މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަޙްމަދު މުޙައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ، އެސިސްޓެންޓު ކޮމިޝަނަރު އަޙްމަދު މުޙައްމަދަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރުކަން ހުސްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. އެހެންވެ، މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޢަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޓޫފޯއަކީ 1995 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށް ފުލުހުން ބުންޏެވެ.
