ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ދީތުވާ"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމް އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ (800،352 ޑޮލަރު) ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއާ މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ޓެލެތޯން ކުރިއަށް ގެންދިއުމުގައި 40 އަށް ވުރެ ގިނަ މީޑިއާ ހަރަކާތްތެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ސްރީ ލަންކާ އަށް ދިމާވި ހިތާމަވެރި ކާރިސާގައި އެ ގައުމަށް އެހީވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު، އެންމެ ފުރަތަމަ ނިންމި ގައުމަކީ ދިވެހި ރާއްޖެކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ޓެލެތޯނުން ލިބުނު ފައިސާ ސްރީ ލަންކާ ސަރުކާރާ ރަސްމީގޮތުން މިއަދު ހަވާލު ކުރައްވާނެ ކަމަށެވެ.

ޓެލެތޯނުގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުންނާއި އެހެނިހެން ގޮތް ގޮތުން ސްރީ ލަންކާ އަށް ވެދިން އެހީގެ އަދަދު 2.3 މިލިއަން ޑޮލަރަށް ވުރެ އިތުރުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނުގެ ފަންޑް ރެއިޒިން ވަގުތު ހަމަވިއިރު ފަންޑް ފޮށިތަކަށް ލިބުނު ހުރިހާ ފައިސާއެއް ގުނުމުގެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސް އިންނެވެ.

ކްރޯ މޯލްޑިވްސް އިން ބުނީ ޓެލެތޯން މެނޭޖްކުރުމާއި ފަންޑް މެނޭޖްކުރުމުގައި ޕީއެސްއެމް އިން އަމަލުކޮށްފައި ވަނީ ކްރޯ މޯލްޑިވްސް އިން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *