ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޞިއްޙީ ފަރުވާ ދިނުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ އާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ފެށީ، މިމަހުގެ 8ގައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ ތެރެއިން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެފަދަ ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
މިއަހަރުގެ މި ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން 50 އެއްހާ ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވެފަައިވެއެވެ. އެއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިވެރިން މިކޮންފަރެންސްގައި ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މި ކޮންފަރެންސްގެ ތެރެއިން، ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިމަތިވާ ހިރާސްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް ޢިލްމީ މަޝްވަރާކޮށް، މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީ ގޮތެއްގައި ގެނެވިދާނެ ހައްލުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
