އަނބިމީހާއަށް ލޯބިނުދެވެނީ ސިޙުރެއް ޖެހިގެން ކަމަށްބުނި ފިރިއެއްގެ މަކަރުވެރިކަން

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސްކަންބޮޑު ބައެއް ނޫންނަމަވެސް މެދުމިނުގެ ތަނަވަސްކަންހުރި ބައެކެވެ. ލިބިފައިވާ ދެދަރިންނަށް ގޯތީގައި އެމީހުންގެ ފެންވަރުން ދެ ގެ އަޅައިދިނެވެ. ދެބެއިންނަށް ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ބޭބެ ކައިވެނިކުރުމުން ބޭބެގެ ގެ ބޭބެއާއި ޙަވާލުކުރިއެވެ. އަދި ދެމަފިރިން އަޅުގަނޑާއިއެކު އަޅުގަނޑަށް ދިން ގޭގައި ދިރިއުޅެން ފެށިއެވެ.

އަޅުގަނޑުގެ ޢުމުރުން 25 އަހަރުފުރުމުން އެކަނި ނުހުރެ ކައިވެނިކުރަން ނަޞޭޙަތްދޭން ފަށައިފިއެވެ. މަޖުބޫރެއް ނުކުރެއެވެ. ނަޞޭޙަތްތެރިވީއެވެ. އެހެންކަމާއިއެކުވެސް ކައިވެނިކޮށްގެން ބައެއް އެކުވެރިންނަށް ކުރަންޖެހުނު ތަޖުރިބާއަށް ބަލައި ކައިވެނިކުރަން ފޫހިވެފައި އަހަރެއްހައި ދުވަހު ހުރީމެވެ.

އެހައިތަނުން ބައްދަލުވި މީހަކާއި ލޯބީގެ ގޮތުން ގުޅި ކައިވެނިކުރީމެވެ. ކައިވެންޏަށް 5 އަހަރުވީއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. 2 ވަނަ ދަރިފުޅު ލިބުނުފަހުން ފިރިމީހާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ސުވާލުކުރުމުން އެއްވެސް ކަމަކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ޢަމަލުތަކުން ކޮންމެވެސް ކަންތައްތަކެއް ހިނގާކަން ވަރަށް ބޮޑަށް ޔަޤީންކުރެވުނެވެ.

އެހެންވެ ބުނީމެވެ. "ވައްކަން ނުކުރާށެވެ! އަނިޔާވެސް ނުކުރާށެވެ! ބޭނުން ނެތިއްޖެނަމަ ނުވަތަ ރަނގަޅު ގޮތެއް ފެނިއްޖެނަމަ ދޫކޮށްލާފައި އަވަހަށްދާށެވެ. ދަރިންނަށް ޚަރަދު ނުކުރިޔަސް މައްސަލައެއް ނެތެވެ. ޚަރަދު ހޯދަން ކޯޓަކަށްވެސް ނުދާނަމެވެ. އަދި މިހާރުވެސް ދަރިންނަށް ޚަރަދުކުރަނީ ކަލެއެއްވެސް ނޫނެވެ. އަހަރެން ކަންބޮޑުވަނީ މިގޮތަށް ބާކީވެގެން އިންނަން ޖެހުމުން އުފާވެރިކަމެއް ނުލިބި ފިރިމީހާގެ ކިބައިން ލޯބި ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީއެވެ. މިގޮތަށް ލޯބި ނުލިބޭ ޙާލުގައި ފިރިއަކާއިއެކު އުޅުމަށްވުރެ އެކަނި އުޅުންވެސް މާރަނގަޅުވާނެއެވެ."

ފިރިމީހާގެ ޖަވާބަކަށްވީ ކޮންމެވެސް މީހަކު ސިޙުރު ހަދައިގެން ދެމީހުން ދުރުކުރުވަން އުޅެނީ ކަމަށެވެ. އެހެން އަންހެނަކާއި ގުޅިގެން ނުއުޅޭކަމަށާއި އެކަމަކުވެސް ދުރުހެލިވެވެނީކަމަށެވެ. އެހެން ބުނުމުން ރުޤްޔާކުރަން މީހަކު ހޯދައިގެން ގެއަށް ގެންނަން ހުށަހެޅީމާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ބުނީ އަމިއްލައަށް މަސައްކަތްކޮށްގެން ރަނގަޅުވެވޭނެ ކަމަށެވެ.

ރުޤްޔާކުރަން ފިރިމީހާ އެއްބަސްނުވި ހިސާބުން ފިރިމީހާއާއިމެދު ކުރިން ކުރެވެމުން އައި ޝައްކުތައް ޔަޤީންކަމަށް ބަދަލުވިއެވެ. އެހެންވެ އެފަދަ މީހެއްގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުން ގެންދިއައިމެވެ.

އެއީ ބޮޑު ޢީދު ދުވަހެކެވެ. 2 ކުދިން ގޮވައިގެން ބޭރަށް ނުކުމެލަން ބޭނުންވެގެން ކުދިން ތައްޔާރުކޮށްލައިގެން މަންމަ ތައްޔާރުވަންދެން އިންދައި މީހަކު އައިސް ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ދޮރުހުޅުވިތަނުން ސިޓިންގ ރޫމްގައި އިން ފިރިމީހާ ފެނުމާއިއެކު އަނގައިންވެސް ނުބުނެ ވަދެގެން ގޮސް ބުނީ ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރެވިއްޖެ ކަމަށާއި މިއަދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އޭނާ ހުންނަ އެޕާޓްމަންޓުގެ ކުލިވެސް އަދި މިމަހު ނުދައްކާ ކަމަށާއި އެހެންވެ އިރުއިރުކޮޅުން ކުލި ހޯދަން އެބަގުޅާކަމަށާއި ގެއަށް މިއައީ ގުޅީމާ (އަޅުގަނޑުގެ ފިރިމީހާ) ފޯނު ނުގާތީ ކަމަށެވެ.

ފިރިމީހާ އެވަރުންވެސް އުޅުނީ އޮޅުވައިލާށެވެ! ބުނީ އާދެވިގެން ތިއައުޅެނީ ނުބައި ގެއަކަށް ކަމަށާއި ފެނިގެން ތިއައުޅެނީ ނުބައި މީހެއް ކަމަށެވެ. އެހެން ބުނުމުން އަންހެން ކުއްޖާ އައި ރުޅީގައި އޭނާގެ ފޯނު ހުޅުވައި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯތަކާއި ފޮޓޯތައް އަޅުގަނޑަށްވެސް ދެއްކިއެވެ. ދައްކާފައި އަޅުގަނޑަކީ ކާކުތޯ ސުވާލުކުރުމުން އޭނާގެ އަނބިމީހާ ކަމަށާއި މިތިބީ އަހަރެމެންގެ 2 ދަރިންކަމަށް ބުނީމެވެ.

އޭނާ ބުނީ އޭނާގެ ގާތުގައި ބުނެފައިވަނީ އަނތްބަކު ނެތް ކަމަށާއި ކައިވެނިވެސް ނުކުރާ ކަމަށެވެ. އަދި މިގެއަކީވެސް އޭނާގެ ގެއެއް ކަމަށެވެ.

އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލިއެވެ. ބުނީމެވެ. "ކައިވެނިނުކުރާކަމަކަށް ނުހެދޭނެތާއެވެ. ނަމަވެސް ވަރިކުރަނިކޮށް އަނތްބަކު ނެތްކަމަށް ހެދޭނެތާއެވެ. ދެން މިއީ އަހަރެންގެ ގެ ކަމަށްވާއިރު ކަލޭގެ ގެއެއްކަމަކަށް ނުހޭދެތާއެވެ. އެހެންވީމާ އަވަހަށް ވަރިކޮށްލާފައި އޭނާ އާއިއެކު އަވަހަށް ދާށެވެ."

އެހެން ބުނުމުން އެއަންހެންކުއްޖާ ބުނީ މިއީ މަކަރުވެރިއެއްކަން ވިސްނިގެން އެހެން ގޮތެއްވެސް އޮންނާނީ ހޯދާފައި ކަމަށާއި މިހިސާބުން "ޗޭންޖް" ކޮށްލީ ކަމަށެވެ. އެހެން ބުނެފައި "ވަރަށް ސޮރީ" އޭ ބުނެފައި އޭނާ ނުކުމެގެން ދިއައީއެވެ.

އަޅުގަނޑު ކޮޓަރިއަށް ގޮސް އޭނާގެ އަންނައުނު ބޮޑު 3 ކޮތަޅަށް އަޅައިގެން ގެނެސްދީފައި ހިފައިގެން އަވަހަށް ދާށޭ ބުނުމުން ވަރަށް ދެރަވާކަމަށް ހެދެން އުޅުނެވެ. މާފަށްވެސް އެދުނެވެ. އެކަމަކު އެއަޑުތައް ނުއަހައި ގެއިން ނެރެލީމެވެ.

ވީފޫހީގައި އަހަރެއްހައި ދުވަހު ފިރިހެނަކާއި އެގޮތުން އަނގައިންވެސް ނުބުނެހުރެފައި ދެވަނަ މީހަކާއި ގުޅި ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 8 އަހަރުވެއްޖެއެވެ. އިތުރު 2 ދަރިންވެސް ލިބި ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.

ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ މަކަރުވެރި ފިރިއަކަށް ނަމަނަމަ ދެވަނަ ފުރުޞަތު ނުދޭށެވެ. ކަނޑުގެ ލޮނުގަނޑު ފެނަށް ބަދަލުވިޔަސް އެބާވަތުގެ މަކަރުވެރި ފިރިން އިޞްލާހެއް ނުވާނެއެވެ.  

– ސައުސަން /

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *