ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2010/15) އަށް ގެނައި އިޞްލާޙާއެކު 1 ޖަނަވަރީ 2007 ކުން ފެށިގެން އުފަންވެފައިވާ ހުރިހާ ރައްޔިތުންނަށް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތުގެ އެއްވެސް ބާވަތެއް ގަތުން މަނާކުރާ ޤާނޫނަށް މިއަދުން ފެށިގެން، އަމަލުކުރަން ފަށައިފި އެވެ.
ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ޤާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވީ މިދިޔަ މޭ މަހު 21 ވަނަ ދުވަހުއެވެ.
މި ބިލުގެ ދަށުން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން 1 ޖެނުއަރީ 2007 ގައި އުފަންވެފައިވާ އެއްވެސް މީހަކަށް ވިއްކުމަކީ މަނާ ކަމެކެވެ. ހަމައެއާއެކު އުމުރުން 21 އަހަރު ނުވާ މީހުންނަށް މީގެކުރިން ވެސް އޮތް ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެގެންދާއިރު މިއިން އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް ބައިވެރިނުކުރެވޭނެ އެވެ.
މުޅި ދުނިޔެއަށް ބެލި ކަމުގައިވިޔަސް ދުންފަތުގެ ވަބާގެ ތެރެއަށް ޒުވާނުންނާއި ކުޑަކުދިން ވަދެފައިވަނީ ހިތާމަކުރަންޖެހޭ މިންވަރަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާތައް ދައްކާގޮތުން، އެންމެ ހަގު ޢުމުރަކަށް، އަށް އަހަރުގައި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށައެވެ. އެ ޖަމްޢިއްޔާއިން 2019 ވަނަ އަހަރު ޢާންމުކުރި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ (ޖީވައިޓީއެސް) އިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންގެ 45.7 އިންސައްތަ ކުދިންނަކީ ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކޮށްފައިވާ ކުދިންނެވެ. އޭގެތެރެއިން 17.1 އިންސައްތަ ކުދިންނަކީ އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރާ ކުދިން ކަމަށް އެ ސަރވޭއިން ދައްކައެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު، ޢުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 އިންސައްތަ ދިވެހީންނަކީ ދުންފަތުގެ ވަބާއަށް ހުށަހެޅިފައިވާ މީހުންނެވެ. ރާއްޖޭގެ އާބާދީގެ އެހާބޮޑު ހިއްސާއެއް ދުންފަތުގެ ވަބާގެ ތެރެއަށް ވެއްޓިފައިވުމުގެ ނަތީޖާއަކަށްވެފައިވަނީ ރާއްޖޭގައި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދުވެސް ގިނަވުމެވެ. އެހެންކަމުން މި ޖެނެރޭޝަނަލް ބޭންގެ ތެރެއިން ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން، މިވަބާއިން ސަލާމަތްކުރެވި، ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ މިންވަރުވެސް އެތައް ގުނައެއް މަދުކުރެވިގެން ދާނެއެވެ. އެހެންކަމުން މިފަދަ ބަލިތަކަށް ފަރުވާކުރުމަށް ކުރަންޖެހޭ ބޮޑެތި ހޭދަތައް ކުރުން މަދުވެ، ޖީބަށް އެތައް ތަނަކުން ލުއިވެގެންދާނެއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތަށްވެސް އެތައް ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، ރައްޔިތުންގެ ބޭސްފަރުވާއަށް ޚަރަދުކުރާ، އާސަންދަ ފަދަ އިންޝުއަރެންސް ސްކީމްތަކުން ކުރަންޖެހޭ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
