މާދަމާ ރޭ ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވަނީ

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް މާދަމާ ރޭ ހުޅުމާލޭގައި ހަަވާއެރުވުމާއެކު ޑްރޯން ޝޯއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ މި ހަރަކާތަކީ އެ ކުންފުނިން އިސްނަގައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކަލްޗަަރ އެންޑް ފުޑް ފެސްޓިވަލް"ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެފައިވަނީ މިދިޔަ އަހަރުވެސް އައު އަހަރު ފެށުން ފާހަގަކުރުމަށް ޑްރޯން ޝޯއެއް ބޭއްވި ގޮތަށް މި އަހަރުވެސް އެ ޝޯ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޑްރޯން ޝޯ ބާއްވަނީ މާދަން ރޭ 21:00 ގައެވެ. ކުރީ އަހަރާ ހިލާފަށް މި އަހަރުގެ ޑްރޯން ޝޯގައި ތަފާތު އައުކަމެއް ކުރުމަށް ނިންމާފައިވާކަން ޝިއުރީ ހާމަކުރެއްވިއެވެ. އެގޮތުން މި އަހަރު ބާއްވާ ޑްރޯން ޝޯއަކީ ޕައިރޯ ޑްރޯންް ޝޯއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޕައިރޯ ޑްރޯންް ޝޯއަކީ ޑްރޯނުގައި ފަޔާވޯކްސް ހަރުކޮށްގެން އެކުއެކީގައި އަރުވައިގެން ކުރިއަށްގެންދާ ޑްރޯން ޝޯއެވެ. މިއީ ރާއްޖޭގައި މިފަދަ ޑްރޯން ޝޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޑްރޯން ޝޯގެ އިތުރަށް މިފަހަރު ބާއްވާ ކަލްޗަ އެންޑް ފުޑް ފެސްޓިވަލުގައި ތަފާތު ގިނަ ހަރާކްތަތައް ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި އުރީދޫ ފޯމް ފަންއާއި ކާނިވާއާއި ބިރުވެރި ހޮހަޅައާ އެކި ބާވަތްތަކުގެ ކާ އެއްޗެހި ވިއްކާ ސްޓޯލުތައް ހިމެނެއެވެ.

މި ފެސްޓިވަލް އޮންނާނީ މިއަދުގެ ހަވީރުން ފެށިގެން ޖަނަވަރީ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *