ބީއެމްއެލް އިން 3000 ހައުސިން ޔުނިޓް ތަރައްގީކުރަން ބިން ހަވާލުކޮށްފި

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވައިލާފައިވާ ހެޔޮ އަގުގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ސްކީމުގެ ދަށުން ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 3،000 ހައުސިން ޔުނިޓު ތަރައްގީކޮށް ކުލި ދައްކައިގެން އަގު ހަލާސްކުރުމުން މިލްކުވެރިކަން ލިބޭ ގޮތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ބިން ބޭންކާ ހަވާލުކޮށްފިއެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާޕާސަަން އަހްމަދު އަލީ ހަބީބު އަދި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫއު ހިންގުމަށްޓަކައި ބީއެމްއެލްއިންވަނީ ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ. އެގޮތުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ކޮމްޕެނީގެ ނަމުގައި އުފެއްދި ކުންފުންޏަށް 3،000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާމެވެ.

މި ކުންފުންޏަކީ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމު"ގެ ނަމުގައި އެމްއެމްއޭއިން ތައާރަފުކުރި އުސޫލުގެ ދަށުން ހެޔޮ އަގުގައި ގެދޮރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ބީއެމްއެލްއިން އުފައްދާފައިވާ ކުންފުންޏެކެވެ.

އެމްއެމްއޭއިން އެކުލަވައިލާފައިވާ މި އުސޫލުގެ ދަށުން، ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ގެދޮރުވެރިކަމުގެ ލޯނުތަކަށް ހާއްސަ ކުރަންޖެހެއެވެ. އަދި ސްކީމުގެ ތެރެއިން ދޫކުރާ ލޯނުތައް ދައްކަންޖެހޭނީ 25 އަހަރަށް ބަހާލައިގެން ކަމަށްވެސް މަރުކަޒީ ބޭންކުގެ އުސޫލުގައި ބުނެފައިވެއެވެ.

މި ސްކީމުގެ ދަށުން ބީއެމްއެލްއިން ފުރަތަމަ ހިންގަން ނިންމާފައިވަނީ ލީސް އެންޑީން ވިތު އޯނާޝިޕް ނުވަތަ ކުލީގެ ގޮތުގައި އަގު ދައްކައި ހަލާސްކުރުމުން މިލްކުވާ މޮޑެލްގެ ދަށުން ގެދޮރު ދޫކުރުމުގެ މަޝްރޫއެކެވެ. މިއީ ބޭންކުތަކުން ފައިނޭންސްކޮށްގެން ނުވަތަ ހަރަދުކޮށްގެން ތަރައްގީކުރާ ހައުސިން ޔުނިޓުތައް ދޫކުރުމުގައި ބޭނުންކުރެވޭ މޮޑެލްގެ ގޮތުގައި އެމްއެމްއޭގެ އުސޫލުގައި ބަޔާންކޮށްފައިވާ މޮޑެލްއެވެ.

މި އަހަރުގެ ތެރޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ބީއެމްއެލްގެ މަޝްރޫއާއެކު ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *