"ސިލޯނާއެކު ދިވެހީން" 240 މިލިއަނަށްވުރެ ގިނަ ރުފީސްގެ އެހީ

ސްރީލަންކާއަށް ސައިކްލޯން ޑިޓުވާގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ އެހެނިހެން މީޑިޔާތަކާއެކު ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 240 މިލިއަން ލަންކާ ރުޕީސްއަށްވުރެ ގިނަ ފައިސާ ލިބިއްޖެއެވެ.

ޓެލެތޯން ނިމުނުއިރު އެ ޓެލެތޯނަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުޅުވައިލި ރުފިޔާ އެކައުންޓަށާއި ޑޮލަރު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވެއެވެ. އެގޮތުން ރުފިޔާ އެކައުންޓަށް 11،015،856.65 ރުފިޔާ އަދި ޑޮލަރު އެކައުންޓަށް 43،681.31 ޑޮލަރު ޖަމާކޮށްފައިވެއެވެ.

މި ފައިސާއަކީ ލަންކާ ރުޕީސްއަށް ބަދަލުކުރުމުން 240 މިލިއަން ލަންކާ ރުޕީސްއަށްވުރެ ގިނަ ފައިސާއެވެ. އެ ފައިސާއަކީ ލަންކާއަށް އައި ޑިޓްވާ ތޫފާނުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރެވޭނެ ފައިސާއެވެ.

މިއީ އެކައުންޓުތަކަށް ޖަމާކުރި ފައިސާއެވެ. މި ފައިސާގެ އިތުރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފޮށިތަކަަށްވެސް މީހުން ފައިސާ ލިއެވެ. އެ ފައިސާ ގުނައި ނިމުމުން ޖުމްލަ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ގޮތެކެވެ. ބެލެވޭ ގޮތުގައި އެއަށްވުރެ ގިނަ ފައިސާ ލިބޭނެއެވެ.

މިހާރު ކުރިއަށްދަނީ ފަންޑު ފޮށިތަކަށް މީހުން ޖަމާކުރި ފައިސާ ގުނުމުގެ މަސައްކަތެވެ.

މި ޓެލެތޯނަށް އެންމެ ގިނައިން ފައިސާ ހަރަދުކުރީ ދިވެހި ފުލުހުންގެ ހިދުމަތާއި، ދިވެހި ސިފައިންގެ ފަރާތުންނެވެ. ފުލުހުންގެ ހިދުމަތުންވަނީ 2،455،111.26 ޓެލެތޯނަށް ހަދިޔާކޮށްފައެވެ. ސިފައިންވަނީ 1،000،000 ރުފިޔާ ހަދިޔާކޮށްފައެވެ.

ޓެލެތޯނު ނިމުމަކަށް އައިސްފައިވާއިރު، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން ޓެލެތޯނުގައި ބައިވެރިވެ ގިނަ އަދަދެއްގެ ފައިސާ ލަންކާއަށް އެހީތެރިވުމަށް ހަދިޔާކޮށްފައިވެއެވެ. މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާތަނަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު ޓެލެތޯނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *