މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި

ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތުވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ. މިކަމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.
މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.
ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތުވޭއަކީ، ޢިލްމީ ހުނަރުވެރި ޒުވާން ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދޭ ފުރުޞަތުތައް މިހާތަނަށް އޮތީ ވަރަށް ހަނިކޮށްކަމަށެވެ. ސަރުކާރުން މިދާއިރާއިން ފެށި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފުރިހަމަކަމަށާއި، ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން މަތީ ސާނައިން ފުރުޞަތު ދެވޭ ނިސްބަތް %31އިން %49 އަށް އިތުރުކޮށްފަވާކަމަށެވެ. މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ސަރުކާރުން އެޅުއްވި ވަރަށް ބޮޑު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، މިއީ ރަސްމީ ތަޢުލީމުގެ ލެވެލްތަކާއި މަތީ ތަޢުލީމުގެ ދާއިރާއާއި ދެމެދު އޮތް ހުސްކަން ނައްތާލަދިން ފިޔަވަޅެއްކަމަށެވެ. އޭލެވެލް ވޮކޭޝަނަލް އިސްލާމް އަދި ދިވެހި މާއްދާއަކީ މަޖުބޫރު ދެ މާއްދާއެވެ. ދެން ފުރުޞަތު ހުޅުވާލި ވޮކޭޝަނަލް ދާއިރާތަކުން އެ ކުއްޖަކު އިޚްތިޔާރުކުރި ދާއިރާއިން ކުރިއަށްދެވޭނެއެވެ.
މި ޕްރޮގްރާމްތަކުގައި މަސައްކަތުގެ މާޙައުލުގެ ތަޖުރިބާތައްވެސް ދޭނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *