ނިދުމުގެ ކުރިން ކެއުމުގެ އާދަތައް ގެންގުޅޭގޮތުންވެސް ތިމާގެ ބަރުދަނަށް ބަދަލު ގެނެވިދާނެއެވެ. ބަނޑުގެ ސަރުބީތައް ވިރުވާލުމަށްޓަކައި ނިދުމުގެ ކުރިން ބުއިން ރަނގަޅުކަމަށް މާހިރުން އިރުޝާދުދޭ ޖޫސްތަކެއް ތިރީގައި އެވަނީއެވެ.
ކިއުކަމްބާ ޖޫސް
ކިޔުކަމްބާގައި ގިނަ އަދަދަކަށް ފައިބަރ ހުރުމުގެ އިތުރުން ފުދޭވަރަކަށް ވިޓަމިންއާއި މިނަރަލްސް އެކުލެވެއެވެ. އަދި ކެލެރީ އެންދުމުގެ އިތުރަށް އެނޓިއޮކްސިޑެންޓް ހުރެއެވެ.
ނިދުމުގެ ކުރިން ތާޒާ ކިޔުކަމްބާ ޖޫސްތައްޓެއް ބޯށެވެ. ބޭނުން މިންވަރަކަށް ފެންއަޅައިގެން ހެޔޮވަރުވަރެއްގެ ތާޒާ ކިޔުކަމްބާއަކުން ޖޫސް ހަދާށެވެ. މީރުކޮށްލަން ބޭނުންނަމަ ލުނބޯ ނުވަތަ އިނގުރުކޮޅެއް ލެވިދާނެއެވެ. ނިދުމުގެ ކުރިން އެއްމަސް ވަންދެން މި ޖޫސް ބޮއިފިނަމަ ނަތީޖާ ފެންނާނެއެވެ.
އިނގުރު ސައި
އިނގުރަކީ ބޭސްވެރިކަމަށްވެސް ބޭނުންކުރާ ފައިދާހުރި ކާނާއެކެވެ. އަދި އެއީ ފަލަވާ ބައްޔާ ދެކޮޅަށް ހަނގުރާމަކޮށްދޭ އެއްޗެކެވެ. އިނގުރު ސަޔަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލޭގެ ތެރެއަށް ދަމައިގަތުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ހަޖަމު ކުރުމަށްވެސް އެހީވެއެވެ. ލުނބޯއާއި މާމުއި އަދި އިނގުރު ބޭނުންކޮށްގެން ހޫނުކޮށްވެސް ނުވަތަ ފިނިކޮށްވެސް އިނގުރު ސައި ހެދިދާނެއެެވެ. މިއީ ބަނޑު ހިންދަން ބޭނުން މީހުން ނިދުމުގެ ކުރިން ބޭނުންކުރަން ރަނގަޅު ޖޫހެކެވެ.
ލުނބޯއާއި ކިޔުކަމްބާ ޖޫސް
ލުނބޯ އަކީ ބަނޑުގައި ހުންނަ ފެޓްސް ވިރުވާދޭ އެއްޗެކެވެ. ފެނަށް ލުނބޯހުތް އަޅައިގެން ބުއިމުން ބަނޑުގައި ހުންނަ ފެޓްސްތައް ވިރުވުމަށް އެހީތެރިވެދެއެވެ. ދުވާލަކު ހަތަރު ފަހަރު ލުނބޯ ޖޫސްބޯނަމަ ބަނޑުގައި ހުންނަ ފެޓްސް ވިރުވައިދީ އަދި ލިޕިޑް ޕްރޮފައިލް ރަނގަޅުކޮށްދެއެވެ. ހަމަކަނި ލުނބޯ ޖޫސް ބުއިމުގެ ބަދަލުގައި ރަހަ މީރުކުރުމަށްޓަކައި ލުނބޯއާއިއެކު ކިޔުކަމްބާ ނުވަތަ އޮރެންޖު ބޭނުން ކުރެވިދާނެއެވެ. ބޭނުންނަމަ މާމުއި ކޮޅެއް އަޅާށެވެ.
ގްރީން ޓީ
ގްރީން ޓީ އަކީ ހަމަނިދި ލިބުމަށާއި އަވަހަށް ނިދުމަށް ފަސޭހަކޮށްދޭ ބުއިމެކެވެ. އެހެން ސައިފަތްތަކާއި ޚިލާފަށް ގްރީން ޓީގައި ކެފެއިންގެ ބައި މަދެވެ. މީގެ އިތުރުން މިއީ ކާތަކެތި ހަޖަމްކުރުމަށް އަވަސްކޮށްދީ އަދި ހަށިގަނޑުން ވިހަ ބޭރުކުރުމަށް އެހީތެރިވެދޭ ސައެވެ.
