ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފަހެެއް ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ނިންމަވާފައިވާ ކަމަށެވެ.
ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.
ޤާނޫނު އަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ޖެހެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ.
އެމަނިކުފާނު ފުރަތަމަ ރިޔާސީ ބަޔާން އިއްްވެވީ 2024 ވަނަ އަހަރަށް މަޖިލީސް ހުޅުވުމުގެ ޖަލްސާގަ އެވެ. ދެވަނަ ރިޔާސީ ބަޔާން 2025 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވަނީ އިއްވަވާފަ އެވެ. މި ދެ ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އަދި ޤައުމަށްޓަކައި އެމަނިކުފާނު ތަންފީޒު ކުރައްވަން ނިންމަވާފައިވާ މުހިންމު އެތައް ކަމެއް އިއުލާނު ކުރެއްވި އެވެ.
