ލޯކަލް ކައުންސިލް އިންތިހާބަަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މޭޔަރުގެ ޓިކެޓަށް އެމްޑީޕީގެ ފަރާތުން ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
ޕްރައިމަރީގައި މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމަށް 1411 ވޯޓު ލިބިފައިވެއެވެ. އަލީ އާޒިމަށް ލިބިފައިވަނީ 962 ވޯޓެވެ.
އެމްޑީޕގެ ޕްރައިމަރީގައި އެންމެ ވާދަވެރި ކެމްޕޭނަށް ކޮށްފައިވަނީ އަލީ އާޒިމާއި އާދަމް އާޒިމެވެ.
ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ޚާއްސަކޮށް ބަހައްޓައިފައިވެއެވެ.
މީގެ ތެރެއިން ގިނަ ފޮށިތަކެއްގެ މެޖޯރިޓީ ހޯއްދެވީ އާދަމް އާޒިމެވެ.
ދެ ބޭފުޅުންގެ ކެމްޕޭނުގައި ވެސް މާލެ ބަދަލުކުރާނެ ގޮތުގެ މުހިންމު ވާހަކަތަކެއް ދައްކަވައިފައިވާއިރު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަަރަށް ބޮޑަށް ސިޔާސީ ފާޑު ވިދާޅުވުން ވެސް އަމާޒުކުރައްވައިިފައިވެއެވެ.
މިހާރުގެ މޭޔަރު އާޒިމް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ދޮޅު އަހަރެއްހާ ދުވަސްތެރޭ މާލެ ހިތްފަސޭހަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރެއްވި ކަމެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކާނުތައް ސާފުކުރުމާއި، ފެން ޕަންޕުތައް ގެނައުން ފަދަ ކަންކަން ކާމިޔާބީގެ ގޮތުގައި ފާހަގަކުރައްވައެވެ.
މީގެ އިތުރުން މާލޭގައި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ހުސް ޖާގަތައް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތް ވެސް އާޒިމް ފާހަގަކުރައްވައެވެ.
