ޖަޕާނަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވިި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރު ހަމަޖެއްސެވުމަށް މަހްލޫފްގެ ނަންފުޅު ހުށަހަޅުއްވާ ކަމަށެވެ.
އެހެންކަމުން އެ މަގާމަށް މަހްލޫފް އައްޔަންކުރުމާމެދު މެންބަރުންނަށް ފެންނަ ގޮތެއް ނިންމަވައި ދެއްވުމަށް ވެސް ސިޓީގައި ރައީސް އެދިވަޑައިގެންފައިވެއެވެ.
ރިޔާސަތުން ވަނީ މަހްލޫފަށް ރުހުން ހޯދުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މަހުލޫފު ސިޔާސީ މަސައްކަތް ފެއްޓެވީ މިހާރު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއެކު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިންނެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ ކުރީގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
އޭގެ ފަހުން އައު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާއިން އިންތިހާބުވެވަޑައިގަތީވެސް ޑީއާރްޕީގެ ޓިކެޓުގައެވެ. ޑީއާރްޕީ ތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން އެއިރު އުފަންކުރި ޕީޕީއެމްއާ ފަހުން ގުޅިވަޑައިގަތް ނަމަވެސް، އެ ޕާޓީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީނާ މަހުލޫފާމެދު އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އެ ޕާޓީން އޭނާ ވަކިކުރިއެވެ.
އެ ހިސާބުން އެއިރުގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވިއެވެ. އެ މަސައްކަތުގެ ތެރެއިން ޖަލަށްވެސް ވަޑައިގެންނެވިއެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެން، 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތެވެ.
އެ މަގާމުގައި އެ ސަރުކާރު ނިމެންދެން ހުންނަވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަމަށް ވާދަކުރައްވައި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓުން ދާއިރާގެ ރައީސްކަން ކާމިޔާބުކުރައްވައި ޕާޓީގެ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގަތެވެ. ނަމަވެސް އެ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި އެކި ތުރާތަކުގެ ސަަބަބުން ސެޕްޓެންބަރު މަހު އެމްޑީޕީން ވަކިވެވަޑައިގެންނެވިއެވެ.
މަހުލޫފު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު އެއްވުމުގައެވެ. އެއާއެކު އެ ޕާޓީގެ ލީޑާޝިޕާއި އާއްމު މެންބަރުން އޭނާާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
