ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން މާދަމާރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދަަވަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 21 ވާ އާދިއްތަ ދުވަަހުގެރޭ 20:30ގައި ރެހެންދި ސްކޫލްގައި އޮންނާނެ އެވެ. ވީމާ ހުޅުމާލޭ ފޭސް އެކެއް ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާ ކަމުގައި ވިދާޅުވި އެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވަން ފައްޓަވާފަ އެވެ. ރައްޔިތުންގެ ފަސޭހައަކަށް އެމަނިކުފާނު އެ ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ކޮންމެ އަވަށަކަށް ވަކި ބައްދަލުވުމެކެވެ.

އެގޮތުން ވިލިމާލެ އާއި މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ ދެ ފިޔަވަހީގެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ އެވެ. ބައެއް އަވަށްތަކުގެ ބައްދަލްވުންތައް ބާއްވާފައިވާއިރު އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުންތަކާއި ޝުޢޫރުތަކާއި ޚިޔާލުފާޅުކުރުންތަކަށް ފުރުސަތު ދެއްވި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *