ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާ ނިންމި މި މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް މިއަދު ވަނީ ގުޅީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެވީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ. 630 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން ފާހަގަކުރެވިގެންދިޔައިރު ކ. ގުޅިއަށް 10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.
އެމް.ޓީ.ސީ.ސީއާއެކު މިއަދު ސޮއިކުރެއްވި، ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެއެވެ.
