ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހައިކޯޓުން ވަނީ އެކަން ހާމަކުރައްވާފަ އެވެ. އެ ކޯޓުން ބުނީ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް މިއަދު އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.
ކޯޓުން ވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.
ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ. ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
