އަތޮޅު ކައުންސިލުތައް އުވާލަން މަޖިލީހުން ފާސްކޮށްފި

ޤާނޫނުއަސާސީ އިސްލާހުކޮށް އަތޮޅު ކައުންސިލުތައް އުވާލަނ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއެވެ. އެ އިސްލާހުގައި އެކުލެވިގެންވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކޮށް، އެ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލުގެ ބައި އެއިން އުނިކުރުމަށެވެ.

މިއަދު މަޖިލީހުގައި އެބިލަށް ބަހުސްކޮށް ތިންވަނަ ކިޔުން އިއްވުމަށްފަހު އެ އިސްލާހު ފާސްކުރުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 87 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ އިސްލާހު ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އިިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.

މި ބިލު ތަސްދީގުކުރެވި އަމަލުކުރަން ފެށި ނަމަވެސް މިހާރު ހުރި އަތޮޅު ކައުންސިލުތައް ދައުރު ނިމެންދެން ކުރިއަށްދާނެއެވެ. މި ބިލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ފަހުއެވެ. އެ އިންތިހާބުގައި އަތޮޅު ކައުންސިލުތައް އިންތިހާބުކުރުމެއް ނޯންނާނެއެވެ.

މި ބިލާއެކު މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެން ކަމަށް ކަނޑައަޅަން ހުށަހެޅި ނަމަވެސް އެބައި ބިލުން އުނިކުރީ ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީންނެވެ.

އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު ކުރިން އަތޮޅު ކައުންސިލުތަކަށް ދެމުން އައި ބަޖެޓު ރަށްރަށުގެ ކައުންސިލުތަކަށް ބަހައިލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފައިސާ ބޭނުންކުރެވޭނީ ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުން މަދު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އަތޮޅު ކައުންސިލް އުވާލުމަށް ފަހު، އެ ކައުންސިލްތަކުގެ ބަޖެޓު ބަހާލާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *