ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަޙައްދު އާއްމުންނަށް ހުޅުވާލައިފި

ސަރުކާރުން ފެށި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައި ފުރަތަމަ ތަރައްޤީ ކުރީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދު ކަމަށްވާ އެމްއެމްއޭ ސަރަޙައްދެވެ. އެ ސަރަޙައްދުގައި އިއްޔެ ވަނީ ތާރު އަޅައި ނިންމައިފައެވެ. އަދި މިއަދު ވަނީ އެ ސަރަހަައްދު އާންމުންނަށް ހުޅުވާލާފަ އެވެ.

މަގު ހުޅުވާލުމުގެ ކުރީން އެ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ފިޔަވަހީގައި 140 މީޓަރުގައި ތާރު ވަނީ އަޅައިފަ އެވެ.

ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމަށްފަހު، ވަރަށް އަވަހަށް ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯޓު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަޙައްދެކެވެ.

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެ ކަމަށެވެ. ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެ އެވެ.

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *