ރައީސްގެ ސްޕެޝަލް އެންވޯއީ، ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ޖެފްރީ އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބޭއްވި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޙަސަންމަނިކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޑރ. ވަހީދު އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވާފަ އެވެ. މި އިސްތިއުފާ މި އައީ އެޕްސްޓީންއާ އެކު ބޭއްވި ގުޅުންތަކުގެ ތަފްސީލުތައް އާންމުވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފެންމަތިވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޑރ. ވަހީދު ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން، ވެރިކަން ނިމުނު ފަހުން ވެސް އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ހައްސާސް މައުލޫމާތުތަކެއް އޭނާއާ ހިއްސާކުރައްވާފައިވެ އެވެ. މި މައްސަލައިގައި ގިނަ ބަޔަކު ދިޔައީ އެމަނިކުފާނު މަގާމުން ވަކިކުރުމަށް ނުވަތަ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިޔެކިޔުންތަކާ އެކު އެޕްސްޓީންގެ މައްސަލަ އަލުން ހޫނުވެފައިވާއިރު، އޭނާއަކީ ޖިންސީ ގިނަ ކުށްތަކެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި މީހެކެވެ.

އެމެރިކާގެ ޖަސްޓިން ޑިޕާޓްމެންޓުން އާންމު ކުރި ލިޔެކިޔުންތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ ވަހީދު، އެޕްސްޓީން އަތުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ ވާހަކަ ވެސް ދައްކާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާ ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ވެސް ވަހީދު އެޕްސްޓީންއަށް މައުލޫމާތު ހިއްސާކޮށްފައިވާކަން ހާމަވާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އަލަށް އާންމު ކުރި ލިޔެކިޔުންތަކުގައި ވަހީދުއާއި ގުޅޭ ނުވަތަ އޭނާގެ ނަން ހިމެނިފައިވާ 649 ޑޮކިއުމެންޓް އެބައޮތެވެ. އަދި ވަހީދު، އެޕްސްޓީންއާއި ވަކިން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްތިއުފާދެއްވުމާ ގުޅިގެން ކުރީގެ ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަހީދާ އެޕްސްޓީނާ ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިން ކަމަށެވެ. އަދި އެޕްސްޓީނާއި ވަހީދާ ދެމެދުގައި އޮތް ގުޅުމަކީ ޕްރޮފެޝަނަލް ގުޅުމެއްކަމަަށާއި، އެ ގުޅުން އުފެއްދެވީ އެއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ހާލަތުން އަރައިގަތުމަށް ބޭނުންވާ އިރުޝާދާއި މައުލޫމާތު ދެވޭނެ ގާބިލު މީހެއްގެ ގޮތުގައި ދައުލަތްތަކުގެ ވެރިން އޭނާ ތައާރަފުކޮށް އެރުވުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ވަހީދާ އެޕްސްޓީނުގެ މެދުގައި ގުޅުން އުފެދުނުއިރު އެޕްސްޓީނުގެ މައްޗަށް 2008 ވަނަ އަހަރު ކުޑަކުއްޖަކާ ޖިންސީ ގުޅުން ބާއްވައިގެން ހުކުމެއް އިއްވާފައި އޮތްކަން ރައީސް ވަހީދަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަންކަން އެނގިވަޑައިގެންނެވިނަމަ ފުރަތަމަ ބައްދަލުވުމަށްފަހު އިތުރު ގުޅުމެއް އެޕްސްޓީނާ އެމަނިކުފާނު ނުބޭއްވެވީސްކަމަށް އެބަޔާނުގައި ބުންޏެވެ.

އަދި އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވެވީ އެޕްސްޓީނާ އެއްވެސް ބާވަތެއްގެ ކުޑަ ނަމަވެސް ބާއްވަވައިފިނަމަ އެކަމުގެ ވަށައިގެން އުފެދިފައި އޮތް ވިހަކަމުގެ ސަބަބުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދިވަޑައިގަންނަވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *