ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ އަންހެނުންގެ ޓީމް އިވެންޓުން ދިވެހި ރާއްޖެ ރިހި މެޑެލް ހޯދައިފި އެވެ. ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގެ ފައިނަލުގައި ރާއްޖެ ބަލިވެފައިވަނީ އިންޑިއާ އަތުންނެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީހުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލްކުރި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގައި ކުޅުނު ތިން ގޭމުގެ ތެރެއިން ޑަބަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ އަތުން އިންޑިއާގެ މިތުރާ އާއި ކާޖަލް ކުމާރީގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ނަހުފާ އާއި ރަޔާނާގެ ޕެއާ ވަނީ 17-13 އިން ކުރިހޯދައި، ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު އިންޑިއާގެ ޕެއާ ކާމިޔާބުކުރީ 25-5 އިންނެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ހާޒިމާ މި މެޗު ކާމިޔާބުކުރީ 24-8، 25-8 އިންނެވެ. ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ފައިނާޒް އަތުން އިންޑިއާގެ ކީރްތަނާ މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. އެއީ، 24-6، 25-1 އިންނެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހޯދައިފައެވެ.
