ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރެވެ.

ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރެވެ. ހޭދަކުރުމުގެ މައްސަރެވެ. ވީ އިރު ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރާށެވެ! މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވާށެވެ! ފިޠުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެކެވެ. ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ޚަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ. އެއީ ބޮލަކަށް ޞާޢެއްގެ މިންވަރެވެ. މި ޒަމާނުގެ ގޮތުން ނަމަ އެއީ، ދެ ކިލޯ ހަތަރު ސަތޭކަ ގުރާމެވެ.

މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައެވެ. އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް އެ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މި ދަނީ ފެންނަމުންނެވެ. މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އަޚުވަންތަ ބަޔަކަށްވާންޖެހެއެވެ. އުންމަތުގެ ސަފުތައް ބަދަހިކުރާންޖެހެއެވެ. އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވާންޖެހޭނެއެވެ. މުޞީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވާންޖެހޭނެއެވެ. އިސްލާމީ އުންމަތަށް ނަޞްރެއްލިބޭނީ އުންމަތް އެކަތިގަނޑަކަށްވެގެންނެވެ. ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެއެވެ.

އުންމަތުގެ މުސްތަޤުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައަޅާންޖެހެއެވެ. ރަމަޟާން މަހަކީ ނަޞްރާއި ފަތަޙައިގެ މައްސަރެވެ. ރަމަޟާން މަހަކީ ތަރުބަވީ މަދުރަސާއެކެވެ. މިއީ ޒުވާނުންގެ ނަފްސުތައް ތަރުބިޔަތު ކުރަން އޮތް ރަނުގެ ފުރުޞަތެކެވެ. މައިންބަފައިން ތިޔަ ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ޙަޤީޤަތަކަށް ހަދަން މުރާލިކަމާ އެކު ތެދުވާށެވެ! ތިޔަ ޒުވާނުންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ހެޔޮލަފާ ޚުލްޤު ރަނގަޅު ބަޔަކަށް ވާށެވެ! މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން އެއްކިބާވާށެވެ! ޖަމާޢަތުގައި ނަމާދު ކުރުމަށް ފަރުވާތެރިވާށެވެ! ރިވެތި އަޚުލާޤުން ޒީނަތްތެރިވާށެވެ! ޢިލްމާއި ފިކުރީ ގޮތުން ކުރިއަރައިދާން މަސައްކަތްކުރާށެވެ! މިއީ ޢިލްމުގެ ޤަރުނެވެ. އިސްލާމީ ސަޤާފަތާއި ޙަޟާރަތު އިޢާދަވެ މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބޭނީ، އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ދެ ޖިންސުގެ މުސްލިމު ޒުވާނުން ޢިލްމާއި ފަންނިއްޔާތުގައި ކުރިއަރައިގެންނެވެ. ރަމަޟާންމަހަކީ އަހަރެމެންގެ ވިސްނުމާއި ފިކުރު ހެޔޮމަގަށް ގެންނާން އޮތް އެންމެ ހެޔޮ ވަގުތެވެ. ޢަޒުމު ވަރުގަދަ ބަޔަކަށް ވަމާ ހިނގާށެވެ!

  • ހުކުރު ޚުޠުބާއިން
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *