ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2،751 މީހަކަށް ގޯތީގެ ރަޖިސްޓްރީ މިހާތަނަށް ދޫކުރެވިފައިވާ ކަމަށާއި، ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްްޖެއެވެ.
އެ ވުޒާރާއިން ކުރަމުންދާ މަސައްކަަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއްތަލިބުވަނީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށްގޮސްފައިވާ މިންވަރުގެ ތަފުސީލު މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން އެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި 709 ގޯތީގެ ތެރެއިން 699 ގޯތި ހަވާލުކުރެވިފައިވާކަމަށާއި، ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާފައިވާއިރު، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ޑިސެންބަރު 20، 2025 ވަނަ ދުވަހު އަލުން ގުރުއަތު ނަގައި އެ ފަރާތްތަކަށް ގޯތި ލިބޭނެ ތަންތަން މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރާނީ ކޮން ތަނަކުންކަން ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވީ އެތަނުގައި ހިއްކާ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ގުޅިފަޅަށް ބަލާއިރު ވިޔަފާރި ބަނދަރުން ގުޅިފަޅުން ތިލަފުއްޓަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ސަލާމަތްކުރެވުނު ޖާގަ ހިއްކައި އެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނަށް އިތުރުކުރުމާއެކު 3،520 ގޯތި ގުޅިފަޅުން ދޫކުރަން ނިންމައި ގުރުއަތު ނަގައި ގޯތި ލިބޭނެ ތަންތަންވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޫކޮށްފައި އޮތް 1114 ގޯތިވެސް ހިމެނެއެވެ.
މިހާތަނަށް ގުޅީފަޅުން ގޯތި ލިބުނު 2،751 ފަރާތަކަށް ގުޅިފަޅުން ގޯތި ދޫކޮށް ރަޖިސްޓްރީވަނީ ހަވާލުކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބާކީ ތިބި މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަނީ ހަލުއި ދުވެލީގައި ކުރެވެމުންނެވެ.
އޭގެ އިތުރަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހަލުއިކުރުމުގެ ގޮތުން ގުޅިފަޅަށް ބަހެއް ގެންދިއުމުގެ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެބަސް ގެންދެވުމާއެކު މިހާރަށްވުރެ ހަލުއިކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ކުރިއަށްދާނެއެވެ.
