ސާކު ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ހުރިހާ ޓީމެއް ބަލިކޮށް ސާފް ފުޓްސަލް މުބާރާތުގެ ތަށި ކާމިޔާބުކުރި ދިވެހި ގައުމީ ޓީމު މާލެއަށް އައުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ބެންކޮކުގައި އޮތް މުބާރާތުގެ ތަށި ކާމިޔާބުކުރި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން މަރުހަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއާއި، ފުޓުބޯޅަ ދާއިރާގެ އިސްވެރިންނާއި، އެ ކުޅުންތެރިންގެ އާއިލާތަކުންނެވެ.
އެއާޕޯޓުގައި ޓީމަށް މަރުހަބާ ކިޔުމަށްފަހު، ބަހުގައި ޓީމު މާލެއަށް އައުމުން ސޯޝަލް ސެންޓަރު ސަރަހައްދުން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެއަށްފަހު ލޮރީއެއްގައި ޓީމު ދިޔައީ ޓީމަށް ރަސްމީކޮށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް އޮތް އާޓިފިޝަލް ބީޗު ސަަރަހައްދަށެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެ ތިބިއިރު، އެތަނުގައި އޮތް މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގެ ތެރޭގައި ހަވާ އަރުވާފައިވެއެވެ. އެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެދިފައިވެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ޓީމަށް މަރުހަބާ ކިޔުމުގައި ބައިވެރިވިއިރު، ސްޓޭޖު މަތިން ކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއާއި އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގު (ޓޮމް)އެވެ.
މި މުބާރާތުގައި ރާއްޖެއިން ރެކޯޑު ކާމިޔާބެއް ހޯދިއިރު، ފުޓްސަލް ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުމަށް ޗައިނާގައި ހާއްސަ ކޭމްޕިން ހަރަކާތެއް ކުރިއަށްގެންދިޔައެވެ. އަދި މި މުބާރާތާ ދިމާކޮށް ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަމށް އުޒްބަކިސްތާނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗެއް ގެނެސްފައިވެއެވެ.
