ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު

2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގައެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީއެވެ.

ކޮންމެ އަހަރެއްގެ މަޖިލިސް ޖަލްސާ ފަށާ ދުވަހަކީ ރައީސްގެ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާއިރު މިއީ ރައީސް މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *