ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، މާލޭ ސަރަހައްދުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.
މިއަދު ހެނދުނު އޮތް ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވަނީ މިހާރުން ފެށިގެން މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ބޭނުންކުރާ ޕޯޓަލް ހުޅުވައިލިކަން އިއުލާނު ކުރައްވާފަ އެވެ. މާލޭ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގޮތުން ޝާއިޢުކުރެވުނު އުސޫލުތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލެވެ.
މިއީ 17 ނޮވެންބަރު 2025 ގައި ސަރުކާރު ގެޒެޓުގައި ޝާއިޢުކުރި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލައިފައިވާ އުސޫލުތަކެއްކަމަށް ވުޒާރާއިން ހާމަކުރެއެވެ.
އުސޫލުތައް އިޞްލާހު ކުރީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް އުސޫލުތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންކަމަށް ވުޒާރާއިން ބުނެއެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ.
ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2،000 ފްލެޓުގެ ތެރެއިން 800 ފްލެޓް ކަނޑައަޅާފައިވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.
ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރެއިން އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ދޫކުރާނެ އެވެ.
މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތި ގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،000 ގޯތި ކަނޑައަޅާފައިވެ އެވެ.
