ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފަށައިފި

ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާއިރު، ކޮންމެ ފަރާތަކަށް ލިބޭ ޕްލޮޓްގެ މައުލޫމާތު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު އެ ފަރާތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ. އަދި ގުރުއަތުލުމުގެ ހުރިހާ މަރުހަލާއެއް ނިމުމުން، ގޯތިތައް ހަވާލުކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ރަޖިސްޓަރީގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން އަލުން ގުރުއަތުލުން ބޭއްވުމަށް ނިންމާފައިވާއިރު، އަލަށް އެކުލަވާލި ޕްލޭންގައި ޖުމްލަ 4،072 ގޯތި ހިމަނާފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން އިތުރަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް އިއްޔެއިން ފެށިގެން ވަނީ ފަށާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަކަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް:

  • 1250 އަކަފޫޓުގެ 2603 ގޯތި
  • 1650 އަކަފޫޓުގެ 1214 ގޯތި
  • 2050 އަކަފޫޓުގެ 254 ގޯތި
  • 2450 އަކަފޫޓުގެ 01  ގޯތި

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާއިރު ކުރީގެ ޝާއިޢުކުރެވުނު ޕްލޭންގައި 610 ގޯތި މަދުވާތީ، އެ ޢަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4,072 ގޯތި ހިމެނޭހެން އައު ލޭންޑް ޔޫސް ޕްލޭން އެކުލަވައިލައި މިހާރުވަނީ ގެޒެޓުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *