ރާއްޖޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ފާސް ކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވެފައިވާ ހަތަރު ސިޔާސީ ޕާޓީއަކީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިސާ ލިބޭ ސިޔާސީ ޕާޓީތައް އަދާހަމަ ކުރީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހަށް ބަލައިގެން ކަމަށެވެ. އެއީ 2025 ނޮވެމްބަރު 25 ވަނަ ދުވަހެވެ. އެދުވަހުގެ ނިޔަލަށް އަދާލަތު ޕާޓީގައި ތިބި މެންބަރުންގެ އަދަދު ވަނީ 10،000 އިން ދަށަށް ގޮސްފައެވެ.
އިލެކްޝަންސްގެ ދަފްތަރުން ދައްކާގޮތުން ދަފްތަރުކުރެވިފައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު 4 ޕާޓީއެއް ވަނީ އުވާލައިފައެވެ.
ލިސްޓު ކުރެވިފައިވާ ސިޔާސީ ޕާޓީތައް:
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) – 68665 މެންބަރުން
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) – 43765 މެންބަރުން
- ޖުމްހޫރީ ޕާޓީ – 13456 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) – 9011 މެންބަރުން
- އަދާލަތު ޕާޓީ – 8844 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ – 5836 މެންބަރުން
- ދަ ޑިމޮކްރެޓްސް – 3547 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ފްރަންޓް – 3046 މެންބަރުން
- މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ – 1874 މެންބަރުން
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވާގޮތުން، ކޮންމެ އަހަރެއްގެވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭންޖެހެއެވެ. އެ ފައިސާ ސިޔާސީ ޕާޓީތަކަށް ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ތެރެއިން މެންބަރުން ތިބި އަދަދަށް ބަލައިގެންނެވެ.
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ކޮންގްރެސް ޕާޓީއެވެ. އެންމެ މެންބަރުން ގިނަ ޕާޓީގެ ހައިސިއްޔަތުން ދައުލަތުން ދޭ ފައިސާގެ އެންމެ ބޮޑު އަދަދެއް ލިބެނީ ވެސް އެޕާޓީއަށެވެ.
