ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެެއްޖެ އެވެ.
މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްރައްޒާޤް ޙަލީމް މިރޭ ވިދާޅުވި ގޮތުގަައި ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެެފައިވާ ކަމަށެވެ.
"މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުޞަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަން," ޙަލީމްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ފާހަގަކޮށް ޙަލީމް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
