަށައިފިއެވެ. ފައިސާ ޚަރަދު ކުރާވާހަކައެވެ. ދަންވަރު ގަޑީގައި ގޭގެއަށް ވަންނަ ވާހަކައެވެ. އަޙްމަދަކީ އަބަދުވެސް އެހެން އުޅޭ މީހެއްކަމަށެވެ. މާލޭގައި އުޅުނު އިރުވެސް ރަށު އަންހެން ކުދިންގެ ގޭގެއަށް ގޮސް އެ ކުދިންގެ އާއިލާތަކަށް ޚަރަދު ކުރާ ވާހަކައެވެ.

ކަރުނައާއި ހިތާމައާއިއެކުވެސް ސަމާ މަސައްކަތް ކުރީ ކެތްކުރާށެވެ. ތުއްތު ތުއްތު ދެ ކުދިންނަށް ޓަކައެވެ. ބަނޑުގައިވާ ދަރިފުޅަށް ޓަކައެވެ. ބަލި އެދުގައި އޮތް އަޙްމަދުގެ މަންމައަށް ޓަކައެވެ.

ނަމަވެސް ސަމާގެ ބަނޑަށް އަށްމަހުގައި ސުރައްޔާ ނިޔާވެއްޖެއެވެ. ވަކިވެގެން ދިޔައީ ސަމާގެ މަންމައެއް ފަދަ މީހެކެވެ. ސަމާގެ ދަރިންގެ މާމައެވެ. ސުރައްޔާ ވަކިވުމަށްފަހު އަޙްމަދުގެ އަމަލުތައް ބަދަލުވާން ފެށިއެވެ. ކުރިން ތުންތުން މަތިން ފެންނަމުން ދިޔަ ވާހަކަތައް ހަމަ ލޮލުން ފެންނަން ފެށިއެވެ. ގެއަށް އެކި ރޭރޭގައި އަންހެން ކުދިން ގެންނަން ފެށީއެވެ. ގޭގައި ކައިބޮއެ ނިދާ ހަދަން ފެށީއެވެ. ސަމާގެ ދަރިންގެ ކުރިމަތީގައި މި ގޮތަށް ކަންތައްތައް ކުރަމުން ދާން ފެށުމުން ސަމާގެ ކެތްތެރިކަން ކޮޅުންލިއެވެ އަދި ވަކިވާން އެދުނެވެ.

ރެޔަކީ ވިއްސާރަ ރެޔެކެވެ. ކަޅު ވިލާތަކުން މުޅި ޖައްވު ބަނަކޮށް ލާފައި އޮތެވެ. ޖެހޭވައި ރޯޅީގެ ބާރުގަދަކަމުން ގޭގެ ކޮޓަރީގައި ހުރި ފާނޫޒުވެސް ނިވި ގޭތެރެއަށް ވަނީ އަދިރިކަމެވެ. ސަމާ ގާތު ނިދާފައި އޮތް ދެކުދިން ގަޔާ ކައިރިކޮށްލައިގެން ސަމާ އަށް ނުނިދިފައިއޮތެވެ. ލޮލުން ކަރުނަ ނުހިކެއެވެ. އަޙްމަދު މިއޮއް ތޫފާނީ ރޭގައިވެސް ގެއަށް ނުވަދެ އުޅެނީ ކޮންތާކު ބާވައެވެ. ސަމާ އާއިލާގާތަށް ދާން އެދެވެއެވެ. މަންމައާއި އާއިލާގެ ހިމާޔަތަށް އެދެވެއެވެ.

ކުއްލިއަކަށް ގޭގެ ދޮރު ހުޅުވިއަޑަށް ސަމާ އެނދުން ތެދުވެލިއެވެ. އަދި ކޮޓަރި ދޮރާ ދިމާއަށް ހިނގައި ގަނެވުނެވެ. އަޙްމަދުގެ އައީ ބާ؟ ދޮރު ހުޅުވާލުމަށްފަހު އަޙްމަދު ކޮޓަރިއަށް ވަނީ ބާރު ހިނގުމެއް ގައެވެ. އައި ގޮތަށް އައިސް ސަމާގެ އިސްތަށިގަނޑުގައި ހިފައި ފާރަށް ކޮށްޕާލިއެވެ.

" އަހަރެން މިއުޅެނީ އެހެން މީހަކާ އިންނަން. އޭނަ ބުނީ ސަމާ ވަރިކުރާށޭ. ތިހުރީ ވަރި ކޮށްފަ. ދަރިންތައް ގޮވައިގެން ހަމަ މިހާރު ނިކުމޭ މިގެއިން." އަޙްމަދުގެ އަޑުގައި ހުރީ ނަފްރަތެވެ.

ދެދަރިންގެ އަތުގައި ހިފައިގެން މަޑު މަޑު ހިނގުމެއްގައި ސަމާ އަޙްމަދުގެ ގެއިން ނިކުތީ ވެހޭ ބޯ ވާރޭގެ ތެރެއަށެވެ. ބަނޑަށް ނުވަމަސް ގުނަމުން ދިޔަ ސަމާއަށް ހިނގެނީ ކިރިޔަ ކިރިޔާއެވެ. ވެހޭ ވާރޭގެ ސަބަބުން އޭނާ ތުރުތުރު އަޅައެވެ. ދެ ދަރިންގެ ރުއިމުގެ އަޑު, އެ ހިމޭން ވަގުތުގައި މުޅި ހިސާބަށް ގުގުމާލިއެވެ. ހިނގަމުން ހިނގަމުން ގޮސް ސަމާ ގޮސް ހުއްޓުނީ ފަނުން ހަދާފައިވާ ފަޅު ގެއެއްގެ ކުރިމައްޗަށެވެ. މިއީ ސަމާގެ މި ކުޑަ ކުޑަ އާއިލާއަށް މިރޭ ހިމާޔަތް ލިބޭނޭ ތަނެވެ.

އަނެއް ދުވަހުގެ އިރު އެރީ ސަމާގެ ބަޑުގައި ރިއްސަ ރިއްސަ އޮއްވައެވެ. ކައިރީގައި ތުއްތު ތުއްތު ދެކުދިން ބިރުން ރޯލަ ރޯލަ ތިއްބެވެ. ބައެއް ފަހަރު މަންމާ މަންމާއޭ ގޮވާލަ ގޮވާލާ ސަމާ ގައިގައި ފިރުމާލަ ފިރުމާލަ ތިއްބެވެ. ސަމާގެ ވޭނީ އަޑު އިވުނީ އެ ހިސާބުގަ އުޅޭ ރާވެރިއެއް ކަމަށް ވާ ސަލީމަށެވެ. ސަލީމު އަވަސް އަވަހަށް ގޮސް ސަލީމްގެ އަންހެނުން ގޮވައިގެން އައިސް ސަމާއާއި ސަމާގެ ދެކުދިން އެގެއަށް ގެންގޮސް ފޫޅުމާ ދައިތަ ގެނައެވެ.

ސަމާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އަޙްމަދުގެ ވެސް އަލަތު ފިރިހެން ދަރިފުޅެވެ. ސަލީމްބެގެ އާއިލާއިން ސަމާއި ސަމާގެ ތިން ދަރިން އެއްމަސް ދުވަސް ވަންދެން އެގޭގައި ބެއިތިއްބިއެވެ. އެއަށްފަހު ސަމާ އެދުނީ މާލެ ދާށެވެ. އާއިލާގެ އެހީތެރިކަން ހޯދުމަށެވެ. އަމިއްލަ މަންމަގެ ލޯބި ލިބުމަށެވެ. ސަމާ ވަރިކޮށްފައި ޖެހިގެން އައި ދުވަހު އަޙްމަދު މާލެ އަށް ފުރިއެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެހެން މީހަކާ ކައިވެނިކުރިއެވެ.

ސަމާ މާލެ ދާން ބޯޓަށް އެރުމަށް ފަހު އަޙްމަދުގެ ރަށާއިދިމާއަށް އެންމެ ފަހު ފަހަރަކަށް ބަލާލިއެވެ. އަދި އަޒުމް ކަނޑައެޅިއެވެ. ސަމާއެއް ލޯތްބަށްޓަކައި ފަނައެއް ނުވާނަމެވެ. ސަމާގެ އުންމީދަކީ ދަރިންނަށް އުފާވެރި ހަޔާތެއް ދިނުމަށެވެ.

ނިމުނީ

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *